ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ ސަމާލުކަން ދޭންވީ ކަންކަމުގެ އިރުޝާދު ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ދީފިއެވެ.
އެންޑީއެމްއޭއިން ބުނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ ކުރިއަށް އޮތް 5 ދުވަހު ރައްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހި ވިލާގަނޑުގައި 40 މޭލާއި 45 މޭލާ ދެމެދު ވައިބާރުވެ ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދީފައިވާކަމަށެވެ.
އެހެންވެ އާންމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
މިގޮތުން އެޅިދާނެ ފިޔަވަޅުތައް:
- - ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން
- - ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުން. މިގޮތުން ގޭގެ ކުރިމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން
- - ގޭގެ ތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނޭ މުދާ ފެން ނުޖެހޭ ފަދަ އުސްތަނަކަށް ބަދަލުކުރުން. އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން
- - ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލަިއލަފާނެކަމަށް ލަފާކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން
- - ގަދަ ވައިގެ ސަބބަުން އެއްލައިލާނެފަދަ ތަކެތި ބަނދެ ރައްކާތެރިކުރުން
- - ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވައިލާފައި ބެހެންޓުން
- - ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ސަމާލުވުން. އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަގީންކުރުން
- - ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރުފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާއި ބެހޭ އިދާރާތަކުން ހޯދުން.
- - ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެގޮތަށް ދުރާލާ ކަންކަން އިންތިޒާމްކުރުން
މޫސުން ގޯސްވެ ބޯކޮށް ވަރޭ ވެހި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަަމާލުވުމަށް މެޓް އޮފީހުންވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދައިގެން ދަތުރު ކުރުމަށް ވެސް އަންގާފައިވެއެވެ.