އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަކުރަން ދެކޮޅު ހެދީ އިންޑިއާގެ ޕްރެޝަރާއި ހެދި ކަމަށް އިންޑިއާ ސިފައިންގެ މައުލޫމާތު ސިއްރުކުރަން ނިންމި އިންފޮމޭޝަން ކޮމިޝަނަރ ހުސެއިން ފިޔާޒް މޫސާ ބުނެފިއެވެ. އޭނާ މިހެން ބުނީ "ދިޔަރެސް" އަށް މައުލޫމާތު ދެމުންނެވެ.
ފިޔާޒް އިންފޮމޭޝަން ކޮމިޝަނަރަކަށް ހުރިއިރު އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ދެކޮޅު ހެދީ ދިވެހިރާއްޖޭގައި ޤާއިމްވެގެން ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަވެއްޖެނަމަ ދިވެހިރާއްޖެއަށް ކާޑުގެ ބާވަތްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެއެވެ.
ފިޔާޒް "ދިޔަރެސް" އަށް މައުލޫމާތު ދެމުން ބުނިގޮތުގައި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ހުށަހެޅި މައްސަލަ ނިންމާއިރު އެއަދަދު ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމަން އިންޑިއާގެ އޮފިޝަލުންނާއި އަދި ސަރުކާރުގެ އިސްވެރިން ވެސް އޭނާއަށް ޕްރެޝަރު ކުރިއެވެ. އެހެންވެ އޭނާ ނިންމީ އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ނުޖެހޭނެ ކަމަށް ކަމުގައި ފިޔާޒް ބުންޏެވެ.
ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި، އެ ސިފައިންނަށް ސަރުކާރުން ކުރާ ހަރަދު ހޯދުމަށް 2020 ވަނަ އަހަރު "ދިޔަރެސް" އިން ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން އެ މައުލޫމާތު ނުދިނުމާއި ގުޅިގެން "ދިޔަރެސް" އިން ވަނީ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައެވެ.
އެ އޮފީހުން އެ މައްސަލަ ބެލުމަށްފަހު ވަނީ ޑިފެންސް މިނިސްޓްރީން ނިންމީ ރަނގަޅަށް ކަމުގައި ނިންމާފައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މި ނިންމުން "ދިޔަރެސް" އިން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުން ނިންމީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ގޯސް ކަމަށެވެ.
ހައިކޯޓަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ލިޔުމުން ހުށަހެޅި ޖަވާބުގައި ބުނެފައިވާގޮތުގައި ރާއްޖެއަކީ ކުޑަކުޑަ ޤައުމަކަށްވެފައި އަސާސީ ކަންކަމަށް ބޭނުންވާ ތަކެތި އެތެރެކުރުމަށްވެސް އެހެން ޤައުމުތަކަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު އެ މައުލޫމާތު ހާމަވެއްޖެނަމަ ކާޑުގެ ބާވަތްތައް ފަދަ އަސާސީތަކެތި ލިބުމުގައި ދަތިވުމާއި، އިންޑިއާއިން ފޯރުކޮށްދޭ އިންސާނިއްޔަތުކަމުގެ އެހީތަކަށްވެސް ހުއްޓުމެއް އަތުވެދާނެ ކަމަށް ބުނެފައިވެއެވެ. އެގޮތައް ޖަވާބު ލިޔުނީ އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒް އެވެ.
ނަމަވެސް ހައިކޯޓުން މިދިޔަ ނޮވެމްބަރ މަހު ނިންމީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަންނުޖެހޭނެކަމަށް އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒް ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށެވެ.