ނިމިގެންދިޔަ އެމްޑީޕީ ސަރުކާރުގެ ވެރިން ކޮށްފައިވާ ވައްކަންތަކާއި ހިންގާފައިވާ ޚިޔާނާތްތަކަކީ ހަނދާންނައްތާލެވޭ ވަރަށްވުރެ ބޮޑެތި ޚިޔާނާތްތަކެއް ކަމަށް ޕީއެންސީގެ ޗެއާރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ދިޔަރެސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ހިންގާފައިވާ ޚިޔާނާތްތަކުގެ މަތިން ހަނދާންނެތުނީ ނޫން ކަމަށާއި އެއީ ހަނދާން ނައްތާލެވޭނެ ވަރަށްވުރެ ބޮޑެތި ހިޔާނާތްތައް ކަމަށެވެ. އަދި މިފަދަ ޚިޔާނާތްތައް މިހާރުވެސް ކަމާބެހޭ އެކި އިދާރާތަކުން އަދި މަޖިލިސް ކޮމިޓީތަކުން ބަލަމުން ގެންދާކަމަށާއި ކުރިއަށް އޮތްތަނުގައި މިތަހުޤީޤުތަކާއި ބެހޭ މަޢުލޫމާތު އެ އިދާރާތަކުން ރައްޔިތުންނަށް ހާމަކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން މިއަދު ޤައުމުގެ މާލީ ހާލަތު މިހާލަތަށް ވެއްޓިުމުގެ ފަހަތުގައި ވަނީ އެމްޑީޕީ ސަރުކާރުގެ އިސްވެރިން ހިންގާފައިވާ ޚިޔާނާތާއި ކޮށްފައިވާ ވައްކަންތައް ކަމަށެވެ. އަދި އޭރު ޕީއެންސީން އިދިކޮޅުގައި ތިބިއިރު މިދުވަސް އަންނަތަން ފެންނަ ކަމަށާއި އޭރުވެސް ކަންކަން ރަނގަޅުކުރުމަށް އެމްޑީޕީ ސަރުކާރުގައި އެދުނުކަމަށާއި އެމީހުން ދިނީ ބީރުކަންފަތެއްކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
ޕީއެންސީން ވެރިކަމާ ހަވާލުވުމުގެ ކުރިންވެސް ބުނަމުން އައީ އެމްޑީޕީ ސަރުކާރުގައި ކޮށްފައިވާ ވައްކަންތަކާއި ހިންގާފައިވަ ޚިޔާނާތްތައް ބަލާނެކަމަށެވެ. އަދި ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށެވެ. އަދި ޚުދު ރައީސް ޑރ. މުޢިއްޒުވެސް ވަނީ އެއްވެސް ވަރަކަށް ޒާތީކަމެއް ނުގެންގުޅުއްވާނެކަމަށާއި ސިޔާސީ ބަދަލުހިފުމެއް ނުބާއްވާނެކަމަށެވެ. ނަމަވެސް ދައުލަތުގެ ފައިސާއަށް ޚިޔާނަތްތެރިވީ މީހުންނަށް ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީ ސަރުކާރުގައި ގިނަ އަދަދަކުން މަޝްރޫޢު ފެށުމުގެ ފަހަތުގައިވެސް ވަނީ ވަކި ބަޔަކަށް މާލީ މަންފާތަކެއް ހޯދައިދިނުންކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. އަދި މީގެ އިތުރުން އެމްޑީޕީ ސަރުކާރުގައި ވަނީ ބަދަލުދިނުމުގެ ނަމުގައި ގިނަ އަދަދަކުން އެމްޑީޕީގެ އެކްޓިވިސްޓުންނަށާއި އެމީހުންގެ އާޢިލާތަކަށް ފައިސާދީފައެވެ.