އިންޓަނޭޝަނަލް ބަންކަރިން ފަދަ މެރިޓައިމް ޚިދުމަތްތައް ރާއްޖޭގައި ކުރިން ފެށިފައި ނުވަނީ ކުރީ ސަރުކާރުތަކުގެ ވެރިންގެ ހިތްވަރާއި ކެރުންތެރިކަން ނެތުމުން ކަމުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އިހަވަންދިޕޮޅުގައި އިންޓަނޭޝަނަލް ބަންކަރުިން ޚިދުމަތް ފެށުމަށް މިއަދު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ 10 މަސްދުވަހުގެ ތެރޭގައި މިމަސައްކަތް ފެށިގެން ދިޔައީ އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލުމަށްފަހު ކަމަށެވެ. މިގޮތުން ދައުލަތުން ގިނަ އަދަދަކުން މުސާރަ ނަންގަވާ ފަރާތްތަކުން މިމަސައްކަތް ވިޔަ ނުދިނުމަށް މަސައްކަތްކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ބަންކަރިންގ ޚިދުމަތް ފޯރުކޮށްދިނުމުގެ އެއް ހިއްސާދަރު ކަމަށްވާ ވިޓޯލް ކުންފުނިން ރާއްޖެއަށް އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އިތުބާރުކުރައްވާކަމަށާއި ވިޓޯލް އިން ރާއްޖޭގައި އިތުރަށް އިންވެސްޓްކުރާނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ ރައީސް ޑރ މުޙައްމަދު މުޢިއްޒާއި އެކު ވިޓޯލްގެ ބޭފުޅުންނާއި ބައްދަލުވި ކަމަށާއި އެބޭފުޅުން ވަނީ އިހަވަންދިޕޮޅުގައި އެކުންފުނިން އިތުރު އިންވެސްޓްމަންޓްތަކެއް ކުރާނެކަމުގެ ޔަޤީންކަން ރައީސްއަށް ދެއްވާފައިކަމަށެވެ.
އުތުރުގައި މިއަދު އިފްތިތާހުކުރެވުނު ބަންކަރިން ޚިދުމަތުން ރާއްޖޭގެ އިޤްތިސާދަށް އިންޤިލާބީ ކުރިއެރުންތަކެއް އަންނާނެކަމަށް މިނިސްޓަރ ސަޢީދު ވަނީ ކުރިންވެސް ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އުތުރުގެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރުގެ ތެރެއިން %1 ބޯޓަށް ޚިދުމަތް ދެވުނު ކަމުގައި ވިޔަސް އަހަރެއްގެ މައްޗަށް ރާއްޖޭގެ ޖީޑީޕީއަށް ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު އިތުރުކުރެވިގެންދާނެއެވެ.
ވިޓޯލްއަކީ އެކި ޤައުމުތަކުގައި ބަންކަރިން ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. އިހަވަންދިޕޮޅުގައި ބަންކަރިން ޚިދުމަތް ފޯރުކޮށްދެނީ ވިޓޯލްއާއި އެސްޓީއޯ އަދި އެމްޕީއެލް ގުޅިގެންނެވެ.
ބަންކަރިންގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިގްތިސާދީ ވަޒީރު މުހައްމަދު ސައީދާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި އެމްޕީއެލްގެ އެމްޑީ އިބްރާހީމް ވަޖީހު އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.