ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރަކަށް ސިވިލް ކޯޓުގެ ފަނޑިޔާރު ފަރުހާދު ރަޝީދު އިންތިހާބުކޮށްފި އެވެ.
ފަރުހާދު އެ މަގާމަށް ހޮވުނީ ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިންތިހާބުކުރި މެންބަރުގެ ގޮތުގަ އެވެ. ޖޭއެސްސީގެ ގާނޫނުގެ ތިން ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އެ މެންބަރު ހޮވުމަށްޓަކައި އިންތިހާބު ބޭއްވީ މިއަދު ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ.
މި އިންތިހާބުގައި ޖުމްލަ ފަސް ކެނޑިޑޭޓުން ވާދަކުރެއްވި އެވެ. އޭގެތެރޭގައި ހިމެނެނީ ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޛު އިބްރާހީމް އިހްސާން، ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޛާ އާއިޝަތު އަޒުފާ އަބްދުލްއަފޫރު، ފެމިލީ ކޯޓުގެ ގާޒީ އަލްއުސްތާޛު އަބްދުﷲ މުހައްމަދު، ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު ރަފީއުއްދީން އަހްމަދު އަދި ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޛު ފަރުހާދު ރަޝީދެވެ.
އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 166 ފަނޑިޔާރުންނަށް ލިބިގެންވެ އެވެ. މީގެތެރެއިން 163 ފަނޑިޔާރުން ވަނީ މިއަދުގެ ވޯޓުގައި ބައިވެރިވެފަ އެވެ. އިންސައްތިން ބަލާނަމަ މިއީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 98.19 އިންސައްތަ ފަނޑިޔާރުންނެވެ.
މިއަދު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިހާރުވަނީ ލިބިފަ އެވެ. އެ ނަތީޖާ ދައްކާ ގޮތުން އަލްއުސްތާޛު ފަރުހާދު ރަޝީދު ވަނީ ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖޭއެސްސީގެ މެންބަރުކަމަށް އިންތިހާބުވެފަ އެވެ.
ޖޭއެސްސީއަށް މެންބަރަކު ހޮވުމަށް ބޭއްވި މި އިންތިހާބު މިފަހަރު ބޭއްވީ ވާޗުއަލްކޮށެވެ. އެގޮތުން އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔައީ އިލެކްޓްރޯނިކް ވޯޓިން ނިޒާމެއްކަމުގައިވާ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށެވެ.