ދައުލަތުގެ ދަރަނި މިހާ ބޮޑުވެފައިވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް އިންތިޚާބުގެ ފަހަތް ނުފެނުމުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ފައިސާ ޗާޕުކޮށްފައިވަނީ މާދަމާއަށް ނުވިސްނާ ކަމަށާއި އެކަން ކުރުމުގެ ސަބަބުން ޕްރެޝަރކޮށްފައިވަނީ ރާއްޖެއަށް ވަންނަ މަދު ބޭރުގެ ފައިސާއަށްކަމަށެވެ.
މިއަދު 18.40 އަށް 19.80 އަށް އަދި 20 ރުފިޔާއަށް އަރައިގެން ދިޔަސް އެ އަރައިގެން އުޅޭ އަސްލު ސަބަބަކީ [ފައިސާ ޗާޕްކުރުން]" ސައީދު ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ ކޮވިޑު ތެރޭގައި ބޭރުން ލިބުނު ހިލޭ އެހީއެއްގެ އިތުރަށް އެތައް ބައިވަރު ލޯނެއް ނަގައި ހަތަރު ފަސް ބިލިއަން ރުފިޔާ ސަރުކާރުން ބޭނުންވި މީހުންނަށް ބަހާލާފައިވާކަމަށެވެ.
"ފައިސާ ޗާޕު ކުރަމުން ބަހަމުން ބަހަމުން ދިޔައީ، މީގެ ސަބަބުން ފޮރިން ކަރެންސީއަށް އަންނާނެ ޕްރެޝަރަކަށް ނުވިސްނާ، މާދަމާ ވާނެ ގޮތަކަށް ނުވިސްނާ" ސައީދު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ކޮވިޑުގެ ތެރޭގައި ކުރިއަށް ގެންދިޔައީ ރާއްޖޭގެ ބޯޑަރު ހުޅުވައިގެންކަމަށާއި ބޯޑަރު ހުޅުވާލުމާއި އެކު ފަތުރުވެރިކަން ކުރިން އޮތް ހާލަތަށް އައި ކަމަށެވެ. އަދި އެ ސިނާއަތުން ބޭރުގެ ފައިސާ ވަންނަމުން ދިޔަކަމަށާއި ނަމަވެސް 2023 ވަނަ އަހަރުގެ ރިޔާސީީ އިންތިހާބު ކާމިޔާބުކުރުމަށާއި އަދި ކޮމަންޑޫ ދާއިރާ އާއި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރުމަށްޓަކައި އެއްވެސް ކަހަލަ ފިކުރެއް ހިޔާލެއް ނެތި ފައިސާ ޗާޕުކުރަމުން ބަހަމުން ގޮސްފައިވާކަމަށެވެ.
މިކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ޑޮލަރުގެ އަގު ރައިގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ސައީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ފައިސާ ޗާޕުކުރަމުން ދިޔުމުގެ ސަބަބުން އެފަދައިން އެކަން ނުކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކުން އިންޒާރު ދީފައިވާކަމަށާއި ނަމަވެސް އެ ސަރުކާރުން އެއިން އެއްވެސް ކަމަކަށް އިޖާބަ ދީފައި ނުވާކަމަށެވެ.
"އެމްޑީޕީގެ ސަރުކާރަށް އޭރުގައި ނުފެނުނޭ އިންތިހާބަށްވުރެ ފަހަތެއް، އިންތިހާބު ކާމިޔާބު ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން، އެއްވެސް ކަހަލަ ހަރުދަނާ ސިޔާސަތެއް ނެތި އެކަން ކުރީމާ ރާއްޖޭގެ އުފެއްދުންތެރިކަމުގެ 120 ޕަސެންޓަށް ދަރަނި 122 ބިލިއަން ރުފިޔާގެ ދަރަނި [އަރައިގެން ދިޔަ]" މިނިސްޓަރު ވިދާޅުވެފައިވެއެވެ.