ފުޅާދާއިރާއެއްގައި ޑޮލަރުގެ ވަގު ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
މިކަން ހާމަކޮށް އިމިގްރޭޝަން އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޓާސްކް ފޯސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މި ރެއިޑް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ކަމަށެވެ.
މި ރެއިޑްގައި ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ 05 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އަދި މި މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ ގެ އިތުރުން ޑެބިޓް/ކްރެޑިޓް ކާޑު ފެނިފައިވާ ކަމަށެވެ..
އޭގެ އިތުރުން އިިމިގްރޭޝަނުން ބުނީ މި މައްސަލައާއި ގުޅިގެން އިތުރަށް ތަހުގީގު ކުރެވެމުން ދާ ކަމަށާއި އަދި އިތުރު ތަފްސީލު ފަހުން ހިއްސާކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަން އާއި ކަމާ ބެހޭ އިދާރާއިން ދަނީ ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ރެއިޑް އޮޕަރޭޝަންގެ ދަށުން ބައިވަރު ބިދޭސީން އިމިގްރޭޝަންގެ ދަށަށް ގެންގޮސްފައިވެއެވެ.މި އޮޕަރޭޝަންތަކުގައި ގެންދާ އެއްވެސް ބިދޭސީ އަކަށް ދެވަނަ ފުރުސަތެއް ނުދޭނެކަމަށް އެ އިދާރާއިން ބުނެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާއިރު ސަރުކާރުގެ އަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށް ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލައަށް 3 އަހަރުތެރޭ ޖުމްލަ ހައްލެއް ގެނައުމެވެ.