ލާމަރުކަޒީ ނިޒާމާއި ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ދައްކަނީ އެއްވެސް އިޚްލާސްތެރިކަމެއް ނެތް ވާހަކަތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދުދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވީ ޕީއެސްއެމްގެ 'ބާބު' ޕްރޮގްރާމްގައި ބައިވެވރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އަޒާން ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ދައުލަތަށް ބުރަ ކުޑަ އަދި ރައްޔިތުންނަށް އެންމެ ފައިދާ ވާނެގޮތަށް ލާމަރުކަޒީ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ.
"ސަރުކާރުން މަސައްކަތްކުރަނީ އެފިޝިއަންޓް ނިޒާމެއް ޚަރަދު ކުޑަ އަދި އޭގެ ސަބަބުން ރައްޔިތުންނަށް އިތުރު ފައިދާތައް ލިބިގެންދާނެގޮތަށް ނިޒާމް ބައްޓަން ކުރަން" އަޒާން ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީން ލާމަރުކަޒީ ނިޒާމާއި ގުޅިގެން ދައްކާ ވާހަކަތަކަކީ އެއްގޮތަކަށްވެސް ދެކޮޅު ޖެހޭ ވާހަކަތަކެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން އެމްޑީޕީގެ ވެރިކަމުގައި އެންމެ ފުރަތަމަ އެ ނިޒާމް ތައާރަފްވެގެން އައިއިރު ރާއްޖޭގެ ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ނުކިބޭކަމަށާއި އޭގެ މައްޗަށް އިތުރު ލޭޔާއެއް ލައި ޕްރޮވިންސް އޮފިސްތަކެއް ގާއިމު ކުރިކަން ވެސް އަޒާން ފާހަގ ކުރިއެވެ. އަދި އޭގެފަހުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް ލާމަރުކަޒީ ނިޒާމް ރަނގަޅު ކުރަން އެމްޑީޕީން މަސައްކަތް ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.
"އެމްޑީޕީގެ އަމަލަކުން ނުފެނޭ އިހްލާސްތެރިކަމެއް، ރަނގަޅުކުރަން މަސައްކަތް ކުރިތަނެއް ވެސް ނުފެނޭ."އަހްމަދު އަޒާން| ހިތަދޫ މެދު ދާއިރާ
މިދިޔަ ވެރިކަމުގައި ފެނުނީ ބަޔަކަށް މުސާރަދޭން ކައުންސިލަރުންގެ އަދަދު ގިނަ ކޮށްލިތަންކަމަށްވެސް އަޒާން ވިދާޅުވިއެވެ.
މީގެއިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ގިނަ އިންތިހާބުތައް ބޭއްވުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި ދެއިންތިހާބު އެއްކޮށް ކުރިއަށް ގެންދިއުމުން ދައުލަތަށްވެސް ރައްޔިތުންނަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ.
އަދި އެކަމުގެ ސަބަބުން ސިޔާސީ ޕާޓީތަކަށްވެސް ލުއި ފަސޭހަތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.