Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

މި އަހަރުގެ ފުރަތަމަ ހަމަހު ޖެންޑާއަށް 1341 މައްސަލަ

މި އަހަރުގެ ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ(ޖެންޑާ މިނިސްޓްރީ) އަށް ޖުމްލަ 1341 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެފިއެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ މިދިޔަ ޑިސެމްބަރުމަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 589 މައްސަލައެއް މި އަހަރުގެ ޖޫންގެ ނިޔަލަށްވަނީ ރިޕޯޓުކޮށްފައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް ގެވެށި އަނިޔާ ދެއްކުމުގެ ނުވަތަ ފެނުމުގެ މައްސަލައެވެ. އެގޮތުން މިބާވަތުގެ 125 މައްސަލައެއް ވަނީ އެވުޒާރާއަށް ހުށަހަޅާފައެވެ.
މީގެ އިތުރުން ޖިންސީ އަނިޔާގެ 119 މައްސަލައަކާއި، އިހުމާލުގެ 111 މައްސަލައަކާއި، އެހެން ކުދިންގެ ފަރާތުން ގޯނާ ލިބުމާއި ފުރައްސާރަ ލިބުމުގެ 24 މައްސަލައެއްވެސް ހިމެނެއެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބު ތަކުންދައްކާ ގޮތުގައި ޖޫން މަހުގެ ނިޔަލަށް ޢާއިލާއާ ގުޅުންހުރި 166 މައްސަލައެއް ވަނީ ރިޕޯޓު ކޮށްފައެވެ. މިގޮތުން ހިމެނެނީ ކުދިން ބެލުމުގައި ޖެހޭ 61 މައްސަލަ، ހަޟާނާގެ 36 މައްސަލަ، ދަރިންގެ ޚަރަދު ނުދިނުމުގެ 5 މައްސަލަ، އަދި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ މައްސަލައިގެ 64 މައްސަލައެވެ. އަދި އަޅާލުމާއި ބެލެހެއްޓުމުގެ 116 މައްސަލަ ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް ވަނީ ހުށަހަޅާފައެވެ. ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލައި ބެލެހެއްޓުމުގެ 94 މައްސަލައާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅާލައި ބެލެހެއްޓުމުގެ 22 މައްސަލައެވެ.
އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ 7 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އެއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 2 މައްސަލައާއި، ފައިދާހުރި ކާނާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 3 މައްސަލައާއި، ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 1 މައްސަލައިގެ އިތުރުން، ސްކޫލާށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 1 މައްސަލައެވެ. މީގެ އިތުރުން އަމިއްލައަށް މަރުވާން ހިޔާލު އައުމުގެ 20 މައްސަލައާއި، އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ 22 މައްސަލައާއި، އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ 38 މައްސަލަވަނީ ހުށަހަޅާފައެވެ.
ކުއްޖަކަށް ނުވަތަ މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރާކަން އެނގޭނަމަ ލަސްނުކޮށް އެކަން ރިޕޯޓުކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ. އެގޮތުން ކުއްޖަކަށް އަނިޔާކުރާނަމަ ޗައިލްޑް ހެލްޕް ލައިން 1412 އަށް ގުޅައި ރިޕޯޓު ކުރެވޭނެއެވެ. އަދި އެހެނިހެން މައްސަލަތައް ރިޕޯޓުކުރުމަށް ސޯޝަލް ސަރވިސް ހެލްޕްލައިން 1421 ގުޅައި ރިޕޯޓުކުރެވޭނެއެވެ.
މި ލިއުމާއި ގުޅޭ