ދިވެހިރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ގާނޫނުތަކަށް ބަދަލިގެންނަން ނިންމާފައިވާކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު މިހެން ވިދާޅުވީ ޑޮލަރު ލިބުން ދަތިވެ ބޭރުގައި ވިޔަފާރިކުރަން ދީފައިވާ ކާޑު ލިމިޓްތަކަށް ބަދަލުތަކެއް ގެނައުމަށް ބީއެމްއެލްއިން މިއަދު ނިންމި ނިންމުމާއި ގުޅިގެން ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށާއި އިންކަމް ޓެކްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ އިތުރުން މީރާގެ ކަލެކްޝަންގެ މަސައްކަތް ހަރުދަނާ ކުރުމަށް ގަވައިދުތަކަށް ބަދަލެއް ގެންނަން ޖެހޭ ނަމަ އެކަން ކުރުމަށް މަޝްވަރާކުރެއްވިކަމަށް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވިގޮތުގައި ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ބައެއް ގާނޫނުތަކަށް އިސްލާހު ގެނެސް ޑޮލަރުގެ ދަތިކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެއެވެ.