Saturday 7th Sep 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ރައްޔިތުންގެ މަޖިލީހުގައި ތިބެންވީ ކިތައް މެންބަރުން؟

ރައްޔިތުންގެ މަޖިލިސް ޖަލްސާއެއް ކުރިއަށް ދަނީ

މިހާރު އަމަލުކުރަމުން އަންނަ ޤާނޫނު އަސާސީއާއިއެކު އެންމެ ބޮޑު ބަދަލެއް އައި އެއް މުއައްސަސާއަކީ ރައްޔިތުންގެ މަޖިލީހެވެ. ޒަމާންތަކެއް ވަންދެން ކޮންމެ އަތޮޅަކުން ދެމެންބަރުން އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ އަށް މެންބަރުންގެ މައްޗަށް އެކުލެވިފައި އޮތް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވާ ފޯމިއުލާއެއް މިއޮތީ ތައާރަފުވެފައެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މިހާރު ވަރަށް ގިނަ ބަޔަކަށް އެބަ އިއްތިފާގުވެވެއެވެ. ސުވާލަކީ ރައްޔިތުންގެ މަޖިލީހުގައި ތިބެންވީ ކިތައް މެންބަރުން ހެއްޔެވެ؟

ފެހި ޤާނޫނު އަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އިންތިހާބު ކުރީ 77 މެންބަރުންނެވެ. އެއީ ޤާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (1) ގައި މެންބަރުން އިންތިހާބު ކުރަންވީ ގޮތް ބަޔާންކޮށްފައި އޮތުމުން އައި ބަދަލެކެވެ. އެމާއްދާގައި ބުނެފައި އޮތީ ރައްޔިތުންގެ މަޖިލިސް އެކުލެވިގެން ވަނީ ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުންގެ މައްޗަށް ކަމަށެވެ. އަދި އެމާއްދާގެ (2) ގައި ބުނެފައި އޮތީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ ފަސްހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް އިންތިހާބު ކުރަންވާނެ ކަމަށެވެ.

ޖެހިގެން އޮތް 71 ވަނަ މާއްދާގެ (ށ) ގައި ބުނެފައި އޮތީ މި މާއްދާގެ ބޭނުމަށްޓަކައި އިދާރީ ދާއިރާ ކަމުގައި ބުނެފައި އެވަނީ، މި ޤާނޫނުއަސާސީ ތަޞްދީޤުކުރާއިރު، ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ގޮތުގައި ބަލާ ވިހި އަތޮޅާއި މާލެއާއެކު ޖުމްލަ އެކާވީސް ދާއިރާއަށެވެ. އަދި އިދާރީ ދާއިރާތަކުގެ ތަފްޞީލް ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި އެވަނީ ކަމަށެވެ. ޖަދުވަލް ދޭއްގައި އޮތީ ކުރިން ވެސް ބަޔާންކޮށްފައި އެއޮތްފަދައިން އަތޮޅުތަކާއި މާލެ އެވެ. މާލެ ކަމުގައި ވިލިމާލެ އާއި ހުޅުމާލެ ހިމަނާފައި އެބައޮތެވެ. އެހެންކަމުން ޤާނޫނު އަސާސީ މިހާރު އޮތް ގޮތައް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން ބަދަލުވާން ޖެހޭތޯ ފުރަތަމަ ސުވާލު ކުރަން ޖެހެއެވެ.

