ބައިނަލްއަގްވާމީ ސީފުޑް ހަބެއް އައްޑޫގައި ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.
ވަޖީހު މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައެވެ. މި ޕްރޮގްރާމްގައި ވަޖީހު ވިދާޅުވީ އައްޑޫގައި ބޮޑު ބިމެއް ހިއްކައިގެން ފްރީ ޒޯނެއް ތަރައްގީކުރުމުގެ ތަސައްވުރެއް ގެންގުޅޭ ކަމަށާއި އެގޮތުން ބައިނަލްއަގްވާމީ ސީފުޑް ހަބެއް ގާއިމް ކުރުމަށް ރާވާފައިވާ ކަމަށެވެ.
އައްޑޫގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ރިސޯޓުތަކަށް ބޭނުންވާ ސީފުޑް ސަޕްލައި ކުރުމަށް ބޭރު ގައުމުތަކުން އިމްޕޯޓްކުރާ މިންވަރު މަދު ކުރެވޭނެ ކަމަށް ވަޖީހު ވިދާޅުވިއެވެ. އަދި މިއީ ވަރަށް ބޮޑު ވިޔަފާރިއަކަށް ވާނެ ކަމަށާއި އެއާއެކު ޑޮލަރު ލިބުމަށް ވެސް ފަސޭހަ ވާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ ސީފުޑް ހަބް ގެ އިތުރުން އައްޑޫގައި ރޯ-ރޯ ޓާމިނަލެއް އެޅުމަށް ވެސް އެ ކުންފުނީގެ ވިސްނުމުގައި އޮތް ކަމަށާއި އެގޮތުން އެތަނުގައި ވެހިކަލްތައް އެސެމްބްލްކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވޭނެ ރޭވިފައިވާ ކަމަށެވެ.
މީގެ އިތުރުން ވަޖީހު ވިދާޅުވީ ވެހިކަލްތަކަށް އަމާޒުކޮށްގެން ދުނިޔޭގެ މާކެޓަށް ވަދެގެން ކޮންމެވެސް އެއް ބަޔަކު ރާއްޖެއަށް ގެނެސްގެން ރާއްޖޭގައި އެކަންކޮށްގެން އެކްސްޕޯޓް ކުރައްވާނެ ކަމަށާއި މިފަދަ މަޝްރޫއުތަކަކީ ރާއްޖޭގެ އިގުތިސޯދަށް އާ ދޮރުތަކެއް ހުޅުވައިދޭނެ ކަމަށެވެ.