އިޒްރޭލުން ލުބުނާނުގެ ދެކުނަށް ދެމުންދާ ހަމަލާތަކުގައި ލުބުނާނުން ޝަހީދުވި މީހުންގެ އަދަދު 2،000 އާއި ގާތަށް ހިނގައްޖެއެވެ.
ލުބުނާންގެ ސިއްޙީ ވަޒީރު ފިރާސް އަލަބިއަދު ވިދާޅުވެފައިވަނީ އޮކްޓޯބަރު 8، 2023 އިން ފެށިގެން އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1,974 އަށް އަރާފައިވާ ކަމަށެވެ. މީގެ އިތުރުން 9,384 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބެއިރޫތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ހާމަކުރެއްވި އިތުރު މަޢުލޫމާތުތަކުގެ ތެރޭގައި ޝަހީދުވި މީހުންގެ ތެރޭގައި 127 ކުޑަކުދިން ހިމެނޭކަމާއި، މެޑިކަލް އަދި އިމަރޖެންސީ ޓީމުތަކުގެ 40 މުވައްޒަފުން ޝަހީދުވެފައިވާކަމާއި، އެތައް ޞިއްޙީ މަރުކަޒުތަކަކަށް ގެއްލުން ލިބިފައިވާކަމަށެވެ.
އިޒްރޭލުން ބުނާ ގޮތުގައި މި ހަމަލާތަކުގެ އަމާޒަކީ ހަމައެކަނި ހިޒްބުﷲގެ އަމާޒުތަކެވެ. ނަމަވެސް ލުބުނާންގެ ސިއްޙީ ވުޒާރާއިން ބުނާ ގޮތުގައި މި ހަމަލާތަކުގައި 1,100 އަށް ވުރެ ގިނަ އާއްމުން ޝަހީދުވެފައި ވެއެވެ. މި ހަމަލާތައް ފެށިފައިވަނީ ޣައްޒާއަށް އިސްރާއީލުން ދޭ ހަމަލާތަކާއި އެއްވަގުތެއްގައެވެ. ނަމަވެސް ސެޕްޓެމްބަރު 23 އިން ފެށިގެން މި ހަމަލާތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ.
ޣައްޒާގައި މިހާތަނަށް 41,800 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ގިނަ އަދަދެއް ހިއްސާކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން އިންޒާރު ދީފައިވަނީ ލުބުނާންގައި އިސްރާއީލުން ދޭ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ހަނގުރާމަ ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެދާނެއެވެ.