ފްރާންސްގެ މަޝްހޫރު ތަރި ކީލިއަން އެމްބާޕޭ ރިއާލްމެޑްރިޑަށް ޖަހައިދިން ފުރަތަމަ ގޯލާއެކު އެޓަލާންޓާ ބަލިކޮށް ޔުއެފާ ސުޕާރ ކަޕް ރެއާލްމެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
ރެއާލް މެޑްރިޑުން މި މެޗު ކާމިޔާބު ކޮށްފައިވަނީ މެޗުގެ ދެވަނަ ހާފުގައި އެޓަލާންޓާކޮޅައް 2 ގޯލު ޖަހާ އެ ޓީމު ބަލިކޮށްގެނެވެ.
މިހާތަނަށް މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ ވެސް ރެއާލުންނެވެ. މި ގޮތުން މިއީ ރެއާލުން ސުޕަރ ކަޕް ކާމިޔާބުކުރި ހަވަނަ ފަހަރެވެ.
ޕޮލެންޑްގެ ވެރި ރަށް ވޯސޯގައި ހުންނަ ސްޓޭޑިއޯން ނަރޮޑޯވީގައި ރޭ ކުޅުނު މެޗު ފެށިގެން އެޓަލާންޓާއިން ރަނގަޅު ކުޅުމެއްދެއްކި ނަމަވެސް ރެއާލްގެ ގޯލްކީޕަރު، ތިބައުޓް ކޯޓުއާ އަށް މާބޮޑު ނުރައްކަލެއް ކުރިމަތިނުކުރެވުނެވެ.
ފުރަތަމަ ހާފުގައި އެޓަލާންޓާގެ ޑިފެންސިވް ގޭމްގެ ސަބަބުން ރެއާލްގެ ކުޅުންތެރިންނަށް އެންމެ އެކަށީގެންވާ ފަދަ ކުޅުމެއް ދެއްކޭގޮތެއްނުވިނަމަވެސް ދެވަނަ ހާފު ފެށިގެން ރެއާލުން ކުޅުން ރަނގަޅުކޮށް، އެ ޓީމުން ލީޑްނެގީ 59 ވަނަ މިނެޓުގައި އުރުގުއޭ މިޑްފީލްޑަރު، ފެޑެރީކޯ ވަލްވާޑޭ ކާމިޔާބުކުރި ގޯލުންނެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ބްރެޒިލް ތަރި، ވިނީޝިއުސް ޖޫނިއާ ދިން ޕާހަކުންނެވެ.
އަދި ފަހު ހާފު ނިމެން އުޅެނިކޮށް އެޓަލާންޓާއިން ގެނައި ބަދަލުތަކާއެކުވެސް އެ ޓީމު ރަނގަޅަށް ހަމައަކަށް ނޭޅި އުޅެނިކޮށް، ރެއާލުން ވަނީ ދެވަނަ ލަނޑެއްޖަހައިފައެވެ. މެޗުގެ 68 ވަނަ މިނެޓުގައި ރެއާލަށް މި ލަނޑުޖަހައިދިނީ އެމްބާޕޭއެވެ. އެމްބާޕޭ މި ލަނޑުޖެހީ އެ ޓީމުގެ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ދިން ބޯޅައަކުންނެވެ. މިއީ ރެއާލްގެ ޖާޒީގައި އެމްބާޕޭގެ ފުރަތަމަ ގޯލެވެ.
މިއީ ކްލަބް ފުޓްބޯޅައިގައި ސަރަހައްދީ މުބާރާތެއްގެ ޓްރޮފީއެއް އެމްބާޕޭ ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ އޭނާ ޔޫއެފާ ސުޕަ ކަޕް މެޗެއް ކުޅުނު ފުރަތަމަ ފަހަރު ވެސްމެއެވެ. ޕީއެސްޖީ ދޫކޮށްލައި ރެއާލްގެ ކުޅުންތެރިޔެއްގެ ގޮތުގައި ތައާރަފު ވުމަށްފަހު އެމްބާޕޭ ބުނީ، ރެއާލަށް ބަދަލުވުމާ އެކު އޭނާ އަހަރުތަކެއް ކުރިން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެއްޖެ ކަމަށެވެ.