1.5 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާ އިން އަނެއްކާވެސް އޮލިމްޕިކްސްގައި ރަން މެޑެއްޔެއް ނުލިބި އެނބުރި ޤައުމަށް ދާންޖެހިއްޖެއެވެ.
އެކި އިވެންޓްތަކުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް އިންޑިއާގެ އެތުލީޓުންނަށް ކާމިޔާބު ހާސިލް ކުރެވޭނެ ގޮތެއްނުވިއެވެ. މި ނަތީޖާއާ ގުޅިގެން ޤައުމުގެ ރައްޔިތުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާއިރު، މިހާ ބޮޑު އާބާދީއަކާއި ޤާބިލުކަން ލިބިގެންވާ ޤައުމަކަށް ކުޅިވަރުގެ ފެންވަރު ރަނގަޅުނުކުރެވެނީ ކީއްވެގެންތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އޮލިމްޕިކްސްގައި އިންޑިޔާގެ ޕާރފޯމެންސް ދަށްވުމުގެ ސަބަބުތަކުގެ ތެރޭގައި ގިނަ ކަންތައްތަކެއް ހިމެނެއެވެ. މިގޮތުން ކުޅިވަރުގެ ހަރުދަނާ އިންފްރާސްޓްރަކްޗާއެއް ބިނާވެފައި ނެތުމަކީ ފާހަގަ ކޮށްލަންޖެހޭ ކަމެކެވެ. އަދި އިންޑިޔާ ގެ ފަޤީރު ހިސާބުތަކުގެ ހުނަރުވެރި ގިނަ އެތުލީޓުންނަށް އެޤައުމުން ދުނިޔޭގެ ފެންވަރުގެ ޓްރެއިނިން ފެސިލިޓީތަކުގެ ޙިދުމަތްތަކާއި ފުރުސަތުތައް ނުދޭކަން ފާހަގަކޮށްލަންޖެހެއެވެ.
މީގެ އިތުރުން ސަރުކާރުގެ ޕްރައިވެޓް ސެކްޓަރގެ ފަންޑިންގ އިތުރުވެފައިވާ އިރުވެސް، ބައިވެރިވާ ކުޅިވަރުތަކުގައި އެދެވިގެންވާ އެހީތެރިކަން ފޯރުކޮށްނުދޭކަމަށް އެކި ފަރާތްތަކުން ބުނެއެވެ. އަދި ކްރިކެޓަށް ދޭ ބޮޑު އަހައްމިއްޔަތުކަމުގެ ސަބަބުން އެހެން ކުޅިވަރުތަކުން ސަމާލުކަން ނުދެވި އޮލިމްޕިކްސް ފެންވަރުގެ ހުނަރުވެރިންގެ ކުރިއެރުމަށް ހުރަސް އެޅިގެންދާ ކަމަށްވެސް އެކި ފަރާތްތަކުން ބުނެއެވެ.