އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަންނަވައިފިއެވެ.
އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް ރާއްޖެއަށް ވަޑައިގަންނަވާފައިވަނީ މިއަދުގައެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމުން ރަތްދޫލައިގެ މަރުހަބާއެއް ދަންނަވާފައެވެ.
ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާ އެކު މަޝްވަރާތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެއެވެ.
ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ އިތުރުން އެ ގައުމުގެ އެހީގައި އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް އައްޑޫއަށް ވަޑައިގަތުމަށް ވެސް ހަމަޖެހިފައިވެއެވެ. އިންޑިޔާގެ އެހީގައި އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫ ގެ އިތުރުން ހަންކެނޑެ ބްރިޖުގެ މަޝްރޫއު ހިމެނޭއިރު އައްޑޫގައި ހުންނަ ފުލުހުންގެ ކޮލެޖަކީ ވެސް އެގައުމުގެ އެހީގައި ގާއިމްކޮށްފައިވާ ކޮލެޖެކެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި އިންޑިއާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ އިންނެވެ.
ޖައިޝަންކަރު ރާއްޖެއަށް ވަޑައިގެންނެވި މިއީ ހަތަރުވަނަ ފަހަރެވެ. އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާގެ ސަރުކާރުގެ އިސް ވަޒީރަކު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.