އުނގަންނައިދިނުމުގެ ދާއިރާއަކީ ކޮންމެ ގައުމެއްގެވެސް ދަރީންގެ މުސްތަގްބަލަށް މުހިއްމު ދައުރެއް އަދާކުރާ ދާއިރާއެކެވެ. އެ ދާއިރާގެ އެންމެ މުހިއްމު އެއް ހިއްސާދާރުންނަކީ ދަރިވަރުންނަށް އުނގަންނައިދިނުމަށް ނުހަނު ބުރަ މަސައްކަތް ކުރަމުން އަންނަ މުދައްރިސުންނެވެ. ބެލެނިވެރިން ދަރިވަރުން ސްކޫލަކަށް ފޮނުވާއިރު އަބަދުވެސް ވިސްނަނީ އެ ދަރިންނަށް ކިޔަވައިދޭން ތިބޭ މުދައްރިސުންގެ ފެންވަރާމެދުގައެވެ. މިހާރަކަށް އައިސް ރާއްޖެއިން އަބަދުވެސް އިވޭ އެއް އަޑަކީ މުދައްރިސުން މަދު ވާހަކައެވެ. މުދައްރިސެއްގެ ގޮތުގައި ކުރިއަށް ދިއުން ހިޔާރުކުރާ މީހުންގެ އަދަދު މަދު ވާހަކައެވެ. މިކަން މިހެން ދިމާވާންވީ ސަބަބެއް ނުވަތަ ސަބަބުތަކެއް އޮންނާނެއެވެ.
ދިވެހިރާއްޖޭގައި ވަޒީފާގެ މައިދާނުގައި އުޅޭ އެންމެ 'ބިޒީ ޝެޑުއުލްއެއް'ގެ ބަޔަކީ ވެސް މުދައްރިސުންނެވެ. ހެނދުނު ހެނދުނާ ވަޒީފާއަށް ނިކުންނަ މުދައްރިސުން ހަވީރު ވާއިރުވެސް ވަގުތު ހޭދަކުރަނީ ސްކޫލުތަކުގައެވެ. ގެއަށް އައިސް ރޭގަނޑު 'އެކްސްޓްރާ ކްލާހަށް' ދެއެވެ. ދަރިވަރުންނަށްޓަކައެވެ. އެ ދަރިވަރުންގެ ތަޢުލީމް ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތް ކުރުމަށެވެ. އިތުރު ހަރަކާތެއް އޮންނަ ދުވަސްކޮޅަކުނަމަ ސްކޫލުން ގެއަށް އަންނާނެ ވަގުތެއްވެސް އެ މުދައްރިސުންނަށް ނުވެއެވެ. މުދައްރިސުންގެ ގޮތުގައި ވަޒީފާ އަދާކުރާ މައިންނާއި ބަފައިން އެމީހުންގެ ދަރިންނާއެކު ހޭދަކޮށްލާނެ ވަގުތެއްވެސް ނުލިބެއެވެ. އެއީ އެ މުދައްރިސުންވަމުން އަންނަ ބޮޑު ގުރުބާނީއެކެވެ.
ކިޔަވައިދިނުމުގެ ދާއިރާއަށް މީހުން ތަމްރީނުކުރާ ކޮލެޖް ޔުނިވާސިޓީތަކަށް ބަލާއިރު ސެމިސްޓާއަކަށް ފަހު ސެމިސްޓާއެއް އަހަރަކަށް ފަހު އަހަރެއް އެ ދާއިރާ ޚިޔާރުކުރާ ދަރިވަރުންގެ އަދަދު އަންނަނީ މަދުވަމުންނެވެ. ގިނަ ގުނަ ލުއި ފަސޭހަތަކާއި، އެކި ފުރުޞަތުތައް ލިބޭއިރުގައިވެސްމެއެވެ.
އަދި ހަމަ އެހެންމެ ޓީޗިންގ ދާއިރާއިން ކިޔަވައި ޑިގްރީ އާއި މާސްޓާ ހާސިލް ކުރުމަށްފަހުވެސް އެދާއިރާ ދޫކޮށްލާ މީހުން ވެސް މަދެއް ނޫނެވެ. އިތުރު ދާއިރާއަކުން ކުރިއަށް ދާން ފުރުޞަތެއް އޮތް ނަމަ ޓީޗިންގ ދާއިރާ ދޫކޮށްލުމަށް ގިނަ މީހުން ތިބީ ތައްޔާރަށެވެ.
