ރިސޯޓުތައް ހިމެނޭ ގޮތަށް ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގެ ވެރިންނަށް ދިވެހި ޒުވާނުން ހެދުމަކީ އެންމެ ބޮޑު އެއް އަމާޒުކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދުނިޔޭގެ ޓުއަރިޒަމް ދުވަހުގެ މުނާސަބާތުގައި ދެއްވި ހިތާބުގައެވެ. އެ ޚިތާބުގައި މިނިސްޓަރު ވަނީ ދިވެހިން ކުރިއެރުންތައް ހޯދަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހިންނަކީ ފަތުރުވެރިކަމުގެ ދާއިރާގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އޮތް ބައެއް ކަމަށާއި ދިވެހި ޒުވާނުން މި ވިޔަފާރިކުރުމަށް ބާރު އެޅުމަކީ މި ސަރުކާރުގެ ސިޔާސަތުކަމަށެވެ.
އަދި ދިވެހިން ފަތުރުވެރިކަމުގެ ދާއިރާގައި ބާރުވެރިކަން ހާސިލްކުރަން ބޭނުންވާ އަމާޒުތައް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންގެ ބޮޑު ބަޔަކީ ދިވެހިންނަށް ހަދަން ބޭނުންވާކަމަށާއި ރިސޯޓަކުގެ އެހެނިހެން އިސް މަގާމުތަކުގެ ވަޒީފާތަކުގައިވެސް ދިވެހިން ތިބުން އެއީ އެއް އަމާޒުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ޒުވާނުން ޓޫރިޒަމްގެ ތެރެއަށް ވަދެ، އިންވެސްޓްކޮށްގެން ތިން ހަތަރު ރިސޯޓުގެ އޯނަރުން ގޮތުގައި ހެދުމަކީ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި އަމާޒުތަކަށް ވާސިލްވުމަށްޓަކައި ފަތުރުވެރިކަމަށް ގެއްލުން ލިބޭނެ އެއްވެސް ކަމެއް އެއްވެސް ދިވެއްސަކު ނުކުރުން މުހިއްމުކަމަށެވެ.
"ޓުއަރިޒަމަށް ބަރޯސާވެފައި އޮންނަ ގައުމަކަށް ވާތީ، ގައުމުގެ ހަމަޖެހުމަކީ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ވިސްނަން ޖެހޭ އަހަންމިއްޔަތުކަން ދޭން ޖެހޭ ކަމެއް," ފައިސަލް ވިދާޅުވިއެވެ.
މީގެއިތުރުން ދުނިޔޭގެ ލީޑްކުރާ ފަތުރުވެރިންގެ މަންޒިލަކަށް ރާއްޖެ މިއަދު ވެފައިވަނީ މިއީ ދިވެހިންނަށް ނުކުރެވޭނެ ކަމެއް ގޮތަށް މުޅި ދުނިޔެއިން ބުނަމުން ދަނިކޮށް އެކަމަށް ޗެލެންޖުކޮށް ދިވެހި ބަޔަކު ކުރި މަސައްކަތުންކަން މިނިސްޓަރު ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.