އެސުވާލު ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހެއްގައި ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ކުރައްވާފައި ވެއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބު ކުރުމަށްފަހު، މެންބަރަކު އިސްތިއުފާ ދެއްވައިފިނަމަ ދެން މެންބަރުންގެ އަދަދު ގުނާނެ ގޮތަކާއި މެދު އެންމެ ފަހުން އޮތް މަޖިލީހުން ސުވާލު އުފެއްދުމުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވީ ޤާނޫނު އަސާސީގައި އޮތީ ޤާނޫނު އަސާސީއަށް ފުރަތަމަ އަމަލު ކުރަން ފަށާއިރު އިންތިހާބު ކުރާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިބެން ޖެހޭނެ ގޮތް ކަމަށެވެ. އެއަށްފަހު ދައުރަކު އެއްފަހަރު މެންބަރުންގެ އަދަދު އިތުރުވާން ޖެހޭނެ ކަމަކަށް ފަނޑިޔާރު ސުއޫދު ގަބޫލުފުޅެއް ނުކުރައްވައެވެ. "އެއީ ޤާނޫނު އަސާސީއަށް އަމަލު ކުރެވިގެން 2008 ވަނަ އަހަރު ދެން އިންތިހާބެއް ބާއްވާއިރު ގުނާނެ ގޮތަކީ މިއީއޭ. އެއީ ކޮންމެ އަތޮޅަކަށް ދެމީހުން. އަދި 5000 މީހުންނަށްވުރެ އިތުރުވާކަމަށް ވާނަމަ ބަލާނީ މިހެންނޭ. އެއީ ފުރަތަމަ އިންތިހާބަށް ހެދިފައި އޮތް މާއްދާއެއް ކަމަށް. އަދި ގުނާނެ ގޮތް ކަމަށް. ދެން އެއީ ކޮންމެ ފަސްއަހަރަކުން ފަސް އަހަރަކުން އިތުރުވާކަމަށް އެމާއްދާ މާނަކުރެވޭތޯ؟" ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ބެހޭ ޤާނޫނު މިހާރު އޮތް ގޮތައް ބަލާއިރު ކޮންމެ ފަސް އަހަރަކުން މެންބަރުންގެ އަދަދު އިތުރު ކުރަން ޖެހޭނެ ކަމާއިމެދު ސުވާލެއް ނުއުފެއްދޭނެއެވެ. ނަމަވެސް މެންބަރުންގެ އަދަދު 77 ގައި ހިފަހައްޓަން ޤާނޫނު އަސާސީ ބަދަލު ކުރަން ޖެހޭތޯ އެއީ ބަހުސް ކުރެވިދާނެ މައުލޫއެކެވެ.

ދެން އޮތް ސުވާލަކީ ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހަށް 77 މެންބަރުންގެ އަދަދަކީ އެކަށީގެންވާ އަދަދެއް ހެއްޔެވެ؟ ރާއްޖެ ފަދަ އާބާދީ ކުޑަ އެހެން ގައުމުތަކަށް ބަލާއިރު މަޖިލިސް މެންބަރުންގެ އަދަދު 77 ކަމުގައި ކަނޑައެޅުން އެއީ ވެސް ބޮޑު އަދަދެކެވެ. މިސާލަކަށް ބަލާނަމަ އައިސްލޭންޑްގެ އާބާދީ 376000 އަރާއިރު ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 63 އެވެ. ބަހާމާސްގެ އާބާދީ 389000 އަރާއިރު ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 39 އެވެ. ފިޖީގެ އާބާދީ ގާތްގަނޑަކަށް ނުވަލައްކައަށް އަރާއިރު ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 55 އެވެ. މޯލްޓާގެ އާބާދީ ފަސްލައްކައަށް އަރާއިރު ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 67 އެވެ.

ބޮޑު ޤާނޫނު ހަދާ މަޖިލީހެއްގެ މައިގަނޑު ބޭނުމަކަށްވެފައި އޮންނަން ޖެހޭނީ ޤާނޫނުތައް ހެދުމުގައި އާއްމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުން ކަމަށް ބެލެވިދާނެއެވެ. ނަމަވެސް ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އަދަދު 50 އިން 77 އަށް އަދި އެއަށްފަހު 85 އިން 93 އަށް އިތުރުވެގެން ދިޔައިރު ޤާނޫނުތައް ހެދުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުން އިތުރުވެގެންނެއް ނުދެއެވެ. އެހެންކަމުން ގިނަ މަޖިލިސް މެންބަރުންތަކެއް އިންތިހާބު ކުރަނީ ގިނަގިނައިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ކަމަށް ބުނެ ނިންމާލެވޭކަށް ނޯންނާނެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު އެގައުމުތަކުގައި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގައި ގައުމެއްގެ ސިފައިގައި އެގައުމެއް އެތުރިފައި އޮތްގޮތާއި، ގައުމުގެ ސަގާފަތާއި، ޒަމާނުއްސުރެ ގައުމުގެ ސަރަހައްދުތައް ބެހިފައި އޮތް ގޮތައް ބަލާފައި ހުރެއެވެ. އެހެންކަމުން އަދި ރާއްޖޭގައި ވެސް މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލަށް ބަލާއިރު އަތޮޅުތަކަށް ބެހިފައި މިއޮތް ރާއްޖޭގެ، ދިވެހިވަންތަ ސިފަ ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުން ފެންނަން ޖެހޭނެއެވެ. 20 އަތޮޅާއި، އަދި ވެރިރަށް މާލެ ގާނޫނު ހަދާ މަޖިލީހުން ތަމްސީލް ވާން ޖެހޭނެއެވެ.

