ލިޔެކިޔުންތައް ބެލެހެއްޓުމާއި ގުޅޭ މައްސަލައެއްގައި އެމެރިކާގެ މާކެޓް ރެގިއުލޭޓާ ޔޫއެސް ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ)ން މޫޑީސް އާއި ފިޗް އަދި އެސް އެންޑް ޕީ ހިމެނޭ ގޮތުން ހަ ރޭޓިން އެޖެންސީއެއް ޖޫރިމަނާކޮށްފިއެވެ.
އެސްއީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން އެ ހަ ރޭޓިން އެޖެންސީތަކުގެ ޖޫރިމަނާގެ ޖުމްލަ 49 މިލިއަން ޑޮލަރަށް އަރާއިރު އެ އަދަބު ދީފައިވަނީ އެ ފާމްތަކާއި ތަންތަނުގެ ވެރިން އުސޫލުތަކާ އެއްގޮތަށް އިލެކްޓްރޯނިކް ކޮމިއުނިކޭޝަން ގާއިމުކޮށްފައި ނެތުމާއި އެ ކަންކަމުގެ ރެކޯޑް ވެސް ނެތުމުންނެވެ.
އެސްއީސީގެ ބަޔާނުގައި ބުނެފައިވަނީ އެ ކުންފުނިތަކުގެ އަމަލުތަކަކީ ފެޑެރަލް ސެކިއުރިޓީޒް ގާނޫނުގެ ރެކޯޑް ބެލެހެއްޓުމުގެ އުސޫލުތަކާ ހިލާފު އަމަލެއް ކަމަށް އެ ހުރިހާ ކުންފުންޏަކުން ވެސް އެއްބަސްވެފައިވާ ކަމަށާއި ގާނޫނާ ހިލާފަށް ހުރި ކަންކަން ރަނގަޅުކުރުމަށް އެ ކުންފުނިތަކުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.