އެމްޑީޕީ ސަރުކާރުން ނަގާފައިވާ ދަރަނިތައް ބޮޑުވެގެން އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައި އޮތް ލޯނެއް ރިވިއުގައި އޮތްކަމަށް އެމްޑީޕީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕޮލިސް ސްޓޭޝަން އެޅުމަށް ހަވާލުވި އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓްސް އިން ރާއްޖޭގެ ސަރުކާރަށް ހުށަހެޅީ އިންޑިއާގެ އެގްޒިމް ބޭންކްއިން މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމަށެވެ. ނަމަވެސް އެފައިސާ އެމްޑީޕީގެ ސަރުކާރު ނިމުމަކަށް އައި އިރުވެސް ހަމަނުޖެހިވާއިރު އެފައިސާ ހަމަނުޖެހުނީ އެމްޑީޕީ ސަރުކާރުގެ ދަރަނި ބޮޑުވެގެން ކަމުގައި އެމްޑީޕީ ސަރުކާރުގެ އިޤްތިސާދީ ވަޒީރު މިވަނީ މިއަދު ޔަޤީންކޮށްދެއްވާފައެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ދިޔަރެސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފައްޔާޒް ވިދާޅުވީ އެ ލޯނު ހަމަނުޖެހި އޮތީ އޭރު ރާއްޖޭގެ ދަރަނި ބޮޑުވުމުން ރާއްޖެއަށް އިތުރަށް ލޯނު ދިނުން ރިވިއުގައި އޮތުމުން ކަމަށެވެ.
އަޅުގަނޑުމެންގެ ސަރުކާރު ނިމިގެން ދިޔައިރުގައި އެ އެގްޒިމްގެ ލޯނު ފެސިލިޓީ ކުރިއަށް ނުގޮސް އޮތީ އަޅުގަނޑުމެންގެ ޓޯޓަލް ޑެޓުގެ އަދަދު ބޮޑުވެފަ، އެގްޒިމް ބަޔަސް ކްރެޑިޓްގެ އަދަދު ބޮޑުވެގެން އެމީހުން ރިވިއު އެއްގަ އޮތީ.ފައްޔާޒް އިސްމާޢީލް
ރާއްޖޭގައި ޕޮލިސް ސްޓޭޝަން އެޅުމަށް 5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް އިންޑިއާ ސަރުކާރުން ނިންމުމުން އޭގެ ކުރިން ސަރުކާރުން އޭބީއެލްއަށް ދީފައިވާ 3.6 މިލިއަން ޑޮލަރަކީ އެ ހިލޭ އެހީގެ ތެރެއިން ދިން ފައިސާ ކަމުގައި ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީން ފުލުހުންގެ ކިބައިން އެދިފައިވާކަންވެސް ދާދިފަހުން ވަނީ ހާމަވެފައެވެ. ނަމަވެސް ފައްޔާޒް މިއަދު ވިދާޅުވީ މިފައިސާ އެކުންފުންޏަށް ދިނީ އިންޑިއާ ސަރުކާރުން ފިނޭންސް މިނިސްޓްރީއަށް ދިން ފައިސާގެ ތެރެއިން އިންޑިއާ ސަރުކާރުން އެދިގެން ކަމަށެވެ.
ޕޮލިސް ސްޓޭޝަންތައް އެޅުމަށް ހަވާލުވި ކުންފުންޏަށް ކުރީ ސަރުކާރުން އެޑްވާންސްގެ ގޮތުގައި 3.6 މިލިއަން ޑޮލަރު ދީފައިވާއިރު އެކުންފުނިން މިި މަޝްރޫޢުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ މައްސަލަ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން ވަނީ ފުލުހަށް ހުށަހަޅައިގެން ބަލަން ފަށާފައެވެ. މިމައްސަލައާއި ބެހޭގޮތުން މިސަރުކާރުގެ ހޯމް މިނިސްޓަރު ވިދާޅުވީ އެގްޒިމް ބޭންކުން ހަމަޖައްސަން އިންދިރާ ޕްރޮޖެކްޓްސްއިން ބުނި ލޯނު ނުލިބޭނެކަމަށް އެކުންފުނިން މިދިޔަ އަހަރުގެ އެޕްރީލްމަހުގައި ސަރުކާރަށް އަންގާފައިވާކަމަށެވެ.