ގާނޫނު މުގުރައިލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމުގައި އެމަނިކުފާނުގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރަން ށ. މާއުނގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސްގެ ގައުމީ އެޖެންޑާގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރުން ކަމަށާއި، ގާނޫނު މުގުރަން އެއްވެސް ފުރުސަތެއް އެމަނިކުފާނު ނުދެއްވާނެ ކަމަށެވެ.
ގައުމަށް އަމާންކަމާއި މަސަލަސްކަން ޔަގީންކޮށްދެއްވައި، އާމްދަނީ ލިބޭނެ އިތުރު ގިނަ ސިނާއަތްތައް ތައާރަފް ކުރުމަށް ވެސް ރައީސް އިސްކަން ދެއްވާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ގައުމުގެ މިނިވަންކަމާމެދު ދިވެހިންގެ ހިތުގައި ކަންބޮޑުވުން އޮތް ދަނޑިވަޅެއްގައި ކަމަށެވެ.
ނަމަވެސް އެމަނިކުފާނުގެ މަސައްކަތްޕުޅުން ވޭތުވެ ދިޔަ ދުވަސްތަކުގައި މުހިންމު ލަނޑުދަނޑިތަކެއް ހާސިލްވެފައިވާ ކަމުގައި ވެސް ނައިބު ރައީސް ހުސެއިން ވަނީ ވިދާޅުވެފައެވެ.
ރާއްޖެ ވެއްޓިފައި މިއޮތް އިގްތިސާދީ ވަޅުގަނޑުން ނަންގަވައި ސަލާމަތުގެ އައްސޭރިއަކަށް ގެނެސްދެއްވުމަށް ރެއާ ދުވާލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުރައްވާ މަސައްކަތް އެންމެ ގާތުން ފެންނަ އެކަކީ ހުދު އަޅުގަނޑު. އެމަނިކުފާނުގެ ހިތްޕުޅުގައި މި ގައުމާއި ރައްޔިތުންނާ މެދު އޮތް ގަދަފަދަ ލޯތްބަށް އަޅުގަނޑު ހެކިވަން.ނައިބު ރައީސް
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރައީސްގެ އަމާޒަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތުން ދިރިއުޅޭ ގައުމަކަށް ހައްދަވާ މި ގައުމު ބިނާކުރެއްވުން ކަމަށާއި ދިވެހިންނަށް އަބަދުވެސް އެންމެ އިސްކަން ދެއްވާނޭކަން ރައީސް ސާބިތުކޮށްދެއްވަމުން ގެންދަވާ ކަމަށެވެ.