އެހެންކަމުން ކޮންމެ އަތޮޅަކުން ދެމެންބަރުން، އަދި މާލޭގެ އާބާދީއަކީ ރާއްޖޭގެ އެހެން ރަށްރަށުގެ އާބާދީއަށްވުރެ އާދަޔާއި ހިލާފަށް ބޮޑު އާބާދީއެއް ކަމަށްވާތީ މާލޭގެ ހަތަރު އަވަށުން (ހެންވޭރު، ގަލޮޅު، މައްޗަންގޯޅި އަދި މާފަންނު) އާއި ވިލިމާލެ އާއި ހުޅުމާލެ އިން 12 މެންބަރުން އިންތިހާބު ކުރެވިދާނެއެވެ. އޭރުން ޖުމްލަ މެންބަރުންގެ އަދަދު ކަމަށް ވާނީ 52 އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގެ ބަހުސް ކުރާއިރު އަންހެނުންނަށް ވަކި އަދަދެއްގެ ގޮނޑި ހާއްސަ ކުރުން އެއީ ވެސް މިހާރު ބަހުސް ކުރެވެމުންދާ މައުލޫއެއްކަން ހަނދާނުގައި ބެހެއްޓުން މުހިއްމެވެ. ނަމަވެސް މަޖިލީހުގެ ވަކި އިންސައްތައެއް އަންހެނުންނަށް ދިނުމުގެ ގޮތުން މިސާލަކަށް %30 އަންހެނުންނަށް ހާއްސަކޮށް، ވާނުވާ ނޭނގޭ ފޯމިއުލާއެއް ތައާރަފު ކުރުމަށްވުރެ ރަނގަޅު ގޮތެއް ހޯދަން އެބަޖެހެއެވެ.

އެގޮތަކީ ކޮންމެ އަތޮޅަކުންނާއި އަދި މާލޭގެ ކޮންމެ އަވަށަކުން ވެސް އަންހެން މެންބަރަކާއި، ފިރިހެން މެންބަރަކު ހޮވުމެވެ. އެފަދަ ގޮތަކަށް މަޖިލިސް އިންތިހާބު ކުރެވިއްޖެނަމަ އެއީ އަންހެނުންނާއި ފިރިހެނުންގެ ބައިވެރިވުން ހަމަހަމަކަމާއިއެކު އޮންނަ، އަދި ތައުލީމީ ގޮތުން ކުރިއަރަމުން އަންނަ އަންހެނުން ގިނަ މުޖުތަމައުގައި އަންހެނުންނަށް ފުރުސަތު ފަހި މަޖިލީހަކަށް ވެގެންދާނެއެވެ. މީގެ އިތުރުން އަންހެނުންގެ ބައިވެރިވުން ޤާނޫނު ހަދާ މަޖިލީހުގެ %50 ކަމުގައި ކަނޑައަޅައިފިނަމަ ރާއްޖެ ވެގެންދާނީ ދުނިޔޭގެ ނިސްބަތުން ވެސް ސިޔާސަތުތައް ނިންމުމުގައި އަންހެނުންނަށް އެންމެ ބޮޑު ފުރުސަތެއް ފަހިވެގެންދާ ނަމޫނާ ގައުމަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 93 އިން 52 އަށް މަދުކުރެވިއްޖެނަމަ އެއީ ގައުމުގެ އިޤުތިޞާދަށް ވެސް އެކަމުގެ ލުއި ލިބޭނެ ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ. މިހާރު ހަމައެކަނި މެންބަރުންގެ މުސާރައަށް ދައުރެއްގެ ތެރޭގައި ބައި ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެއެވެ. އަދި މެންބަރުންނާއި، މެންބަރުންގެ އަނބިދަރިންންގެ އިންޝްއަރެންސާއި، މެންބަރުންނަށް އެހީތެރިވާން ތިބި ސެކްރެޓޭރިއަޓް މުވައްޒަފުންނާއި، މެންބަރުންނަށް ސެކިއުރިޓީ ދޭން ޖެހިއްޖެނަމަ އެމަސައްކަތް ކުރުމަށާއި މެންބަރުންގެ ދަތުރުތަކަށް ކުރަން ޖެހޭ ހޭދައަށް ބަލާއިރު ފަސް އަހަރު ދުވަހުގެ ތެރޭގައި ބިލިއަނެއްގައި ރުފިޔާ ޚަރަދު ކުރަން ޖެހޭނެއެވެ. މެންބަރުންގެ އަދަދު މިހާރަށްވުރެ 50 އިންސައްތަ ކުޑަ ކުރެވިއްޖެނަމަ ދައުލަތުން ކުރަން ޖެހޭ ބިލިއަން ރުފިޔާގެ ހޭދައިން ވެސް 50 އިންސައްތަ ކުޑަ ކުރެވޭނެއެވެ.

މެންބަރުންގެ އަދަދު މަދުކޮށްފިނަމަ މެންބަރުންނަކީ ހަމައެކަނި ޕާޓީގެ ޓިކެޓް ލިބުމުން ހޮވޭ ބައެއްގެ ބަދަލުގައި ގާބިލް މީހުންނަށް ފުރުސަތު ތަނަވަސްވާނެ ކަމަކަށް ވެސް އެކަން ވެގެންދާނެއެވެ. ސަބަބަކީ މިހާރު ޕާޓީގެ ޓިކެޓް ލިބުމުން ޕާޓީ މެންބަރުންގެ ވޯޓް ލިބި، ބާކީ ތިބި ކެންޑިޑޭޓުންގެ މެދުގައި ވޯޓްތައް ބައިބައި ވެގެން ދިއުމުން، ޕާޓީގެ ޓިކެޓް ލިބިފައި އޮންނަ މީހާ ވިއްސަކަށް ވޯޓްގެ ތަފާތަކުން ވެސް އިންތިހާބު ވުމުގެ ފުރުސަތު އޮންނާތީއެވެ. ނަމަވެސް ބޮޑު އާބާދީއަކުން މެންބަރަކު ހޮވަން ވޯޓްލާއިރު ޕާޓީގެ ސަޕޯޓަރުންގެ ވޯޓްގެ އިތުރަށް ވަކި ޕާޓީއަކަށް ނިސްބަތްނުވާ، ތައުލީމީ، ގާބިލް މީހުންނަށް ވޯޓް ދޭން ބޭނުންވާ އާއްމުންގެ ވޯޓް ވެސް ހޯދަން ޖެހޭނެއެވެ. ނަތީޖާއަކަށް ވާނީ ޕާޓީގެ އެކްޓިވިސްޓަށް ޓިކެޓް ދިނުމުގެ ބަދަލުގައި، ތައުލީމީ މީހުންނަށް ޓިކެޓް ދޭން ޕާޓީތަކުގެ ލީޑާޝިޕުން ވެސް މަސައްކަތް ކުރުމެވެ.

ހުރިހާ ގޮތަކަށް ވިޔަޖަހައި ނިންމުމުން ނިކުންނަ ނަތީޖާއަކީ ކޮންމެ ފަސް އަހަރަކުން މެންބަރުންގެ އަދަދު އިތުރު ވެގެން ނުވާނެއެވެ. މެންބަރުންގެ އަދަދު މަދުކުރަން ނިންމާއިރު އެއަދަދު ވެސް ވާން ޖެހޭނީ ދައުލަތަށް ބުރައަކަށްނުވާ އަދި ހުރިހާ އަތޮޅެއް ވެސް ތަމްސީލް ވާނެ އަދަދަކަށެވެ. އެއާއިއެކު އަންހެނުންގެ ބައިވެރިވުން ހަމަހަމަ ކަމާއިއެކު އޮންނަ މަޖިލީހަކަށް މަޖިލިސް ހެދިއްޖެނަމަ އެއީ ލިބޭނެ ބޮޑު ކުރިއެރުމަކަށް ވާނެއެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުންގެ އަދަދު 52 އަށް މަދުކުރުން އެއީ ގައުމުގެ ހާލަތު އޮތް ގޮތުންނާއި، އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ މެންބަރުންގެ އަދަދާއި، މުޅި ރާއްޖެ ތަމްސީލް ކުރެވޭނެ ގޮތެއް ހޯދާއިރު އެގޮތަކަށް ވެސް ނިސްބަތް ކުރެވޭނެ އަދަދެކެވެ.

މި ލިއުމާއި ގުޅޭ