ހައްޖު ކޯޕަރޭޝަނުން އިމާރާތްކުރާ ހައުސިން މަޝްރޫއުގެ ޒައިން ހިދުމަތް ފޯރުކޮށްދިނުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްފިއެވެ.
މަސައްކަތުގެ އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލްއެވެ. އަދި އެފްޑީސީގެ ފަރާތުން ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލްއެވެ.
އެކަމާ ގުޅިގެން އެފްޑީސީން ނެރުނު ބަޔާނުގައި ބުނީ މި އެއްބަސްވުމުގެ މަގުސަދަކީ ހައްޖު ކޯޕަރޭޝަނުގެ ހައުސިން މަޝްރޫއު "ނިއަމް ރެސިޑެންސް" އަށް ބޭނުންވާ އާކިޓެކްޗަރަލް، އިންޖިނިއަރިން އަދި ކުރެހުންތައް ފޯރުކޮށްދިނުމާއި، ކޮންސަލްޓެންސީގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
ކުންފުންޏަށް ފަސް އަހަރު ފުރުމާ ދިމާކޮށް އަދި ކުންފުނީގެ މެންޑޭޓަށް އައި ބަދަލާ އެކު އާމްދަނީ އިތުރު ކުރުމުގެ ގިނަ މަސައްކަތްތައް ކުރަމުން ދާކަން ފާހަގަކޮށް އެފްޑީސީން ބުނީ ހައްޖު ކޯޕަރޭޝަނުގެ އިތުރުން އިިސްލާމިކް މިނިސްޓްރީ އާއި މޯލްޑިވްސް ގޭހާ އެކު އެފަދަ އެއްބަސްވުމުގެ ދަށުން ހިދުމަތްތައް ފޯރުކޮށްދެމުންދާ ކަމަށެވެ.
އަދި މިއީ އެ ކުންފުންޏަށް އިތުރު ފުރުސަތުތައް ލިބޭނެ މަސައްކަތެއް ކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ހައްޖު ކޯޕަރޭޝަންގެ އައު އިމާރާތުގެ ބިންގާ އެޅުމަށް މި މަހުގެ ކުރީކޮޅު ބޭއްވި ހަފްލާއަށް ފަހު އެމްޑީ ޝަކީލް ވަނީ ހައުސިން މަޝްރޫއާ ގުޅޭ ބައެއް މައުލޫމާތު ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ވޭތުވެ ދިޔަ 11 ވަރަކަށް އަހަރު ތެރޭ ހައްޖު ކޯޕަރޭޝަން ހިންގަމުން އައިސްފައިވަނީ ސަރުކާރަށް ވަރަށް ބޮޑަށް ބަރޯސާ ވެގެންނެވެ.
ނަމަވެސް ހައްޖު ކޯޕަރޭޝަނަކީ އަމިއްލަ ފައި މައްޗަށް ނުތެދުވެވޭ ވަރުގެ ކުޑަ ކުންފުންޏެއް ނޫން ކަމަށާއި، ސަރުކާރަށް ބަރޯސާ ނުވެ ހިންގޭ ވަރުގެ ކުންފުންޏަކަށް އެ ކޯޕަރޭޝަން ހެދުމަށް ހުޅުމާލޭގައި ލަގްޒަރީ ރެޑިޒެންޝިއަލް ބިލްޑިން އެއް އިމާރާތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.
މިއީ އެ ކުންފުންޏަށް އާމްދަނީ ހޯދުމަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެއް ނަމަވެސް، މަސައްކަތް ހަވާލުކުރާ ބަޔަކާއި އެޕާޓުމަންޓުތަކުގެ އަދަދު އަދި އިމާރާތާ ބެހޭ އެއްވެސް ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވެއެވެ.