އިންޑިއާގެ ކޮލްކަތާގެ ސަރުކާރު ހޮސްޕިޓަލެއްގައި އަނިޔާވެރިކޮށް ޑޮކްޓަރަކު ރޭޕްކޮށް މަރައިލި މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގައި އާރްޖީކާ މެޑިކަލް ކޮލެޖްގެ ކުރީގެ ޕްރިންސިޕަލް، ސަންދީޕް ގޯޝް ހައްޔަރުކޮށްފިއެވެ.
ސަންދީޕް ގޯޝްގެ މައްޗައް އުފުލޭ ދަޢުވާ އަކީ ޑޮކްޓަރުގެ މަރު އިއުލާނު ކުރުން ލަސްކުރުމާއި، ފަސްޓް އިންފޮމޭޝަން ރިޕޯޓު (އެފްއައިއާރް) ހުށަހެޅުން ލަސްކުރުން ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ޕްރިންސިޕަލްގެ މަގާމުން ސަންދީޕް ގޯޝް އިސްތިއުފާ ދީފައިވާ ނަމަވެސް، ކަލްކަތާ ނޭޝަނަލް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލް (ސީއެންއެމްސީއެޗް)ގެ އިސްވެރިއަކަށް ވަގުތުން އައްޔަން ކުރުމާ ގުޅިގެން ކެމްޕަހަށް ވަނުމުގެ ހުއްދަ ނުދީ ދަރިވަރުން ނުތަނަވަސަކަނާ ފާޅުވުރަމުން ދިޔައެވެ. އޭގެ ފަހުން ކަލްކަތާ ހައި ކޯޓުން ވަނީ އޭނާ ދިގު ޗުއްޓީއަކަށް ވަޑައިގަތުމަށް އަމުރުކޮށް، އެ މަގާމުގައި ދެމިހުންނަން ނިއްމީތީ ހައިރާންކަން ފާޅުކޮށްފައެވެ.
ކަލްކަތާ ރޭޕް މައްސަލަ ދިގު ދެމުގެން ދާތީ ދިނަ ބައެއް ނުރުހުން ފާޅުކުރަމުން ދާއިރު މިހާރު މި މައްސަލައިގައި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ވަނީ ސަންދީޕާއެކު ފުލުހުންގެ އޮފިސަރު އަބިޖިތު މޮންޑަލް ވެސް އިއްޔެ ރޭ ހައްޔަރުކޮށްފައެވެ. އަދި ފުލުހުންގެ އޮފިސަރު މޮންޑަލްގެ މައްޗަށް ވެސް ދައުވާ އުފުލާފައި ވަނީ ކުށުގެ ވެށި ހިމާޔަތް ނުކުރި ކަމުގެ ދައުވާ ކަމަށް ރޮއިޓާސްއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
ކަލްކަތާގެ ޑޮކްޓަރުންނާ ދިނަ އަދަދެއްގެ ސިއްޙީ މުވައްޒަފުން ދަނީ މައްސަލައިގައި އިންސާފު ލިބެންދެން މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އެންމެން އެއްއަޑަކުން ގޮވަމުން ދަނީ މި މައްސަލައިގަ ކުއްވެރިވާ އެންމެނަށް ގާނޫނީ ފިޔަވަޅު އެޅުމަށެވެ.
އިންޑިޔާގެ ޞިއްޙީ ދާއިރާގައި ވަޒީފާ އަދާކުރާ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ މެދުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުންތަކުގެ ތެރޭގައި ގިނަ ވަގުތު ވަޒީފާ އަދާ ކުރަން ޖެހުމާއި, ވަޒީފާގެ މާހައުލުގައި ރައްކާތެރިކަން ނެތުން ފާހަގަ ކުރެވެއެވެ. އަދި, އެކަށީގެންވާ ވަރުގެ އާމްދަނީއެއް ނުލިބޭއިރު, ޞިއްޙީ ޚިދުމަތްތެރިންގެ ފުރާނައަށް ނުރައްކާވާ ފަދަ ގިނަ ހާދިސާތަކެއް ހިނގަމުންދާ ކަމުގައި އެ މީހުން ބުނެއެވެ. ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި 2022 ވަނަ އަހަރު އަންހެނުންނަށް އަނިޔާ ދިނުމުގެ މައްސަލަތަކާއި, އަންހެނުންނާ ދެކޮޅަށް ހިންގާ ކުށްތަކުގެ ޢަދަދު, އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 4 އިންސައްތަ އިތުރުވިއެވެ.