އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ކަމަލާ ހެރިސްއަށް ރަޝިޔާއިން ތާއީދުކުރާނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ރަޝިޔާގެ އިރުމަތީ ސަރަހައްދުގައި އޮތް ވްލަޑިވޮސްޓޮކް ސިޓީގައި ބޭއްވުނު އިގްތިސާދީ ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕުޓިން ވިދާޅުވީ، މިހާރުގެ ރައީސް ޖޯ ބައިޑަން އިންތިޚާބުން "ވަކިކުރެވުމާ" ގުޅިގެން، ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި އޭނާގެ ބަދަލުގައި ކުރިމަތިލައްވާ ނައިބު ރައީސް ކަމަލާ ހެރިސްއަށް ރަޝިޔާއިން ތާއީދުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ފޭވަރިޓަކީ މިހާރުގެ ރައީސް ބައިޑަން.. އޭނާ ވާދައިން ވަކިކުރެވުނު. އެކަމަކު އޭނާގެ ހުރިހާ ސަޕޯޓަރުންނަށް ހެެރިސްއަށް ތާއީދުކުރުމަށް އެދުނު. އެހެންވީމާ އަޅުގަނޑުމެންވެސް އެކަން ކުރާނަން. އަޅުގަނޑުމެޑުމެން އޭނާއަށް ތާއީދުކުރާނަން،" ޕުޓިން ވިދާޅުވިއެވެ.
ނަމަވެސް އެންމެ މުހިންމީ އެމެރިކާ ރައްޔިތުންގެ ޚިޔާރުކުރުން ކަމަށާއި، ރަޝިޔާއިން ދެކޭގޮތް ނުވަތަ ތާއީދުކުރާ ގޮތެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ހެރިސް ވަރަށް ހަރުއަޑުން ހިނިފުޅުވަޑުވާތީ، އޭނާ ފެންނަނީ ރަނގަޅު ބޭފުޅެއްގެ ގޮތުގައި ކަމަށާއި، ރަޝިޔާގެ މައްޗަށް އިތުރު ފިޔަވަޅުތަކެއް ނާޅުއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޕުޓިން މަޖާޒީ ގޮތެއްގައި ވިދާޅުވިއެވެ.
މިއަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބައިޑަން ވާދަކުރައްވާނެ ކަމަށް ބެލެވުނު ނަމަވެސް، ޖުލައި 21 ގައި އޭނާ ވަނީ އިންތިޚާބުން ތަނާޒުލުވެ، ހެރިސްއަށް ތާއީދުކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައެވެ.