Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދީން

ޞަދަޤާތް ދިނުން – ބަލިބައްޔާއި މުޞީބާތްތަކުން ސަލާމަތްވާ ކަމެއް

ޞަދަޤާތްދިނުމަކީ ބަލިބައްޔަށް ޝިފާލިބޭ ބޭހެއްކަމާއި މުޞީބާތްތަކުން މީހާ ސަލާމަތްކޮށްދޭ ކަމެއްކަން ބޮޑެތި ޑޮކްޓަރުންގެ ސިކުޑިއަށް ވިސްނި ހޯދިފައިނެތެވެ. ހިތުގެބައްޔާއި ރޫހާނީ ބޭސްތަކުގެ ތެރެއިން އެމީހުންގެ ޢިލްމާއި ތަޖުރިބާ އެހާހިސަބަށް ފޯރާފައިނުވާކަހަލައެވެ.

ހިތުގެ ގަދަކަމާއި الله އަށް ބަރޯސާކުރުމާއި އެކަލާނގެއަށް ވަކީލުކުރުމާއި ބެހޭގޮތުން އެމީހުން ނުވިސްނައެވެ. އެކަލާނގެ ޙަޟްރަތުގައި މޮޅިވެރިވުމާއި ނިކަމެތިވުމަކީ އޮތްކަމެއްކަން އެމީހުންގެ ހިތަކަށް ނާރައެވެ. ދުޢާކުރުމާއި އަސްތަޣުފާރުކުރުމާއި އެހެންމީހުންނަށް އިހްސާންތެރިވުންވެސް ނުދަންނަކަން ހީވާކަހަލައެވެ. ނިކަމެތިންނަށް އެހީވުމާއި ހާލުގައިޖެހިފައިވާ މީހުންނަށް އެހީތެރިވެ ޞަދަޤާތް ދިނުމަކީ ދަންނަކަމެއްނޫނެވެ. އެކަމަކު މިހުރިހާ ކަމަކީވެސް އިސްވެދިޔަ އުއްމަތްތަކުގެ މީހުން ތަޖުރިބާކޮށްފައިވާ ކަންތަކެވެ. އެމީހުންގެ ދީނާއި މިއްލަތް ތަފާތުވުމާއިއެކުވެސް އެމީހުންނަށްވަނީ ޞަދަޤާތުގެ ބޭސްވެރިކަމުގައި ހުރި ބާރާއި އަސަރު ދެކެފައެވެ. މިޒަމާނުގެ މޮޅު ޑޮކްޓަރުން އެމީހުންގެ ޢިލްމާއި ތަޖްރިބާއާއި ހޯދުންތައް ނުފޯރާފަށުގައެވެ. އަހެރެމެންނަށްވުރެ ކުރީގެ މީހުން ވަނީ އޭގެ ވަރަށް ގިނަކަންތައް ތަޖުރިބާކޮށްފައެވެ. އެމީހުން ކޮށްފައިވާ ތަޖުރިބާ އަހަރެމެން މިދަނީ ފޮތްފޮތުން ކިޔައި ދިރާސާކުރަމުންނެވެ. އަދި އަމިއްލައަށް އެފަދަ ތަޖުރިބާތައް ކުރަމުންވެސްމެއެވެ. ހަމަކަށަވަރުން އެއީ އަހަރެމެންނަށް މިއަދު ލިބެންހުރި ބޭސްތަކުން ނުކުރާ ފައިދާއެވެ. (އިބުނުލްޤައްޔިމު- ޠިއްބުއްނަބަވީގައި މިފަދަ މޭރުމަކުން ލިއުއްވާފައިވެއެވެ.)

