އެމްޑީޕީގެ ނާއިބުރައީސްގެ މަޤާމު ފުރުއްވަމުން ގެންދަވާ އަލްއުސްތާޛާ ހިސާން ހުސައިންގެ ގޭގައި ތިބި ކުޑަކުދިންތަކަކަށް އޭނާ ކޮށްފައިވާ ލާއިންސާނީ އަނިޔާތަކެއްގެ ވާހަކަތައް "ދިޔަރެސް" އަށް ލިބިއްޖެއެވެ.
މިހާރު އެމްޑީޕީގެ ޕީޖީ ލީޑަރ ނާޒިލްގެ އަނބި ކަނބަލުން އަދި ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގައި ތުޅާދޫ ދާއިރާގެ ގޮނޑި ފުރި ހިސާން އަނިޔާކޮށްފައިވަނީ އެގޭގައި ކިޔަވަން ތިބި ކުދިންތަކަކަށެވެ. އެކުދިންނަށް ހިސާން ކޮށްފައިވާ އަނިޔާތަކަކީ ޚިޔާލީ ފިލްމުތަކުންވެސް ނުފެންނަހާ ނުލަފާ އަނިޔާތަކެކެވެ.
މ. ނޫހިރި ގޭގައި ކިޔަވަން ތިބި ކުދިން ނިދާފައިތިބުި ކޮޓަރީގެ ފެންލައިޓުން 1 ފޫޓް 4 އިންޗި 6 އިންޗި ގަލެއް އެއްލާފައެވެ. ހިސާން މި ގައު އެއްލީ ކީއްވެ ކަމެއް ނޭގުނުކަމުގައި ވިޔަސް ކުޑަކުދިންތަކެއް ނިދާފައި ތިބި ކޮޓަރީގެ ތެރެއަށް 1 ފޫޓުގެ އެޅިގަލެއް އެއްލާނީ އަނިޔާއެއް ދިނުމުގެ ނިޔަތުގައި ކަމަށް ބެލެވެއެވެ. ކުޑަކުދިންތަކެއް ނިދާފައި ތިބި ކޮޓަރިއަކަށް ގަލެއް އެއްލާނީ ހިތުގައި އެއްވެސް ރަހުމެއް ކުލުނެއް ނެތްމީހެކެވެ.
ހިސާން ވަނީ ކުޑަކުދިން ތިބި ކޮޓަރިން ފެނާއި ކަރަންޓުގެ ޚިދުމަތްތައްވެސް ކަނޑާލާފައެވެ. ކިޔަވަން މާލެއައިސް ތިބި ކުދިންތަކެއް ދިރިއުޅޭ ކޮޓަރިން ފެނާއި ކަރަންޓުގެ ޚިދުމަތްތައް ކަނޑާލުމުން އެކުދިންނަށް އަސާސީ އަދި ޒަރޫރީ ބޭނުންތައް ފުއްދުމުގައި ކުރިމަތިވާނެ ދަތިތަކަކީ ދެކޭ ބަޔަކު ހިތްފަޅާއިގެންދާނެފަދަ ކަންތައްތަކެކެވެ. މިކުދިން އެދުވަސްވަރު ޒަރޫރީ ބޭނުންތަކަށް ފެން ހޯދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިހުންނަ ޕަބްލިކް އިސްކުރުތަކުންނެވެ. ކިޔަވައި ފިލާވަޅު ހަދާފައިވަނީ އުއްބައްތި ބޭނުންކޮށްގެންނެވެ.
15 ދުވަހަށްވުރެ ގިނަ ދުވަހަށް މިއަނިޔާތަކަށް ކެތް ކުރަމުންދިޔަ ކުދިންތައް ހިސާން ވަނީ ގެއިން ނެރެ މަގުމަތި ކޮށްލާފައެވެ. ހިސާން ކުރި އަނިޔާތައް ހިސާންގެ ބައްޕަ ދެނެލައްވާނެ ކަމަށާއި މިކަންތައްތަކަކީ ހިސާން އޭނާގެ ބައްޕައާއި ދެކޮޅަށް ބައްޕަގެ ނުރުހުމުގައި ކުރި ކަންތައްތަކެއްކަންވެސް އަނިޔާ ލިބުނު ފަރާތުން ބުނެއެވެ.
އަނިޔާ ލިބުނު 1 ކުއްޖަކު ވަނީ ހިސާން ދީފައިވާ ލާއިންސާނީ އަނިޔާތައް ހާމަކޮށް 2019 ވަނައަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި އިބްރާހިމް މުޙައްމަދު ސާލިހުގެ ސަމާލުކަމަށް މިމައްސަލަ ގެނައުމަށް އަނިޔާ ލިބުނު ފަރާތަކުން ވަނީ ސިޓީވެސް ފޮނުވާފައެވެ. އެކުއްޖާ އެސިޓީ ރައީސް އިބްރާހިމްއަށް ފޮނުވީ އެކުއްޖާ ނިސްބަތްވާ ދާއިރާގެ މަޖިލިސް ގޮންޑިއަށް އެމްޑީޕީގެ ޓިކެޓުގައި ހިސާން ވާދަކުރައްވާތީ ކެތްނުކުރެވިގެންނެވެ. ނަމަވެސް އަނިޔާ ލިބުނު ކުދިންގެ ވާހަކަތަކަށް ރައީސް އިބްރާހިމް ވަނީ ބީރުކަންފަތެއް ދެއްވާފައެވެ. މައްސަލައިގެ ތަހުޤީގެއް ނުހިންގި އިރު ހިސާންއަސް މަޖިލީސް ގޮނޑި ކާމިޔާބުކޮށްދިނުމުގައި ޢަމަލީ ގޮތުން ކެންޕޭނެވެސް ކޮށްދެއްވިއެވެ.
ހިސާން މިކުދިންނަށް ދިން އަނިޔާތަކުގެ މައްސަލަ ކުރިން ފުލުހަށް ހުށަހަޅާފައިވާކަމަށްވެސް އަނިޔާ ލިބުނު ފަރާތުން ބުނެއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މިމައްސަލަ ތަހުޤީގުކޮށް ބަލާފައެއް ނުވެއެވެ.
އެމްޑީޕީއަކީ އިންސާފު ޤާއިމުކުރުމަށް ވަކާލާތުކުރާ ޕާޓީއެއްކަމަށް އަބަދުވެސް އެޕާޓީން ބުނަމުންދާއިރު، އެޕާޓީގެ ލީޑާޝިޕުގައި މިފަދަ ލާއިންސާނީ ޢަމަލުތަކެއް ހިންގާފައިވާ މީހަކު ހުރުމުން އެޕާޓީން ދައްކާ ވާހަކަތަކުގެ އިޚްލާސްތެރިކަމާމެދު ސުވާލުއުފެދެއެވެ. އެމްޑީޕީގެ މެންބަރުންތައް ވިއްސި ވިހާލިވެ ޕާޓީ ދެބައިވެ މިއަދު އޮތް ހާލަތައް ވެއްޓެން ދިމާވި ސަބަބެއް ކަމަށްވެސް މިފަދަ ކަންކަން ހިނގާފައި ހުރުން އެކަށީގެންވެއެވެ.