ރާއްޖޭގެ އިޤުތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ކުރަން ޖެހޭ ކަންކަން ހިމެނޭ ލަފާތަކާއިއެކު ދުނިޔޭގެ ކްރެޑިޓް ރޭޓިންގ ފާމް "ފިޗް"އިން ރާއްޖެއަށް ދީފައިވާ ރޭޓިންގ "ސީސީސީ" އިން "ސީސީ" ގްރޭޑިންގ އަށް ބަދަލުކޮށްފިއެވެ.
"ފިޗް" އިން ރާއްޖޭގެ ރޭޓިން ބަދަލުކުރީ މިއަހަރުގެ މެއި މަހު 492 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ ޖުމްލަ ބޭރު ފައިސާގެ ރިޒާވް، މިއަހަރުގެ ޖުލައި މަހު ގާތްގަނޑަކަށް 20 އިންސައްތަ ދަށަށް ގޮސް 395 މިލިއަން ޑޮލަރަށް ދަށްވެފައި ވުމުންނެވެ. އަދި ދަރަނި ދެއްކުމުގެ ހިރާސްތައް ބޮޑުވުމުންނެވެ.
ފިޗްގެ ރިޕޯޓްގައި ރާއްޖޭ ބޭރުގެ ދަރަނި ހުރި މިންވަރުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ. އެގޮތުން ޖުމްލަ ބޭރުގެ ދަރަނި 2025 ވަނަ އަހަރު 557 މިލިއަން ޑޮލަރަށް އިތުރުވެ އެ އަދަދު 1 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. އޭގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއްވެސް ހިމެނެއެވެ.
ރާއްޖޭގެ އެތެރޭގެ ދަރަނި ބޮޑުވެފައިވާ ސަބަބުތައް ކަމަށް ފިޗުން ގާބޫލުކުރާ ސަބަބުތަކުގެ ތެރޭގައި، ސަރުކާރުގެ މަޝްރޫޢުތަކަށް ކުރާ ހޭދަ މަތިވުމާއި، ކާބޯތަކެއްޗާއި ތެލާއި އެހެނިހެން ތަކެތި އިމްޕޯޓްގެ މައްޗަށް ބަރޯސާވެފައި އޮތުމާއި އެކަމުގެ ސަބަބުން ޑޮލަރަށް ޑިމާންޑު ބޮޑުވުން ފާހާގަކޮށްފައިވެއެވެ.
ފިޗްގެ ރިޕޯޓްގައި މިހާރުގެ މާލީ ހާލަތު ބަދަލުކުރުމަށް ރާއްޖެއަށް ކުރެވިދާނެ ކަންކަން ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ސްޓްރެޓެޖިކް ބައިލޭޓަރަލް ޕާރޓްނަރުންނާއި އެކު ކަރަންސީ ސްވޮޕް އެރޭންޖްމަންޓްސް ހެދުމަކީވެސް ބޭރުގެ މާލީއެހީ ރާއްޖެއަށް ލިބުމަށް މަގުފަހިވާނެ ކަމެއްކަމަށް ބުނެފައިވެއެވެ. ހަމައެޔާއެކު އިގްތިސާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ފިސްކަލް ސްޓްރެޓަޖީއެއް އެކުލަވައިލާ ތަންފީޒުކުރުމުން، ބޭރުގެ މާލީ އެހީ ލިބުމުގެ ފުރުސަތު ބޮޑުކަން ހާމަކޮށްފައި ވެއެވެ.
"ފިޗް"އިން މިގޮތަށް ބުނި އިރު، މި މަސައްކަތްތައް ކުރަމުންދާކަން ސަރުކާރުންވަނީ ހާމަކޮށްފައެވެ. މިގޮތުން، މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓެޖީ އެކަށައަޅައި މަޖިލީހަށް ހުށައަޅައި ތަންފީޒުކުރަން ފަށާފައިވެއެވެ. މީގެ އިތުރުން، އިންޑިއާ އަދި ޗައިނާއަށް އަދަކުރަންހުރި ލޯނުތައް ރޯލްއޯވަރކޮށްދެމުންދާކަންވެސް ހާމަކޮށްފައިވެއެވެ. މި މަސައްކަތްތަކާއެކު މި ހާލަތުން އަރައިގަނެވި، ޒަމާނުއްސުރެން ހައްލުކުރަންޖެހި ނަމަވެސް ހައްލެއް ނުލިބިވާ ނިޒާމީ އެތައް މައްސަލަތަކެއް ހައްލުވުމުގެ ލުއިކަން ލިބިގެންދާނެކަން ފާހަގަކުރެއެވެ.