ކީރިތިރަސޫލާ صلى الله عليه وسلم ޙަދީޘުކުރައްވާފައިވެއެވެ. (يا مَعْشَرَ النِّسَاءِ تَصَدَّقْنَ فإنِّي أُرِيتُكُنَّ أكْثَرَ أهْلِ النَّارِ) متفق عليه. މާނައީ "އޭ އަންހެންކަނބަލުންނޭވެ! ތިޔަކަނބަލުން ޞަދަޤާތް ދޭހުށިކަމެވެ! ހަމަކަށަވަރުން ތިޔަކަނބަލުންގެ ތެރެއިން ގިނަކަނަބަލުންނަކީ ނަރަކަވެރިންކަމުގައިވާތީ ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވަތެވެ." ޞަދަޤާތް ދިނުމުގެ މާތްކަމާއި، ބަލާއާއި މުޞީބާތް އައުމުގެ ކުރިން އެކަންކަމުން ސަލާމާތްވާނޭކަން މިޙަދީޘުފުޅު ދަލީލުކުރެއެވެ. މިޙަދީޘުން ލިބޭ ޢިބްރަތްތަކާއި ފައިދާތައް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. އަލްއިމާމު އަލްހާފިޒު އިބުނު ޙަޖަރު ލިއުއްވާފައިވެއެވެ. 'ހަމަކަށަވަރުން ޞަދަޤާތްދިނުމަކީ އިންސާނާއާއި މުޞީބާތް ލައިގަތުމުގެ ކުރިން އެކަމުން ސަލާމަތްކޮށްދޭ ކަމެކެވެ.' އިބުނުލް ޤައްޔިމު ވިދާޅުވަނީ 'ޞަދަޤާތަކީ މުޞީބާތުން ސަލާމަތްވުމުގައި ވަރަށްބޮޑު އަސަރެއް އޭގައި އެކުލެވިގެންވާ ކަމެކެވެ.' ޞަދަޤާތްދިނުމުން ހިތްދަތިކަމާއި މުޞީބާތްތަކުން، އަދި ބަލިތަކުންވެސް މީހުން ސަލާމާތްވެފައިވާކަން ތާރީޚުގެ ޞަފުޙާތަކުން އެނގެއެވެ. ޞާދަޤާތަކީ އަނިޔާވެރިކަމާއި ނުބައިކަންތަކުން މީހާ ސަލާމަތްކުރާކަމެކެވެ. އޭނާއަކީ މުސްލިމެއް ނުވަތަ ކާފިރެއް ކަމުގައި ވިޔަސްވެހެވެ. އަދި ފާޖިރުންނާއި ޘާލިމުންނަށްވެސް އޭގެ އަސަރުކުރެއެވެ. މީހުންނަށް ހެވާއި ލާބަ، ނުވަތަ ފައިދާ ލިބެނީ އެބަޔަކު ހޭދަކުރާ އެއްޗެއްގެ އަގުހުރި މިންވަރަކުންނެވެ. ހޭދަކުރާ އެއްޗަކީ ތިމާގެ ގާތު އަގުހުރި، ބޭނުންހިފޭ އެއްޗަކަށް ވާންޖެހޭކަމަށް އިސްލާމްދީނުގައި އިރުޝާދު އައިސްފައިވަނީ އެހެންވެގެންނެވެ. އެކަމުގެ ޙަޤީޤަތް ދެނެގަތުމަށް މާތް الله ގެ ވަޙީބަސްފުޅަށް ނަޒަރު ހިންގާލުންކީއްތޯއެވެ. {لَنْ تَنَالُوا الْبِرَّ حَتَّى تُنْفِقُوا مِمَّا تُحِبُّونَ وَمَا تُنْفِقُوا مِنْ شَيْءٍ فَإِنَّ اللَّهَ بِهِ عَلِيمٌ } آل عمران : 92. މާނައީ "ތިޔަބައިމީހުން، ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަކޮށްފުމަށްދާންދެން، ތިޔަބައިމީހުންނަކަށް ހެވެއް ނުލިބޭނެތެވެ. އަދި، ތިޔަބައިމީހުން ހޭދަކުރާ ކޮންމެ އެއްޗެއް، ފަހެ، ހަމަކަށަވަރުން، الله އެ އެއްޗެއް މޮޅަށް ދެނެވޮޑިގެންވެތެވެ." ރޫޙާނީ ފަރުވާއަކީ ކޮންމެ ބަލިމީހަކަށް ބޭނުންތެރި މޮޅު ފަރުވާއެކެވެ. އެހެނީ ހިއްސީ ފަރުވާ އަށްވުރެ ރޫޙާނީ ފަރުވާގެ ފައިދާބޮޑުވެފައި ބާރުގަދައެވެ. އެހެނެއްކަމަކު ރޫޙާނީ ފަރުވާއާއި ޙިއްސީފަރުވާއާއި ދެފަރުވާ އެކުއެކީ ކުރުމުން ބަލިމީހާއަށް ކުރާ އަސަރު ބޮޑުކަންވެސް ދަންނަން ޖެހެއެވެ.

ޞަދަޤާތަކީ މީހުން ބިރުވެރިކަމާއި ބަލާ، މުޞީބަތްތަކުން ސަލާމަތްކޮށްދޭ އެއްޗެކެވެ. އެއީ ދިރިއުޅުމުގެ ހަނގުރާމާގައި މުހިއްމު ހަތިޔާރެކެވެ. ޞަދަޤާތް، މުޞީބާތްތަކާއި ދަތިއުނދަގުލުން މީހުން ހިމާޔަތްކޮށް ސަލާމަތްކޮށްދެއެވެ. ބަލާއާއި އާފާތްތަކުން މީހުން ދުރުކުރެއެވެ. މާތް الله ގެ އިޒުނަފުޅާއިއެކު ފުރިހަމަ ޞިއްހަތަށް ރުޖޫޢަކޮށްދެއެވެ. ކީރިތިރަސޫލާ صلى الله عليه وسلم ގެ ދުވަސްވަރު އިރުކޭތަ ހިފުމުން މީހުންނަށް ބޮޑު ސިހުމެއްލިބި ބިރުގަތްކަމުގައިވިއެވެ. އެއިރު ދުޢާކުރުމަށާއި ޞަދަޤާތް ދިނުމަށް އެކަލޭގެފާނު، އެބައިމީހުންނަށް އިރުޝާދުދެއްވިއެވެ. ޙަދީޘުކުރެއްވިއެވެ. (فإَذا رَأَيْتُمْ ذَلِكَ فَادْعُوْا اللهَ وَكَبِّرُوْا وَصَلُّوْا وَتَصَدَّقُوْا) متفق عليه. މާނައީ "ތިޔަބައިމީހުންނަށް އެ (އެބަހީ: އިރުކޭތަ) ފެނިއްޖެނަމަ، الله އަށް ދުޢާކޮށް ތަކްބީރުކިޔާށެވެ. އަދި ނަމާދުކޮށް ޞަދަޤާތް ދޭށެވެ." ބިރުވެރިކަމެއް ދިމާވުމުން އެކަމުން ސަލާމަތްވުމަށްޓަކައި ޞަދަޤާތްދިނުމީ ސުންނަތްވެގެންވާ ކަމެއްކަމަށް ދަލީލުކުރާކަމުގައި އިބުނު ދަޤީޤުލްޢީދު، -އިޙްކާމުލް އަޙުކާމި ޝަރަޙަ ޢުމްދަތުލް އަޙުކާމި- މިފޮތުގައި ލިއުއްވާފައިވެއެވެ. އަދި ޝައިޚުލްއިސްލާމު އިބުނުތައިމިޔާ ވިދާޅުވަނީ ދުޢާއަކީ ބަލާ މުޞީބާތުން ސަލާމަތްވުމުގެ ސަބަބެވެ. ދުޢާގެ ޝަރުޠުތަކާއިއެކު ދުޢާކުރެވިއްޖެނަމަ އެމުޞީބާތެއް ފިލައިދެއެވެ. އަދި މުޞީބާތުގެ ސަބަބު މާވަރުގަދަނަމަ އެކަމެއް ފިލައިގެނެއްނުދެއެވެ. އެކަމަކު އެމުޞީބާތެއްގެ އަސަރުލުއިވެ ބަލިކަށިވެދެއެވެ. ކޭތަހިފުމުންނާއި ބޮޑެތިކަންތައް ދިމާވުމުން ނަމާދުކޮށް ދުޢާކުރުމާއި، އަދި ޞަދަޤާތް ދިނުމަށް އަމުރުވެވިފައިވަނީ އެހެންވެއެވެ. ( مجموع الفتاوى: 8/196). އަނަސު ބުނި މާލިކު رضي الله عنه ގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. (بَاكِرُوْا بِالصَّدَقَةِ فَإنَّ الْبَلَاءَ لاَ يَتَخَطَّى الصَّدَقَةَ) رواه البيهقي. މާނައީ "ތިޔަބައިމީހުން ޞަދަޤާތްދިނުމަށް އަވަސްވެގަންނާށެވެ. ހަމަކަށަވަރުން ޞަދަޤާތް، މުޞީބާތް ލައިގަތުން ހުއްޓުވާލަދެއެވެ."

ޞަދަޤާތަކީ ޝިފާއެކެވެ. އެއިރެއްގައި ދިމާވާ ބަލިތަކަށްވާ ފަރުވާއެކެވެ. ޢާއްމުގޮތެއްގައި ޞަދަޤާތުން ކޮންމެ ބައްޔަކަށް ފަރުވާލިބި ބަލި ފަސޭހަވެދެއެވެ. އިހުޒަމާނާއި މިޒަމާނުގެ ތަޖުރިބާތަކުން ވަނީ އެނގި ކަށަވަރުވެފައެވެ. އެކަމަކު އެކަން ހާޞިލުވާނީ މީހާގެ ނަފުސު ތައްޔާރުވެފައި ހުރުމާއި ހަރުދަނާ އީމާންކަމާއިއެކު އެކަން ގަބޫލުކުރެވިގެންނެވެ. ޙަދީޘެއްގައި އައިސްފައިވެއެވެ. (دَاوُوْا مَرْضَاكُمْ بَالصَّدَقَةِ) رواه الطبراني في المعجم الكبير. "ތިޔަބައިމީހުންގެ ބަލިމީހުންނަށް ޞަދަޤާތުން ބޭސްފަރުވާ ކުރާށެވެ." މާނައަކީ ބަލިމީހުންނަށް ޝިފާލިބިގަތުމަށްޓަކައި ފަޤީރުންނަށް ޞަދަޤާތްދޭށެވެ. ޙަދީޘުޢިލްމުވެރިން ދެކެވަޑާއިގަންނަވާގޮތުގައި މިޙަދީޘަކީ ބަލި ޙަދީޘެކެވެ. އެހެނެއްކަމަކު އިބުނު މުފްލިޙު –އަލްފުރޫޢު - ގައި ލިއުއްވަނީ ޙަދީޘުއައިސްފައިވާ މަގު ބަލިކަމުގައިވިޔަސް އެއީ ރަގަޅުމާނަ ދޭހަވާ ޙަދީޘެއްކަމުގައެވެ. އަދި އަލްބާނީ ވަނީ އެޙަދީޘަށް 'حسن' (ރަގަޅު) ގެ ދަރަޖަދެއްވާފައެވެ. އަލްމުނާވީ ފައިޟުލްޤަދީރު ޝަރަޙަ އަލްޖާމިޢުއްޞަޣީރު- ގައި ލިއުއްވަނީ އެކަމަށް ތައުފީޤު ލިބުނު މީހުންވަނީ އެކަން ތަޖުރިބާކޮށްފައެވެ. މާނައަކީ ޞަދަޤާތުން ކުރެވުނުފަރުވާ ވަރަށްގިނަ މީހުންނަށް ވަނީ އެނގިފެނިފައެވެ. އާދެ، ރޫޙާނީ ފަރުވާއިން ކުރާ އަސަރު ޙިއްސީ ފަރުވާއިން ނުކުރާކަން އެމީހުންނަށް އެނގިފައިވާކަމެވެ. އަދި ފެނުމުގައި މައްސަލައެއް ނެތް މީހަކުނޫނީ މިކަމަށް އިންކާރު ނުކުރާނެއެވެ. ޞަދަޤާތުގެ ސަބަބުން ބަލިން ފަސޭހަފައިވާ މީހުންގެ ތަޖުރިބާތަކުގެ ތެރެއިން އަބޫބަކުރު އަލްޚައްބާޒީ ވިދާޅުވެފައިވާކަމަށް –މުޢުޖަމުއްސަފަރު- ގައިވެއެވެ. ތިމަންކަލޭގެފާނަށް ވަރަށް ނުރައްކާތެރި ބައްޔެއްޖެހުނެވެ. އަދި ތިމަންކަލޭގެފާނު އެބަލީގައި އުޅެނިކޮށް އަވައްޓެރި ޞާލިޙު މާތްމީހަކަށް ތިމަންކަލޭގެފަނު ފެނުނެވެ. ފަހެ، އެމީހާ ތިމަންކަލޭގެފާނު ކާރި ވިދާޅުވިއެވެ. ތިބައްޔަށް ފަރުވާހޯދުމަށް ކީރިތިރަސޫލާ صلى الله عليه وسلم ގެ (دَاوُوْا مَرْضَاكُمْ بَالصَّدَقَةِ - "ތިޔަބައިމީހުންގެ ބަލިމީހުންނަށް ޞަދަޤާތުން ބޭސްފަރުވާ ކުރާށެވެ.") ބަސްފުޅަށް ޢަމަލުކުރަންވީ ނޫންހެއްޔެވެ. އެއިރު އަހަރެންނާއިއެކު މެހުމާނަކުވެސް ހުއްޓެވެ. ދެން ތިމަންކަލޭގެފާނު ވަރަށް ބައިވަރު ކަރާތަކެއް ގަނެ ފަޤީރުންނާއި ކުޑަކުދީން ޖަމަޢަކޮށް އެމީހުންނަށް ކާންދީހަދައިފީމެވެ. އަދި އެބައިމީހުން އަތްމައްޗަށް އުފުލާ ތިމަންކަލޭގެފާނަށް ޝިފާލިބުންއެދި މާތް الله އަށް ޙަޟްރަތުގައި ދުޢާކޮށްފޫއެވެ. الله ގަންދީ ހުވާކުރަމެވެ. މާތް الله ގެ ވާގިފުޅާއިއެކު އަހަރެން އެބަލިން ރަގަޅުވެއްޖެއެވެ. އަލްބައިހަޤީ އިބުނުލް މުބާރަކުގެ ކިބައިން ރިވާކުރައްވާފައިވެއެވެ. މީހަކު އޭނާކާރީގައި ބުންޏެވެ. އޭ އަބޫ ޢަބުދުއްރަޙްމާނެވެ. އަހަރެންގެ ކަކުލުގައި ފާރުގަޑެއްފަދަ އެއްޗެއް ހުންނަތާ ހަތްއަހަރުވަރު ވެއްޖެއެވެ. ވަރަށް ބައިވަރު ފަރުވާވެސް ކުރެވިއްޖެއެވެ. އަދި ބޭސްވެރިންނަށް ދައްކާ އެމީހުންނާއި އެތަކެއް މަޝްވަރާއެއްވެސް ވަނީ ކުރެވިފައެވެ. އެއިން އެއްވެސް ކަމަކުން ފައިދާއެއްނުކުރެއެވެ. އެއިރު އިބުނުލް މުބާރަކު ވިދާޅުވިއެވެ. މީހުންނަށް ބޭނުންތެރި ހިސާބުގަޑެއްގައި ވަޅެއްބިނާކޮށް އެމީހުންނަށް ފެންލިބޭގޮތް ހަދާށެވެ. މިހެނީ އެތާގައި ކޯރެއްދެމި ކަލޭގެ ބައްޔަށް ޝިފާލިބުމަށް ތިމަންކަލޭގެފާނު އެދެމެވެ. ފަހެ، އެމީހާ އެގޮތަށް ކަންތައްކޮށްފިއެވެ. އަދި އެބަލިން އެމީހާ ފަސޭހަވެއްޖެއެވެ. (އިބުނުލް މުބާރަކު އުފަންވެ ވަޑައިގަތީ 118ހ. ގައި އުމަވީ ޚަލީފާ ހިޝާމު ބުނި ޢަބުދުލްމަލިކުގެ ޚަލީފާކަމުގެ ދުވަސްވަރުއެވެ. އަވަހާރަވީ 181ހ. ގައި ޚަލީފާ ހާރޫނުއްރަޝީދުގެ ޚަލީފާކަމުގެ ދުވަސްވަރުއެވެ.)

