މިއަހަރު ޖުލައިމަހާ އަޅާބަލާއިރު، އޮގަސްޓްމަހު ޑެންގޫ ފިޔަވައި އެހެން ބަލިތައް އިތުރުވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ޢާއްމުކުރައްވާފައިވާ މިދިޔަ މަހުގެ ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ޙާލަތު ރިޕޯޓުގައިވަނީ ރާއްޖޭގައި ޑެންގޫ ހުންޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު ޖުލައިމަހާ އަޅާބަލާއިރު ދަށްވި ނަމަވެސް އެހެން ބަލިތައް އިތުރުވެފައިވާކަމަށެވެ. އެގޮތުން ޖުލައި މަހު 577 މީހަކު މި ބަލިޖެހިގެން ރިޕޯޓުކޮށްފައިވާއިރު މިދިޔަ މަހު ޑެންގޫޖެހިގެން ރިޕޯޓުކޮށްފައިވަނީ 393 މީހެކެވެ. ޢަދަދުތައް މަދުނަމަވެސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް މަދުކުރުމަށް ފިޔަވަޅުއެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.
މިދިޔަ މަހު އަރިދަފުސް ރޯގާޖެހިގެން 32258 މީހަކުވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ކުރީ މަހު 30486 މީހަކުވަނީ އަރިދަފުސް ރޯގަ ޖެހިގެން ރިޕޯޓުކޮށްފައެވެ. އެހެންކަމުން ޖުލައި މަހާއި އަޅާ ބަލާއިރު، އޮގަސްޓް މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ.
އެޗްޕީއޭއިން ވިދާޅުވީ އޮގަސްޓް މަހު އިންފްލުއެންޒާގެ ޢަލާމަތްތައް ހުރެގެން ޓެސްޓުކުރެވުނު މީހުންގެ ޢަދަދު ދައްވެފައިވާކަމަށެވެ. އެގޮތުން 89 މީހަކު ޓެސްޓުކޮށް މީގެތެރެއިން 15 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
މިގޮތުން ޖުލައި މަހު އިންފްލުއެންޒާއަށް ޓެސްޓުކޮށްފައިވަނީ 439 މީހެކެވެ. މީގެތެރެއިން ޕޮޒިޓިވްވެފައިވަނީ، 100 މީހެކެވެ. އަދި މިއާއެކު މިއަހަރުގެ މިހާތަނަށް ޓެސްޓު ކުރެވުނު އަދަދު ޖުމްލަ 2023 އަރާއިރު މި ސާމްޕަލްތަކުގެ ތެރެއިން 409 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ބޭރަށް ހިނގުން ޖެހިގެން ރިޕޯޓުކުރި މީހުންގެ ޢަދަދުވެސް ވަނީ އޮގަސްޓް މަހު އިތުރު ވެފައެވެ. އެގޮތުން 5105 މީހަކު ޖުލައި މަހު ރިޕޯޓުކުރި އިރު، އޮގަސްޓް މަހު މިބަލިޖެހިގެން 5460 މީހަކުވަނީ ރިޕޯޓުކޮށްފައެވެ.
ރާއްޖޭގައި އާންމުވާ މޫސުމީ ހުމާއި ރޯގާގެ އެކި ބަލިތައް އޮގަސްޓް މަހު ރިޕޯޓު ކުރި މިންވަރު އިތުރަށް ދިޔުމުން، ބަލިތަކުން ދުރުހެލިވުމަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަބަދުވެސް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި ވައިރަހުގެ ޒަރިއްޔާއިންނާއި އެކި ޖަރާސީމުތަކުން ޖެހޭ މިފަދަ ޢާއްމު ބަލިތަކާއި ދުރުހެލިވުމަށް ޢާއްމު ސާފުތާހިރުކަމަށް ސަމާލުވުމަށްވެސް އެ އެޖެންސީއިން އިލްތިމާސްކުރައްވައެވެ.
މިގޮތުން މަދިރި އާލާވާގޮތަށް ފެން ހަރުލާފަ ހުންނަ ތަންތަން ނައްތާލުމަކީ ދުރާލާ ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެއް ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.