Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

އެފްއޭއެމްގެ ފައިސާއިން ފުލެޓް ގަތް މައްސަލައިގައި ބައްސާމާއި އިތުރު ބަޔަކަށް ދައުވާކުރަން ފޮނުވައިފި

ކޮވިޑު-19 ތެރޭގައި ކްލަބްތަކަށް ފައިސާ ދޫކުރަން ދިވެހި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)އަށް ދިން ފައިސާ ބޭނުންކޮށްގެން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެ ފުލެޓު ގަތްކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކުރަން ފޮނުވައިފި އެވެ.

ބައްސާމްގެ މައްޗަށް ތުހުމަތުކުރެވެނީ ކޮވިޑު ތެރޭގައި ކުލަބުތަކަށް ފައިސާ ދޫކުރަން ދުނިޔޭގެ ފުޓުބޯޅަ އިދާރާ (ފީފާ)އިން އެފްއޭއެމަށް ދިން 1.9 މިލިއަން ޑޮލަރުން ނަގައިގެން އަމީން އެވެނިއުއިން ދެ ފްލެޓް ގަތްކަމަށެވެ.
ފުލުހުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، އެފްއޭއެމްގެ ފައިސާއިން ފުލެޓު ގަތް މައްސަލައިގައި ބައްސާމާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ބައްސާމް ވަނީ އެ ދެ ފުލެޓު ގަތުމަށް އެފްއޭއެމްގެ 3،084،000 ރުފިޔާ ބޭނުންކޮށްފަ އެވެ. އެގޮތުން، އެފްއޭއެމްއިން އަމީން އެވެނިއުއަށް އޭޕްރީލް 14، 2021 ގައި އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މީގެއިތުރުން އެ އަދަދަށްވާ ވަރަށް ދިވެހި ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ކަމަށް ދައްކަން ފޭކު ލިޔެކިޔުންތަކެއް ވެސް ތައްޔާރުކޮށްފައިވާ ކަމަށާއި، އެކަމަކު އެ ފައިސާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި މައްސަލައިގައި ބައްސާމްގެ އިތުރުން، އަމިން އެވެނިއުގެ ވެރި ކުންފުނި އަމިން ކޮންސްޓްރަކްޝަންސްގެ މައްޗަށާއި އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް މަސައްކަތްކުރި ހަސަން ވަހީދުގެ މައްޗަށް ވެސް ދައުވާކުރަން ފޮނުވާފައިވެ އެވެ. މި ފަރާތްތަކުގެ މައްޗަށް ކުރެވެނީ ހިޔާނާތާއި، އޮޅުވާލުމާއި މަނީލޯންޑްރިންގެ ކުށުގެ ތުހުމަތެވެ.
ބައްސާމްގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގައިގެން ފަށާފައިވާ ތަހުގީގާ ގުޅިގެން، ފީފާއިން ވަނީ ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތަކުން އޭނާ ސަސްޕެންޑްކޮށްފަ އެވެ.
މީގެއިތުރުން ބައްސާމްގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން ދައުލަތުން އެދިގެން، އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ވެސް މިދިޔަ ޑިސެމްބަރު މަހު ކޯޓުން އަމުރެއް ނެރެފައިވެ އެވެ. އޭގެފަހުން ކޯޓުން ވަނީ އޭނާގެ ޝަރީއަތް ނިމެންދެން ޕާސްޕޯޓް ދޫނުކުރުމަށް ވެސް ނިންމައިފަ އެވެ.

ބައްސާމްއާ ދެކޮޅަށް ދައުލަތުން ދައުވާކޮށްފައިވަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ މައްސަލައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ.

މި ލިއުމާއި ގުޅޭ