ދާދިފަހުން ހިނގާދިޔަ ޙާދިސާއެކެވެ. ވަރަށް އިތުބާރުހުރި ރޮނގަކުން އައިސްފައިވާ ވާހަކައެކެވެ. ޞަދަޤާތުން ބަލި ރަނގަޅުވާކަމުގެ ހެއްކެއްގެގޮތުގައެވެ. ސަޢުދީ އަރިބިޔާގެ ވެރިރަށް ރިޔާޒު ކާރީގައި އޮންނަ ޙުރައިމަލާ އަވަށުގައި އަންހެނަކަށް ލޭގެ ކެންސަރުޖެހުނެވެ. މިއަންހެންމީހާއަކީ ދީންވެރި ޚުލްޤުރަނގަޅު އަންހެނެކެވެ. އޭނާގެ ކަންތަކުގައި އެހީތެރިވުމަށް އިންޑޮނޭޝިޔާއިން ޚާދިމާއަކު ގެނެވުނެވެ. ޚާދިމާ ގެނެވި މަސައްކަތްކުރަން ފެށިތާ ދެތިން ހަފުތާވަރު ފާއިތުވެއްޖެއެވެ. އާއްމުކޮށް ފާޚާނާގައި މީހުން ހޭދަވާ ވަގުތަށްވުރެ އިތުރުވަގުތު ޚާދިމާ ފާޚާނާގައި ހޭދަވާކަމަށް އެއަންހެންމީހާއަށް ލަފާވުނެވެ. އަދި ޚަދިމާއާއި ސުއާލުކުރިއެވެ. ފާޚާނާގައި މާގިނައިރު ހޭދަވަނީ ކީއްވެހެއްޔެވެ. ޚާދިމާ ރޮއިގެންފައި ބުންޏެވެ. އަޅުގަނޑު ވަޒީފާއަށް މިއައީ އަޅުގަނޑުގެ ދަރިފުޅު ވިހޭތާ ދެމަސްވީތަނާއެވެ. ވަޒީފާއަށް އެދި ހުށަހަޅާފައިވާ އިންޑޮނޭޝިޔާގެ އޮފީހުން ގުޅާފައި ވަޒީފާ ހަމަޖެހުނު ވާހަކަ ބުނުމުން ވަޒީފާއާއި ފައިސާ ބޭނުންވެފައިވާލެއް ބޮޑުކަމުން އައީއެވެ. އަދި އަޅުގަނޑުގެ އުރަމަތީގެ ކިރު ބާރުވުމުގެ ސަބަބުން އުނދަގޫވާތީ ލުއިކޮށްލުމަށް މަޑުކުރެވެނީއެވެ. އެއަޑުއަހާފައި އެއަންހެންމީހާ، އެންމެ އަވަހަށް އިންޑޮނޭޝިޔާއަށް ފުރަން އޮތް ފުލައިޓުކުން ޓިކެޓުނަގާ ދެއަހަރު ދުވަހުގެ މުސާރަ ޚާދިމާއަށް ދީފައި ބުންޏެވެ. ދަރިފުޅު ކާރިއަށްގޮސް ރަނގަޅަށް ދަރިފުޅު ބަލާށެވެ. އަދި ދެއަހަރުވުމުން އަނބުރާ އަންނަން ބޭނުންނަމަ ގުޅުމަށް ފޯންނަމްބަރުވެސް ދިނެވެ. ޚާދިމާ ފުރުމަށްފަހު އެއަންހެންމީހާ އާދަވެގެން ކުރަންޖެހޭ ލޭގެ ޓެސްޓުކުރަން ހޮސްޕިޓަލަށް ދިޔައެވެ. ޓެސްޓުގެ ނަތީޖާ ލިބުނުއިރު ލޭގައި ކެންސަރުގެ އަލާމާތެއް ނެތެވެ. ޑޮކްޓަރު ކަންބޮޑުވެ، އެތައްފަހަރެއްގެ މަތީން ޓެސްޓުކުރުވިއެވެ. ކޮންމެ ފަހަރެއްގައިވެސް ނަތީޖާ ދައްކަނީ ނެގެޓިވްކޮށެވެ. އެންމެފަހުން އެކްސްރޭނަގައި ބެލުމުންވެސް ދެއްކީ ކެންސަރުގެ އެއްވެސް އަސަރެއް ނެތްކަމަށެވެ. ޑޮކްޓަރު ޙައިރާންވެފައި ބަލިމީހާކުރެން އެއްސެވެ. މިފަހަރު ހޮސްޕިޓަލަށް އައުމުގެ ކުރިން އެއްވެސް ފަރުވާއެއް ކުރިންހެޔެވެ. ބަލިމީހާ ބުންޏެވެ. ކީރިތިރަސޫލާގެ صلى الله عليه وسلم ގެ ޙަދީޘުފުޅު (دَاوُوْا مَرْضَاكُمْ بَالصَّدَقَةِ - "ތިޔަބައިމީހުންގެ ބަލިމީހުންނަށް ޞަދަޤާތުން ބޭސްފަރުވާ ކުރާށެވެ.") މިފަރުވާނޫން އެހެން ފަރުވާއެއް ނުކުރަމަވެ.

މިދުވަސްވަރަކީ ނުރައްކާތެރި ބައްޔެއްކަމުގައިވާ ކޮރޯނާވައިރަސް މުޅިދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމުގެ ދުވަސްވަރެކެވެ. ގައުމަކުން ބަލި ފެންނަލެއް މަދުވާއިރު އަނެއް ގައުމުން ބަލި ފެންނަލެއް އިތުރުވެއެވެ. އެއްދުވަހު ބަލީގައި މަރުވާ މީހުން މަދުވާއިރު އަނެއްދުވަހު މަރުވާ މީހުން ގިނަވެއެވެ. އަދި ބަލިން ފަސޭހަވާމީހުންވެސް މަދެއްނޫނެވެ. ގައުމުތައް ފުރަބަންދުކޮށްފައި ހުޅުވާލައެވެ. އަދި ކަންތައް ގޯސްވާކަމަށް ހީވުމުން ދެވަނަފަހަރަށް ފުރަބަންދު ކުރެވެއެވެ. އަދި ތަޢުލީމުގާހުތައް ވެސް ހުޅުވާ ބަންދުކުރާތަން ފެނެއެވެ. ވީމާ މިބައްޔަށް އަވަސް ފަރުވާއަކަށް ބޭނުންވެފައިވާކަން ކަށަވަރެވެ. ދާއިމީ ޙިއްސީ ފަރުވާއެއް ލިބެންދެންވެސް މިހާރު ލިބެންހުރި ފަރުވާއާއިއެކު (دَاوُوْا مَرْضَاكُمْ بَالصَّدَقَةِ - "ތިޔަބައިމީހުންގެ ބަލިމީހުންނަށް ޞަދަޤާތުން ބޭސްފަރުވާ ކުރާށެވެ.") އަށް ވިސްނައި މިރޫޙާނީ ފަރުވާކުރުން މުހިއްމެވެ. ކިތަންމެ ހަނިފުރުޞަތެއް ލިބުނަސް ޞަދަޤާތް ކުރުމަށް އަވަސްވެގަތުން ބުއްދިވެރިއެވެ. މާތް الله ގެ ވާގިފުޅާއިއެކު ފަރުވާއަކަށް ފުދޭނެކަމުގެ އުއްމީދުގައި އެކަލާނގެއަށް ވަކީލުކުރުންމަތީ ދެމިތިބެއެވެ. އަދި އަހަރެމެން އެކުރާހޭދައިގެ މަންފާ ލިބެނީ އަހަރެމެންގެ އަމިއްލަ ނަފުސަށްކަންވެސް ދަތުމާއިއެކުއެވެ. {وَمَا تُنفِقُوا مِنْ خَيْرٍ فَلِأَنفُسِكُمْ} البقرة : 272. މާނައީ "އަދި، ތިޔަބައިމީހުން މުދަލުގެ ތެރެއިން ހޭދަކުރާއެއްޗެއް (ގެ ثواب) ލިބޭހުށީ، ހަމަތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށެވެ.

މި ލިއުމާއި ގުޅޭ