ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް އެކި ދާއިރާތަކުން ކޯސްތައް ފަރުމާކުރުމުގެ މަސައްކަތް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ކުރަމުން އަންނަކަމަށް ބުނެފިއެވެ.
ޕީއެސްއެމްގެ 'ރާއްޖެމިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރުގެ ނައިބު މަރިޔަމް ލަހުފާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށްޓަކައި އެކަމަށް ހާއްސަ ޑިޕާޓްމަންޓެއް ހަދައި މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
އެގޮތުން އެ ޑިޕާޓްމަންޓުގެ ދަށުން އެ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމާއި އެކި އެކި ތަމްރީނުތައް ފޯރުކޮށްދިނުމަށްޓަކައި މިހާރު މަސައްކަތް ފެށިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެކަމުގެ ތަފްސީލު ދެއްވަމުން ލަހުފާ ވިދާޅުވީ މޯލްޑިވްސް ޕޮލީޓެކްނިކްއާއި އެ މިނިސްޓްރީއާ ގުޅިގެން ދާދިފަހުން ސެޓްފިކެޓް ލެވެލް 3 ގެ ކަރަންޓުގެ ކަންކަން ދަސްކޮށްދޭ ކޯހެއް ފަށާފައިވާކަމަށެވެ.
މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ގޭގެއަށް ގޮސް ކަރަންޓުގެ މެއިންޓެނެންސް މަސައްކަތް ކޮށްދިނުމުގެ ލައިސެންސްއެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ލަހުފާ ވިދާޅުވީ ފުރަތަމަ ބެޗްގައި 19 ފަރާތަކުން މި ކޯހުގައި ބައިވެރިވެ މިހާރު އެ ފަރާތްތަކުގެ ކިޔެވުން ކުރިއަށްދާކަމަށެވެ. އަދި މީގެ ފައިދާ އެ ފަރާތްތަކަށް ލިބިގެންދާނެކަމަށާއި އާމްދަނީ ހޯދުމަށް އިތުރު ފުރުސަތެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ސަރުކާރުން އަމާޒު ކުރަނީ އެކި އެކި ދާއިރާތަކުން މިފަދަ ކުދިންނަށް ހާއްސަކޮށް ކޯސްތަކެއް ފަރުމާކޮށްގެން ކިޔަވައިދީ އަދި ވަޒީފާގެ ފުރުސަތުތައް ލިއްބައިދޭނެކަހަލަ ގޮތަކަށް މަސައްކަތްތައް ބައްޓަންކުރުމަށެވެ.
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތްތަކަށް އަދާކުރެވިދާނެ ވަޒީފާތަކަށް އަހުލުވެރިކުރުމާއި އިންޓާޝިޕް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް މިހާރުވެސް ސަރުކާރުގެ އެކިއެކި ކުންފުނިތަކުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަން ލަހުފާ ފާހަގަކުރެއްވިއެވެ.