ބުންޑެސްލީގާވެސް އުފުލާލާފައިވާ ބަޔާ ލެވަކޫސެން ޖަރުމަން ސުޕާކަޕް ކާމިޔާބުކޮށްފިއެވެ.
ލެވަކޫސެންއިން މި މެޗް ކާމިޔާބުކޮށްފައިވަނީ މެޗުގެ 90 ވަނަ މިނެޓު ހަމަވިއުިރު 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން ޕެނަލްޓީގައި 4-3 ގެ ނަތީޖާއެއް ނެރެ ސްޓުޓްގާޓް ބަލިކުރުމަށްފަހުގައެވެ.
މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ލެވަކޫސަންގެ މެދުތެރެއަށްކުޅޭ މާޓިން ޓެރިއާ ފުރަތަމަ ހާފުގައި ސްޓުޓްގާޓްގެ ބޮސްނިއާ ފޯވާޑް، އެރްމެޑިން ޑެމިރޯވިޗް އަށް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެން ރަތް ކާޑެއްދައްކާ ދަނޑުން ފޮނުވާލާފައިވީނަމަވެސް، އެ ޓީމުން ވަނީ މުޅި ދަނޑު އެޓީމުގެ ޓެމްޕޯގެ ދަށަށް ގެނެސްފައެވެ.
ލެވަކޫސަންގެ ހޯމްގައި ރޭ ކުޅުނު މެޗު ފެށީވެސް ލެވަކޫސަންގެ ލީޑުންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި ވިކްޓަ ބޮނީފޭސް ޖެހި ގޯލާއެކު ލެވަކޫސަންއަށް 4 މިނެޓަށް ހިންދަމާލެވުނުނަމަވެސް، މެޗުގެ 15 ވަނަ މިނެޓުގައި ސްޓުޓްގާޓުގެ އެންޒޯ މިލޮޓުގެ ލަނޑާއެކު އެ ތީމުން އަރައި ހަމަކުރިއެވެ.
އަދި ހޯމް ސަޕޯޓަރުން ބިރެއްގެ ތެރެއަށް ފޮނުވައިލީ މެޗުގެ 63 ވަނަ މިނެޓުގައި ސްޓުޓްގާޓުގެ ފޯވާޑް، ޑެނިޒް އުންޑާވް ޖެހި ގޯލާއެކު އެޓީމުން މެޗުގެ ލީޑު ނެގުމުންނެވެ. ނަމަވެސް، މެޗުގެ 88 ވަނަ މިނެޓުގައި އެ ނަތީޖާއާ އަރާހަމަކުރީ ލެވަކޫސަންގެ އަލެހަންދްރޯ ގްރިމާލްޑޯ ދިން އެސިސްޓެއްގައި ޝިކް ކާމިޔާބުކުރި ގޯލުންނެވެ.
މި މޮޅާއެކު އެޓީމުގެ ތަށި ކެބިނެޓަށް ފަސްވަނަ ތަށި ލިބުނީއެވެ. މިފަހަކަށް އައިސް ލެވަކޫސަންއިން ދައްކަމުންދާ މޮޅު ކުޅުމުގެ ފަހަތހުގައިވަނީ ބާސެލޯނާގެ ތަރި ޒާބީ އަލޮންސޯގެ މޮޅު ސްޓްރެޓެޖީތައްކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ. ޖަރުމަނުންވަނީ މިދިޔަ ސީޒަނުގައި ބުންޑަސްލީގާގެ އިތުރުން، ޖަރުމަން ކަޕްވެސް އުފުލާލާފައެވެ. އަދި، އެޓީމުގެ ތާރިހުގައި ފަސް ތަށި ހޯދާފައިވާއިރު، މީގެ ތެރެއިން ޒާބީގެ ކޯޗިންގެ ދަށުން ސުޕާކަޕާއެކު 3 ތަށި ހަމަވީއެވެ.