ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފު އައްޔަނުކުރުމަށް މަޖިލީހުގެ ހުރިހާ ސިޔާސީ ޕާޓީތަކުން ތާއީދުކޮށްފިއެވެ.
ޕީޖީ ކަމަށް އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ އައްބާސްގެ ނަން އެކަންނެވެ. ޖުޑީޝަރީ ކޮމިޓީން ވަނީ އޭނާގެ ނަން ދިރާސާ ކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމަށް ފަހު އިއްޔެ އޭނާއާ އިންޓަވިއު ކޮށްފައެވެ.
އިންޓަވިއުއަށް ފަހު އައްބާސް އެ މަގާމަށް އައްޔަންކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވިދާޅުވީ އާންމުންގެ ޝަކުވާ އަށް ހުޅުވައިލުމުން އައްބާސް އާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށެވެ. އޭނާއަށް އިންޓަވިއުއިން ލިބިފައިވަނީ 93 މާކުހެވެ.
އައްބާސް ޕީޖީކަމަށް އައްޔަން ކުރުމާއި ގުޅޭގޮތުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރަން ހުޅުވާލައި ކޮންމެ ސިޔާސީ ޕާޓީއެއްގެ ފަރާތުން މެންބަރަކު ވާހަކަ ދައްކަން ފުރުސަތު ދެއްވިއެވެ. ވާހަކަ ދެއްކެވި ހުރިހާ މެންބަރުންވެސް އައްބާސް އެ މަގާމު އަދާކުރައްވާނީ ހަމަހަމަކަމާއި އިންސާފުވެރިކޮށްކަމަށް ޔަގީންކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.
"އަލަށް އައްޔަނު ކުރެވޭ ޕީޖީގެ ފަރާތުންވެސް ރައްޔިތުންނަށް ހަމަހަމަކަމާއި އިންސާފު ހޯދައިނުމުގެ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކުރަން" ޕީއެންސީގެ މެންބަރު ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެން މިއަދު މި ވޯޓު ނަގާ ޕްރޮސެކިއުޓާ ޖެނެރަލްއާ ދޭތެރޭވެސް އަޅުގަނޑުމެން އިތުބާރު އެބަ އޮތް، އަޅުގަނޑު އުންމީދުކުރަން ވަކި ފަރާތަކަށް ނުޖެހި ހަމަ އެހެން ޕީޖީންނެކޭ އެއްގޮތަށް އެބޭފުޅާގެ ގާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރާނެކަމަށް، އެކަމާއި ދޭތެރޭ ޝައްކެއް ނުކުރަން" އެމްޑިޕީގެ މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވިދާޅުވެފައިވެއެވެ.
"އަޅުގަނޑު ޔަގީންވެސް ކުރަނީ އަލަށް އައްޔަނުކުރާ ޕްރޮސެކިއުޓާ ޖެނެރަލްގެ ސަބަބުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް އުފާވެރިކަން އަންނާނެ. ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ހެޔި ބަދަލުތަކެއް އަންނާނެ. އަދި ޕީޖީ އޮފީހުގައި ގަނޑުވެފައި އައިސް ނައްޓުވަން ވެފައި ހުރި ހުރިހާ މައްސަލަތަކެއް ބަލާ އެކަންކަން ކުރިއަށް ދާނެކަމަށް އަޅުގަނޑު ޔަގީންކުރަން. އަދި ދިވެހި ދައުލަތަށް ދިވެހިރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ އެންމެހާ ހިޔާނާތްތެރިންގެ މައްސަލަ ވީއެންމެ އަވަހަކަށް ޝަރީއަތަށް ފޮނުވައިގެން ބެލި އެމީހުންނަށް ހައްގު އަދަބު ލިބިގެންދާނެކަމަށް ޔަގީންކުރަނީ" އެމްޑީއޭގެ މެންބަރު ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެފައިވެއެވެ.