ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު މާލެ ސިޓީ މޭޔަރު އާދަމް އާޒިމް އާއި ބައްދަލު ކުރައްވައިފިއެވެ.
މިކަން ހާމަކޮށް އިމިގްރޭޝަނުން އެކްސްގައި ޕޯސްޓެއް ކޮށްފައިވެއެވެ. މި ޕޯސްޓުގައި ބުނެފައިވަނީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު މާލެ ސިޓީ މޭޔަރު އާދަމް އާޒިމް އާއި ބައްދަލު ކުރައްވާފައިވާ ކަމަށާއި މާލެ ސަރަޙައްދުގައި މިހާރު ދިމާވެފައިވާ ޤާނޫނާ ޚިލާފު ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެގޮތުން ގަވާއިދާފަށް ރާއްޖޭގައި މަސައްކަތް ކޮށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގައި ދެފަރާތުން އެއްބާރުލުން ދެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވާއިރު ޝަމްއާން ފާހަކުރެއްވި ކަންބޮޑުވުންތަކާ ގުޅޭގޮތުން އެންމެ ފުރިހަައަށް އެއްބާރުލުހުން ދެއްވާނެކަމުގެ ޔަގީންކަން މޭޔަރު ދެއްވާފައިވާ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
ރާއްޖޭގައި ގަވާއިދާއި ހިލާފަށް މަސައްކަތްކުރާ އަދި ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. އަދި މި މިފަދައިން އުޅޭ ބިދޭސީން ރިޕޯޓުކުރުމަށް ހާއްސަކޮށްގެން އިމިގްރޭޝަން ވޮޗްގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ވެސް ތައާރަފްކޮށްފައިވެއެވެ.
މި އޮޕަރޭޝަންތަކުގައި 150 އަށް ވުރެ ގިނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މި އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އެއްވެސް ބިދޭސީއަކަށް ދެވަނަ ފުރުސަތެއް ނުދޭނެ ކަމަށް މީގެ ކުރިން އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި މި ބިދޭސީންތައް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.