މެދުއިރުމަތީގެ މައްސަލަ ހައްލުކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ޗައިނާއިން ގޮވާލައިފިއެވެ.
ލުބުނާނުގައި ހިޒްބުﷲއާއި އިޒްރޭލުގެ ސިފައިންނާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން އިޒްރޭލުން އިތުރު ވައިގެ ހަމަލާތަކެއް ދިނުމާއި ގުޅިގެން، މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޗައިނާއިން އދ.ގެ ސަލާމަތީ މަޖިލީހަށް ވަނީ ގޮވާލައިފައެވެ.
އދ. އަށް ކަނޑައަޅާފައިވާ ޗައިނާގެ ދާއިމީ މަންދޫބު ފޫ ކޮންގ ވިދާޅުވީ އިޒްރާއީލާއި ލުބުނާނުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ސަލާމަތީ މަޖިލީހުން ސާފު އަދި ސީދާ އަމުރުތަކެއް ނެރެންޖެހޭ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ އަމަން އަމާންކަން ދެމެހެއްޓުމުގައި ސަލާމަތީ މަޖިލީހުގެ އެންމެ މުހިންމު ޒިންމާ އޮތް ކަމަށާއި، ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކުން ސިޔާސީ އަދި ޑިޕްލޮމެޓިކް ހައްލުތަކަށް އެނބުރެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިޒްރޭލުން ބެއިރޫތުގެ މެދުތެރެއަށް މިސައިލް ހަމަލާތަކެއް ދިނީ، އީރާނުން އިޒްރާއީލަށް 180 އަށްވުރެ ގިނަ މިސައިލް ހަމަލާ ދިން ފަހުންނެވެ. އިޒްރޭލުން ވަނީ ލުބުނާނަށް މިހާރު އެއްގަމު މަގުން ވެސް އަރާފައެވެ.
ފޫ ކޮންގ ވިދާޅުވީ މިހާރުގެ ހާލަތު ވަރަށް ގޯސް ކަމަށެވެ. އަދި އިތުރު އަސްކަރީ ހަރަކާތްތަކަށް ހިތްވަރުދޭ ފަދަ އެއްވެސް ބަހެއް ބުނުމަކީ ނުރަނގަޅު މެސެޖެއް ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މިހާތަނަށް ދުވަހަކު ވެސް ނުދެކޭ ފަދަ އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށާއި، ޣައްޒާ ވަނީ "ބިންމަތީގެ ނަރަކައަކަށް" ވެފައި ކަމަށް ފޫ ކޮންގ ވިދާޅުވިއެވެ. އަދި ލުބުނާނުގައި 1.2 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ހިޖުރަކުރަން މަޖުބޫރުވެފައިކަން ވެސް އޭނާ ފާހަގަ ކުރެއްވެވިއެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާއިން ހުރިހާ ފަރާތްތަކަކަށް، ޚާއްޞަކޮށް އިޒްރޭލަށް ގޮވާލާފައި ވަނީ ވަގުތުން ހަނގުރާމަ މަޑުޖައްސާލުމަށެވެ. އަދި ލުބުނާނުގެ ސިޔާދަތަށް އަރައިގަތުމަށް ޗައިނާއިން ދެކޮޅު ހަދާ ކަމަށް ވެސް ބުނެފައިވެއެވެ.