އަވައްޓެރިޔާގެ ދަރިފުޅު މަރާލުމަށްފަހު ދޮންނަ މެޝިނަކަށްލީ އިންޑިޔާގެ އަންހެނަކު ހައްޔަރު ކޮށްފިއެވެ.
އަވަށްޓެރިޔާގެ ތިން އަހަރުގެ ފިރިހެން ދަރިފުޅު މަރާލި ކަމުގެ ތުހުމަތުގައި 40 އަހަރުގެ އަންހެނަކު އިންޑިއާގެ ރާދަޕޫރަމްގައި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެ ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ އެ އަންހެންމީހާގެ ގޭގައި ހުރި ދޮންނަ މެޝިނެއްގެ ތެރޭގައި ފޮރުވާފައި އޮއްވައެވެ.
ތަންގަމަލް ނަމަކަށް ކިޔާ މި މީހާއަކީ ކުއްޖާގެ އާއިލާއާ މައްސަލަތަކެއްޖެހިފައިވާ މީހެއްކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން ބުނީ ދާދި ފަހުން އަމިއްލަ ދަރިފުޅު މަރުވުމާ ގުޅިގެން ނަފްސާނީ ގޮތުން ވެސް އޭނާ ހުރީ ވަރަށް ބޮޑަށް ގެއްލުންތަކެއް ވެފައި ކަމަށެވެ. ސަންޖޭ ނަމަކަށް ކިޔާ މި ކުއްޖާ ހޯމަ ދުވަހުގެ ހެނދުނު އަތޫކުރިޗީ ވިލެޖްގައި ހުންނަ އޭނާގެ ގެ ކައިރީގައި ކުޅެން އުޅުނެވެ. އޭނާގެ މަންމަ ރަމްޔާ އަށް އޭނާ ގެއްލުނުކަން އެނގުނީ ސްކޫލަށް ދާން ތައްޔާރުކުރަން ދަރިފުޅު ހޯދިއިރު ނުފެނުމުންނެވެ.
އެ ކުއްޖާގެ ބައްޕަ ވިގްނޭޝް އާއި އޭނާގެ އާއިލާ އިން އެ ސަރަހައްދު ބަލައި ފާސްކުރުމުގެ ކުރިން ރާދަޕޫރަމް ފުލުހުންނަށްވަނީ އެ މައްސަލަ ހުށަޙަޅާފައެވެ. ފުލުހުން އޮޕަރޭޝަނެއް ފަށައި، އެންމެ ފަހުން ތަންގަމަލްގެ ގެ ބަލައި ފާސްކުރިއިރު ސަންޖޭގެ ހަށިގަނޑު ކޮތަޅެއްގައި އޮޅާލައި ދޮންނަ މެޝިނެއްގެ ތެރޭގައި އޮއްވާ ފެނުނެވެ.
މިހާރު އެކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ކަންޔާކުމާރީގެ އަސަރީޕައްލަމް ގަވަމެންޓް މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ފޮނުވައިފައެވެ. އަދި ޑިސްޓްރިކްޓް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އެން ސިލަމްބަރަސަން އާއި ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރް ޔޯގޭޝް ކުމާރު ހިމެނޭ ގޮތަށް ފުލުހުންގެ އިސް އޮފިޝަލުން ވަނީ ތަހުގީގަށް އެ ސަރަހައްދަށް ގޮސްފައެވެ.
މީގެ އިތުރުން ތަންގަމަލް ވަނީ ވިގްނޭޝްގެ އާއިލާއިން އޭނާގެ ދަރިފުޅުގެ މަރުގެ ޒިންމާ އުފުލަންޖެހޭނެކަމަށް ތުހުމަތުކޮށްފައެވެ.