Tuesday 13th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޗްޕީއޭ

އެމްޕޮކްސްގެ އަލާމާތްތަކަށް ފަރުވާދެވޭނެ ގާބިލުކަން އެބަހުރި: އެޗްޕީއޭ

އެމްޕޮކްސްގެ އަލާމާތްތަކަށް ފަރުވާދެވޭނެ ގާބިލުކަން އެބަހުރިކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

މިއަދު ސިއްހީ ވުޒާރާގައި ކުރިއަށް ގެންދިޔަ މައުލޫމާތު ސެޝަންގައި، ދުނިޔޭގައި ފެތުރެމުންދާ އެމްޕޮކްސްއާ ބެހޭ މައުލޫމާތު ދެމުން އެޗްޕިއޭއިން ބުނެފައިވަނީ، އެމްޕޮކްސްގެ ސްޓްރެއިންތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން އަދި ސީދާ އެބައްޔަށް ވެކްސިންއެއް ލިބިފައި ނުވިނަމަވެސް އެ ބަލީގެ އަލާމާތްތަކަށް ދޭންޖެހޭ ސަޕޯޓިވް ޓްރީޓްމަންޓް ދެވޭނެކަމަށެވެ.

އެމްޕޮކްސްގެ އަލާމާތްތައް

  • ހުން އައުން
  • ތުރުތުރު އެޅުން
  • ބިހި ނެގުން
  • ފޮޅުލުން
  • ކަރުގައި ރިއްސުން
  • ވަރުބަލިވުން
  • މަސްތަކުގައި ރިއްސުން

ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެ ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރަމުން އަންނަނީ އެމްޕޮކްސްއާއި ގުޅުން ހުރި ބައްޔެއްކަމަށްވާ ސްމޯލް ޕޮކްސްއަށް ބޭނުންކުރާ ވެކްސިން ކަމަށް އެޗްޕިއޭއިން މައުލޫމާތުދިނެވެ.

އެމްޕޮކްސްގެ 2 ކްލޭޑް އިންނައިރު މިވަގުތު ފެތުރެމުންދަނީ ކްލޭޑް އެކެއްކަން އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ. ބަލި ޖެހިއްޖެ ފަރާތެއް ރަނގަޅުވުމަށް 2-4 ހަފްތާ ނަގާނެކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މީގެ އިތުރުން، މި ބަލީގެ އެންމެ ރިސްކު މަތި މީހުންގެ ތެރޭގައި މާބަނޑު އަންހެނުންނާއި ބަނޑުގައިވާ ދަރި ހިމެނޭ ކަމަށާއި، ކުޑަކުދިންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި، ހަމުގެ ބަލި ހުންނަ މީހުންގެ އިތުރުން، ދިގުމުއްދަތަކަށް ބައްޔަކަށް ފަރުވާ ހޯދާ މީހުން ހިމެނޭކަން އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

ކޮވިޑާއި އެތައް ތަފާތުތަކެއް ހުންނަ މި ބައްޔަކީ ކޮވިޑުހާ ސީރިއަސް ބައްޔެއް ނޫންނަމަވެސް، މި ބައްޔަށް ޓެސްޓުކުރުމުގައިވެސް ޕީސީއާރު ހަދާނެކަން އެޗްޕީއޭއިން މިއަދުގެ ސެޝަންގައި ހާމަކޮށްފައިވެއެވެ. އެގޮތުން ބަލިޖެހިފައިވާ ފަރާތެއްގެ ބިހިން ޓެސްޓު ހެދުމަށް ކުރަމަގާލި ނަގަންޖެހޭ ހާލަތްވެސް މެދުވެރިވެދާނެކަމަށް އެޗްޕިއޭއިން މައުލޫމާތުދީފައިވެއެވެ.

މިހާރު ފެންމަތިވެފައިވާ އެމްޕޮކްސްއަކީ ކޮވިޑުހާ އަވަހަށް ފެތުރޭ ބައްޔެއްނޫންކަމަށާއި، އެ ބަލި ފެތުރޭނީ އެ ބަލި ޖެހިފައިވާ މީހެއް ނުވަތަ ޖަނަވާރަކާއި ކައިރީގައި ގިނަ ވަގުތު ހޭދަކޮށް ނުވަތަ އެ ބަލި ޖެހިފައިވާ މީހެއްގެ ގައިގައި ހުންނަ ދިޔަ އެތެރެވުމުންކަމަށް އެޗްޕީއޭއިން މައުލޫމާތުދީފައިވެއެވެ. އަދި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މި ބަލީގެ 99،176 ވޭދަނަ ރިޕޯޓުކުރެވިފައިވާއިރު 116 މީހުން މިބަލީގައި މަރުވެފައިވެސްވެއެވެ.

އަދި ސިއްހީ ވަޒީރު އަބްދުﷲ ޚަލީލުގެ އިރުޝާދުފުޅުގެ މަތިން މިކަމަށް ވާންޖެހޭ ތައްޔާރީ އެންމެ ފުރިހަމައަށް ވަމުންދާކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ

މި ލިއުމާއި ގުޅޭ