ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ހިންގި ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހީގެ ދަށުން ނުހިއްކާ އޮތް ކަނޑާއި ފަޅުން ގޯތި ދޫކުރަން އިއުލާނުކުރިކަން އިދިކޮޅު އެމްޑީޕީގެ މެންބަރުން ހަނދާން ނެތިއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގުޅީފަޅުން ގޯތި ދޫކުރެވޭނެ ދުވަހަކާ ގުޅޭ ގޮތުން އެމްޑީޕީ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ކުރީ ސަރުކާރުން ކަނޑުންނާއި ފަޅުން ގޯތި ދޫކޮށްފައިވާތީ، ގުޅީފަޅުން ގޯތި ދޫކުރެވޭނެ ދުވަހެއް އެނގިނުލައްވާ ކަމަށެވެ.
އެއަށްފަހު ތަޅުމުގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރުމަށް ފަހު، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ ކަނޑުން އެންމެ ގޯއްޗެއްވެސް އެމްޑީޕީގެ ސަރުކާރުން ދޫކޮށްފައި ނުވާނެ ކަމަށާއިި ފަޅަކީ ވަރަށް ތިލަ ފަޅެއް ކަމަށެވެ.
ފަޅު ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއްގެ މަސައްކަތް ކުރަމުން އޭރު އެމްޑީޕީގެ ސަރުކާރު ނިމިގެންދިޔަ އިރު އޮތީ.އިބްރާހީމް ނާޒިލް
އެމްޑީޕީ މެންބަރުން މިހެން ބުނި ނަމަވެސް ބިންވެރިޔާ ސްކީމުގެ ދެވަނަ ބުރުގައި ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދިންކަމުގެ ލިޔުން ހަވާލު ނުކުރާނެ ކަމަށް އޭރުގެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ވަނީ ވިދާޅުވެފައެވެ. އެމްޑީޕީ ސަރުކާރުން އެ ސްކީމުގެ ފުރަތަމަ ބުރުގައި ހުޅުމާލޭ 3 ވަނަ ފޭސްއާއި، ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ދޫކޮށް، ގޯތި ލިބުނުކަމުގެ ލިޔުންތައް ދޫކުރީ ވެސް އެ ތިންތަން ހިއްކައި ނުނިމެނީހެވެ.
މީގެ އިތުރުން މާލޭގައި ދިރިއުޅޭ، އެހެން ރަށްރަށަށް ނިސްބަތްވާ ފަރާތްތަކަށް ގޯތި ދޫކުރާ ސަރަހައްދުތަކުގެ ތެރޭގައި އުތުރު ތިލަފަޅު ހިމެނޭ ކަން އޭރުގެ ރައީސް އިބްރާހީމް އިއުލާން ވެސް ކުރެއްވިއެވެ.
ރައީސް އިބްރާހީމް މިހެން ވިދާޅުވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ ރޭ އެމްޑީޕީއިން ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ގުޅިގެން ވާހަކަދައްކަވަމުންނެވެ.
އެމްޑީޕީގެ ސަރުކާރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ގޯއްޗާއި ފްލެޓު ދޭނެ ކަމަށް ވައުދުވެ އެއިން އެއްވެސް ވައުދެއް ނުފުއްދުނު ނަމަވެސް މި ސަރުކާރަށް އަހަރެއް ފުރަންދާއިރު ރައްޔިތުންނަށް ގޯތި ދިނުމުގައި އެއްވެސް ނަތީޖާއެއް ފެނިފައި ނުވާކަމަށް ބުނެ އެމްޑީޕީ މެންބަރުން ވަނީ ވާހަކަ ދައްކާފައެވެ.