ބުރަ ވަޒީފާއަކާ ބަލާފައި ޓީޗަރުންގެ މުސާރަ ކުޑަ ވާހަކަ މީގެ ކުރިން ދެކެވުނެވެ. މުސާރަ ބޮޑުކޮށްފިއެވެ. ނަމަވެސް އެ ދާއިރާއަށް މީހުން ގިނައެއް ނުވިއެވެ. މުދައްރިސުންގެ މުސާރައަކީ މިހާރު ގެނެވިފައިވާ ބަދަލުތަކާއި ގައުމުގެ އިޤުތިޞާދީ ހާލަތު އޮތް ގޮތުންނާއި އަދި ސިވިލް ސާވިސްގެ މުސާރައިގެ އޮނިގަނޑަށް ބަލާއިރު މާކުޑަ މުސާރައެއް ނޫނެވެ.
ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހަކު "ދިޔަރެސް"އަށް ބުނީ އެ ދާއިރާގައި އޭނާ މަސައްކަތް ކުރަނީ ކިޔަވައިދިނުމަށް ހުންނަ ޝައުގުވެރިކަމެއްގެ ސަބަބުންނެވެ. ނަމަވެސް ދަރިންނަށް ވަގުތު ދޭން ވަރަށް އުނދަގޫކަމަށާއި ހޮނިހިރު ދުވަހަކީވެސް މިހާރު ރަސްމީ ދުވަހަކަށް ހަދާފައި އޮންނާތީ ވަރަށް އުނދަގޫވާކަމަށެވެ.
"މި މުސާރަ ބޮޑުކުރިންފަހުން މިހާރު އަދި މާ ބިޒީވާ ގޮތަށް މި އޮންނަނީ. މިހާރު ހޮނިހިރު ދުވަހަކީވެސް ރަސްމީ ދުވަހެއް. ރަސްމީކޮށް ނިކުންނާކަށް ނުޖެހޭ، އެކަމަކު ރަސްމީ ދުވަހެއް ގޮތުގައި އޮންނަނީ. އެދުވަހު މަސައްކަތް ކުރިއަސް އޯޓީއެއް ވެސް ނުލިބޭނެ. އަނެއްކާ ވީކް ޑޭސްތަކުގައިވެސް މި އޮންނަ ގޮތުން ހަ ގަޑިއިރުގެ އިތުރަށް ދެ ގަޑިއިރު މަސައްކަތްކޮށްފައި އޭގެ އިތުރަށް ކުރާ މަސައްކަތަަށް އޯޓީ މި ލިބެނީ. އަނެއް ކަމަކީ ފޮތް މާކުކުރުން ފަދަ މަސައްކަތްތަކަށްވެސް އޯޓީއެއް ނުލިބެ" އޭނާ ބުންޏެވެ.
ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ކުރީގެ ޑީން އަދި މިހާރުގެ އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު "ދިޔަރެސް"އަށް ވިދާޅުވީ ޓީޗަރުންގެ ދާއިރާއަށް މީހުން ވަންނަން ބޭނުން ނުވާ ސަބަބުތަކުގެ ތެރޭގައި މުޖުތަމައުއިން މުދައްރިސުންނަށް ދޭންވީ ވަރަށް އިހްތިރާމް ނުދެވުން ހިމެނޭކަމަށެވެ.
"ދެން އަނެއް ކަމަކީ ޓައިމް. ބޮޑު ޕަސެންޓެޖަކީ އަންހެނުން. އެހެންވީމާ ފެމިލީއަށް ދޭން ޖެހޭ ޓައިމް ނުދެވުން އެއީ އަނެއް ސަބަބު. ކުރީގައި 24 ގަޑިއިރު ސުކޫލުގައި އުޅެން ޖެހުނަސް އެހާ ބޮޑަށް ފާހަގަނުވޭ އެކަމެއް. އެކަމު މިހާރު ދިރިއުޅުމުގެ ހާލަތު މިއޮތީ އެއްކޮށް ބަދަލުވެފައިދޯ" ފިޒާނާ ވިދާޅުވިއެވެ.
ފިޒާނާ އިތުރަށް ވިދާޅުވީ ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތް ކުރާ ޓީޗަރުންވެސް އެއީ ރަނގަޅު ފީލްޑެއްކަމަށް ދަރިވަރުންކައިރީ ބުނެ ނުދިނުމަކީވެސް އެ ދާއިރާއަށް ވަންނަން ބޭނުންވާ ކުދިންގެ އަދަދު މަދުވާ ސަބަބެއްކަމަށާއި އެއީ ރަނގަޅު ފީލްޑެއްކަމަށް ކުދިން ކައިރީ ބުނެނުދޭ ނަމަ ކުދިން އެ ދާއިރާއިން ކުރިއަށްދާން ބޭނުން ނުވާނެކަމަށެވެ.
"މި އަންނަން ވާވަރު ތަނެއްނޫނޭ ކިޔާފައި ސޯޝަލް މީޑިއާގައި މި ޖަހަނީ. ބެލެނިވެރިންވެސް ޓީޗަރުންނާއި ދިމާލަށް އެއްޗެހި ކިޔާފައި ސޯޝަލް މީޑިއާގައި ޖަހަނީ. ދެން ކުދިންނަށް އެ ޕޯސްޓުތައް އެބަ ފެނޭ. މިހާރު މިއުޅެނީ ސޯސަލް މިޑިއާގެ ކުދިންނެއް ނޫތޯ. ރަނގަޅު އިމޭޖެއް ނޫން އަޅުގަނޑުމެން ބޮޑެތި މީހުން މި ކްރިއޭޓްކޮށްދެނީކީ. އެހެންވެ ވެސް ދާއިރާއަށް ކުދިން އެބަ މަދުވޭ" ފިޒާނާ ވިދާޅުވިއެވެ.
ކިޔަވައިދިނުމުގެ ދާއިރާގައި އުޅުމަށްފަހު އެ ދާއިރާ ދޫކޮށްލި ގިނަ ފަރާތްތަކުން ބުނަނީ ވަޒީފާގެ ޕްރެޝަރުގެ ވާހަކައެވެ. މަސައްކަތު ދާއިރާ އާއި ޒާތީ ހަޔާތް ބެލެންސް ނުވުމުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ވާހަކައެވެ. ދަރިވަރުންނާއެކު ހޭދަކޮށްލާ ވަގުތުގައި ހިތަށް ކުޑަ ހިތް ހަމަ ޖެހުމެއް ލިބުނަސް ހިތަށް ނުތަނަވަސްކަން ލިބޭ ވަގުތު ގިނަކަމުގެ ވާހަކައެވެ.
ޓިޗިންގ ދާއިރާއިން ކިޔެވުމަށްފަހުވެސް ޓީޗަރެއްގެ ވަޒީފާއަށްދާން ބޭނުން ނުވި މީހަކު ބުނިގޮތުގައި އޭނާ އެ ދާއިރާ ދޫކޮށްލީ އެ ދާއިރާއާމެދު އިވެމުންދާ ވާހަކަތަކުގެ ސަބަބުންނެވެ. އިވެނީ ބުރަ ވާނެކަމުގެ ވާހަކައާއި ސްކޫލުތަކުގައި މީހުން އުޅެން ބޭނުންވާ ވާހަކައެވެ.
"ޓީޗިންގ އިން ޑިގްރީ ހެދިން. އެކަމު ގޭގައި ކުދިންނަށް ޓިއުޝަން މި ދެނީ، ރަށެއްގައި އުޅޭތީ މާ ބޮޑު އާމްދަނީއެއް ނުލިބެ، އެކަމު މި ލިބޭ ކުޑަ ލާރިކޮޅުންވެސް މާ ހިތް ހަމަ ޖެހޭ. ޓީޗަރުން އެ އުޅެނީ ކުރަން ބޭނުން ނުވާ ކަންކަމުގައި އުޅެން ޖެހި އެކަމުން ސަލާމަތް ނުވެގެން. އަހަރެންނަށް މިވެނި ކަމެއް ކުރަން މަޖުބޫރު ކުރާނެ މީހެއް ނުހުންނާނެ. މިހެން ޓިއުޝަން ދޭއިރު ޓީޗަރުންނަށްވުރެ ބޮޑަށް މާ ރެސްޕެކްޓް ވެސް ލިބޭ ކަންނޭނގެ ޕޭރެންޓްސްގެވެސް." ޓީޗިންގ ޑިގްރީ ހެދުމަށްފަހު ވަޒީފާއަށް ނިކުންނަން ބޭނުން ނުވި މީހަކު ބުންޏެވެ.
ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކަކުން ތިބީ އިތުރު ގޮތެއް އޮތް ނަމަ އެ ދާއިރާ ދޫކޮށްލަން ތައްޔާރަށެވެ. އެކަކު ބުނިގޮތުގައި އޭނާ ދާއިރާ މަތިން ފޫހި ވަނީ ތަފާތުކުރުންތައް ގިނަ ކަމުންނެވެ. ކިޔަވައިދިނުމުގެ މަސައްކަތަކީ ނަފްސާނީ ގޮތުންވެސް ބުރަ މަސައްކަތަކަށް ވާއިރު ހިތް ނުތަވަސްވާ ކަންކަން މިހާ ގިނަ ވުމުން ދާއިރާ މަތިން ފޫހިވީ ކަމަށެވެ.
"މިހާރު މި އުޅެނީ މުޅިން އެހެން ދާއިރާއެއްގައި، އުނގަންނައިދިނުމުގެ ދާއިރާގައި އުޅެފައިހުރި މީހެއްގެ ހައިސިއްޔަތުން ދެ ދާއިރާ ކޮމްޕެއާ ކޮށްލާ ނަމަ މިހާރު މާ ހިތް ހަމަ ޖެހޭ. އަހަރެމެން އޭރު ކިޔަވައި ދޭން އުޅުނު އިރަށްވުރެ މިހާރު އަދި މާ ކަންތައް ބޮޑުކަންނޭނގެ. މި މުސާރަ ބޮޑުކުރި ފަހުން މިހާރު ހޮނިހިރުވެސް ރަސްމީ ދުވަހެކޭ ބުނަނީ. އަންހެނުންނާ ދެމީހުންވެސް ޓީޗަރަކަށް ކުރިން އުޅުނީ، އެހެންވެ ދަރިފުޅު ލިބުމުން ވަރަށް އުދަގޫވި އެ ދާއިރާގައި އުޅެން. އެހެންވެ ދާއިރާ ދޫކޮށްލީ. މިހާރު ރަނގަޅު. މުހިއްމު ކަމެއް ނެތިއްޔާ ރަސްމީ ގަޑި އެކަނިތާ އިންނާނީ ވަޒީފާއަށް ދާން ޖެހޭ" މީގެ ކުރިން ޓީޗަރަކަށް އުޅުނު މީހަކު ބުންޏެވެ.
ސަރުކާރު ސްކޫލުތަކާއި ޕްރައިވެޓް ސްކޫލުތައް ހުރިއިރު ސަރުކާރު ސްކޫލުތައް ހިޔާރު ކުރަން ބޭނުން ނުވާ ޓީޗަރުންވެސް ގިނައެވެ. މާލޭގައި ހުންނަ މަޝްހޫރު ޕްރައިވެޓް ސްކޫލެއްގައި މަސައްކަތް ކުރަމުން އަންނަ ޓީޗަރަކު ކިޔައިދިންގޮތުގައި އޭނާ ޕްރައިވެޓް ސްކޫލެއް ހިޔާރު ކުރީ ވަރަށް ގިނަ ސަބަބުތަކަކާއި އެކުއެވެ.
"ސަރުކާރު ސްކޫލެއްގައި ވޯކު ކުރުމަކީ ރަސްމީ ގޮތުން ފާހަގަކުރާ ހުރިހާ ދުވަހެއް ފާހަގަކުރުމުގެ ކަންކަމުގައި ޓީޗަރުން އުޅެން ޖެހޭ ކަމެއް، މުޅި އަހަރުގައި ފާހަގަކުރަން ޖެހޭ އެތައް ދުވަހެއް އެބަ އާދޭ. ކައުންސިލަކުން މުބާރާތެއް ބޭއްވިއަސް، ޖަމުއިއްޔާއަކުން ކަމެއް ކުރިއަސް، މިނިސްޓްރީއަކުން ކަމެއް ކުރިއަސް ކުދިން ތައްޔާރުކުރުމާއި ގުޅޭ ހުރިހާ ކަމެއްގައި އުޅެން ޖެހެނީ ޓީޗަރުން. އެހެންވީމައި ކިޔަވައިދިނުމުގެ އިތުރުން މިކަހަލަ ކަންކަމަށް ވެސް ވަރަށް ވަގުތު ހޭދަވޭ" އޭނާ ކިޔައިދިނެވެ.
ކިޔަވައިދިނުމަކީ ކްލާސްރޫމްގައި ފިލާވަޅު ނަގައިދިނުމުގެ އިތުރަށް، ފިލާވަޅުތަކަށް ތައްޔާރު ވުމަށާއި، އުނގަންނައިދެވުނު އެއްޗެއް ވަޒަންކުރުމަށް ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭ ކަމަކަށް ވާއިރު، މުދައްރިސުންގެ ވޯކް ލޯޑު ބޮޑުވުމަކީ އެ ދާއިރާއަށް ވަނުމަށް މީހުންގެ ޝައުގުވެރިކަން ކުޑަވާ މައިގަނޑު ސަބަބެއް ކަމަށް ޓީޗާސް ރިސާޗާ ގުރޫޕުން އެކުލަވާލި ރިޕޯޓެއްގައި ބުނެފައިވެއެވެ.
ޓީޗަރުންގެ ވޯކް ލޯޑު ބޮޑުނުވާ ގޮތަށް، "ވޯކް-ލައިފް ބެލެންސް ސިޔާސަތެއް" އެކުލަވާލުމުގެ މަސައްކަތް މިދިޔަ ސަރުކާރުން ވެސް ފެށިއެވެ. ނަމަވެސް އެ މަސައްކަތް ވަނީ ވަކި ހިސާބަކުން ހުއްޓިފައެވެ.
މިހާރުގެ ރައީސުލްޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އެންމެ ފުރަތަމަ އައި ޓީޗަރުންގެ ދުވަހު ފޮނުވި ތަހުނިޔާގައި، ޓީޗަރުންގެ ދުޅަހެޔޮކަމަށް އިސްކަން ދިނުމުގެ ގޮތުން އެމީހުންގެ މަސައްކަތުގެ ވަގުތާއި ޒާތީ ދިރިއުޅުން ބެލެންސްވާ ގޮތަށް ސިޔާސަތުތައް ފަރުމާކޮށްދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުއިއްޒު އެދުވަހު ޓީޗަރުންނަށް ފޮނުއްވި ތަހުނިޔާގައި ދެ ކަމެއް ފާހަގަކުރެއްވިއެވެ. އެއީ، ޓީޗަރުންގެ އަދަދު މަދުކަމާއި، ކިޔަވައި ނިމިގެން ނިކުންނަ ކުދިންގެ ކިބައިގައި ގައުމަށް ބޭނުންވާ ގާބިލުކަން ހުރޭތޯ ބައެއް ފަރާތްތަކުން އުފައްދާ ސުވާލެވެ.
"އިރާދަކުރެއްވިއްޔާ މި ދެ މައްސަލައަށް ވެސް އަޅުގަނޑުމެން އުފައްދާ ސަރުކާރުން ވަރަށް އިސްކަންދޭނަން،" 21 ވަނަ ގަރުނުގެ ދަރިވަރެއްގައި ހުނަންޖެހޭ ތޫނުކަމާއި ހުޝިޔާރުކަމާއި ގާބިލުކަމާއި އުޅުންތެރިކަން އަށަގަންނާނެ ފަދަ ގޮތަކަށް މަންހަޖު އަލުން ބައްޓަންކުރާނެކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވެފައިވާއިރު ޓީޗަރުން މަދު ދާއިރާތުން ޓީޗަރުން އުފެއްދުމާއި އެ ނޫންވެސް ޓީޗަރުންގެ ވަޒީފާއާ ގުޅޭ ގިނަ ކަންކަން މި ސަރުކާރުން ވަނީ ފަށާފައެވެ.
އެގޮތުން ޓީޗަރުން މަދު ދާއިރާތަކުން އިތުރު ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް މި އަހަރު ފަށާނެކަމަށް ރައީސުލްޖުމުރިއްޔާ ވަނީ ވިދާޅުވެފައެވެ.
އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވިގޮތުގައި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިއިރު އަލަށް ދާއިރާއާ ޓީޗަރުންގެ ގޮތުގައި ގުޅުނީ އެންމެ 41 ދިވެހިންނެވެ. މިނިސްޓަރު ވިދާޅުވީ މިއީ ވަރަށް މަދު އަދަދެއް ކަމަށާއި މުދައްރިސުން ސްކޫލުގައި ހޭދަކުރަން ޖެހޭ ވަގުތު އިތުރުވުމަކީ ދާއިރާއަށް ދިވެހިން ޝައުގުވެރިނުވާ ސަބަބެއް ކަމަށެވެ.
"ޓީޗަރުންނަކީ ރެއާއި ދުވާލު އެ ބޭފުޅުންގެ އާއިލާ ގުރުބާންކޮށް، ވަގުތު ގުރުބާންކޮށް އަދި އެއްވެސް ވަރެއްގެ ސައިކޮލޮޖިކަލް ވެލްބީންގަކަށް ބެލުމެއް ނެތި މުޅި ނިޒާމް އެކުލަވާލެވިފައިވަނީ. މިފަދަ ގަޑުބަޑުކޮށްފައި އޮތް ނިޒާމެއް ހަމަމަގަށް އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ،" މިނިސްޓަރު ޝަފީއު މީގެކުރިން ވިދާޅުވެފައިވެއެވެ.
އެއްވެސް އުސޫލެއް ނެތް ގޮތަށް ރާވާފައިވާ ސްކޫލްތަކުގެ އިތުރު ހަރަކާތްތައް ދަރިވަރުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް އަސަރު ނުކުރާގޮތަށް ބަދަލުކޮށް ޓީޗަރުންގެ ވޯކްލޯޑް ކުޑަކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ޓާމު ބަންދުގައި ޓީޗަރުން ވަޒީފާއަށް ނެރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ވަނީ މަނާކޮށްފައެވެ.
އެ މިނިސްޓްރީން ސުކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ބަންދާއި ދެވަނަ ޓާމް ބަންދު އަދި މިޑްޓާމް ބަންދުގައި މުދައްރިސުން ސްކޫލުތަކަށް ނެރުމަކީ މަނާ ކަމެއް ކަމަށެވެ.
މުދައްރިސުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ މީހުންގެ އަދަދު އަހަރުން އަހަރަށް މަދުވަމުން ދިއުމަކީ ހައްލު ކުރަން މަޖުބޫރުވެފައި އޮތް މައްސަލައެކެވެ. އެންމެ ގިނަ މީހުންނަށް އެއްބަސްވެވޭ އެއްކަމަކީ މުދައްރިސަކަށްވުމުގެ ޝައުގުވެރިކަން ކުޑަވުމާއި ގުޅިފައި އޮތް އެއް ސަބަބަކީ އެއްވެސް ގަޑިއަކަށް ފެއްތުމެއް ނެތި، ތޮއްޖައްސާފައި އޮންނަ މުދައްރިސުންގެ ޝެޑިއުލާއި، އެއްވެސް ހަމައެއް ލަމައެއް ނެތި މުޅި އަހަރު ދުވަހު ކޮންމެ ޗުއްޓީ ދުވަހަކާއި ދިމާވާ ގޮތައް އޮންނަ އިތުރު ހަރަކާތްތަކުގެ ސަބަބުން މުދައްރިސުން އުފުލަން ޖެހިފައި އޮންނަ ބޮޑު ބުރައެވެ. މުދައްރިސުންނަކީ ވެސް އާއިލާއެއް ބަލަހައްޓަން ޖެހޭ މައެއް ނުވަތަ ބަފައެއް ކަމާއި، ވަޒީފާގެ މާހައުލަކީ މުދައްރިސުންނަށް ވެސް ފަސޭހަ މާހައުލެއްކަން ކަށަވަރު ކޮށްދިނުން އެއީ ދައުލަތުގެ އިދާރާތަކުގެ ޒިންމާއެކެވެ. މިހާރު މުދައްރިސުން އުޅެން ޖެހިފައި އޮތް ބުރަ ދިރިއުޅުން ލުއި ކުރެވިގެން ނޫން ގޮތަކަށް މުދައްރިސުންގެ އަދަދު ގިނައެއް ނުކުރެވޭނެއެވެ. އެހެންވީމާ އެންމެ އިސްކަންދޭން ޖެހޭ އެއްކަމަކަށް އެކަން ހަދަން އެބަޖެހެއެވެ.