ފުޓްބޯޅަ އެސޯސިއޭޝަންގެ ޚިޔާނާތުގެ މައްސަލާގައި ތުހުމަތުކުރެވޭ ބައްސާމް އަދީލް ޖަލީލުގެ 2 އެޕާޓްމަންޓް މިމަހުގެ 6 ވަނަދުވަހުގެ ކުރިން ފުލުހުންނާއި ހަވާލުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ ބައްސާމްގެ މިލްކިއްޔާތުގައިވާ ހުޅުމާލޭގެ އަމީން އެވެނިއުގެ 2 އެޕާޓްމަންޓް މިހިނގާ އޮކްޓޫބަރ މަހުގެ 6 ވަނަ ދުވަހުގެ ކުރިން ފުލުހުންނާއި ހަވާލުކުރުމަށް މިދިޔަ ސެޕްޓެމްބަރ މަހުގެ 28 ގައި ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.
އެ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށްވެސް ފުލުހުންގެ މީޑިއާ ގްރޫޕުގައި ބުނެފައިވެއެވެ.
އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ޢަދީލް ޖަލީލް ޕްރޮޕަރޓީސް ގަނެފައިވާކަމާއި، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ޚަރަދުތައް ކުރަމުން ގެންދާކަމާއި، ޢާއިލާގެ ހަރަދުތައް ބަލަހައްޓައި ބޭރު ދަތުރުތައް ކުރަމުންގެންދާކަން ތަހުގީގަށް ހޯދިފައިވާކަމަށް ޕީޖީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.
ޕީޖީން ބުނީ ފީފާއިން ދޭ ފައިސާ ޑޮލަރުން ޖަމާކުރުމުން އެފްއޭއެމުން ޑޮލަރު ވިއްކައިގެން ދިވެހި ރުފިޔާ ހޯދަމުން ގެންދިޔައީ އެއްވެސް އުޞޫލެއް ނެތިކަމަށާއި އެކަން ކޮށްފައިވަނީ އެކަމާ ގުޅޭ ރެކޯޑުވެސް ބެހެއްޓުމެއް ނެތި ކަމަށެވެ.