ހުސްވެފައިވާ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަނުކުރުމަށް، ރައީސުލްޖުމުހުރިއްޔާ ނަން ފޮނުއްވާފައިވާ ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފަށް މިއަދުގެ ވޯޓުގައި ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ރުހުން ދީފިއެވެ.
ޕީޖީ ކަމަށް އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ އައްބާސްގެ ނަން އެކަންނެވެ. ޖުޑީޝަރީ ކޮމިޓީން ވަނީ އޭނާގެ ނަން ދިރާސާ ކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމަށް ފަހު އިއްޔެ އޭނާއާ އިންޓަވިއު ކޮށްފައެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެކަމާއި ގުޅިގެން ބަހުސްކުރަން ހުޅުވާލިއިރު ބަހުސްގައި ބައިވެރިވެވަޑައިގަތް ހުރިހާ މެންބަރުންވެސް ވަނީ އޭނާގެ އެ މަގާމު އިޚްލާސްތެރިކަމާިއ ތެދުވެރިކަމާއެކު އަދާކުރައްވާނެކަމާމެދު ޔަގީންކުރައްވާކަމަށް ވިދާޅުވެފައެވެ.
މިއަދުގެ ޖަލްސާގައި އައްބާސް އެ މަގާމަށް އައްޔަންކުރަން ވޯޓަށް އަހާފައިވާއިރު ވޯޓުގައި ބައިވެރިވެވަޑައިގަތް 85 މެންބަރުންގެ އިއްތިފާގުން ވަނީ އޭނާ އެ މަގާމަށް އައްޔަނުކުރަން ނިންމާފައެވެ.
ހުރިހާ މެންބަރުންގެ އިއްތިފާގުން އައްބާސްއަށް ރުހުން ދީފައިވާއިރު އިއްޔެ ބޭއްވި ޖުޑީޝިއަރީ ކޮމެޓީގެ ބައްދަލުވުމުގައި އެ ކޮމެޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވިދާޅުވީ އާންމުންގެ ޝަކުވާ އަށް ހުޅުވައިލުމުން އައްބާސް އާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށެވެ.
ޝަމީމް މަގާމުން ވަކިކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެތައް މުވައްޒަފުންނަކަށް ޖިންސީ ގޯނާކޮށް ރޭޕް ކުރި މައްސަލައިގައި އުފުލި ދައުވާތައް އަނބުރާ ގެނައުމާއި، ރައްޔިތުންގެ މަޖިލީގެ މެންބަރެއްގެ ގޮތުގައި އަލީ ރިޒާ ހުންނަވަނިކޮށް އޭނާގެ މައްޗަށް އުފުލި މީހުން ޓްރެފިކް ކުރުމުގެ ދައުވާ އަނބުރާ ގެނައުމާއި އަދި ކުރީގެ ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ މައްޗަށް އެމްއެމްޕީއާރްސީ މައްސަލައިގައި އުފުލި ދައުވާ އަނބުރާ ގެނައުން ހިމެނެއެވެ.