ފުލާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުންވެސް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލާގައި ބަންދު އަމުރު ނެރިފައިވަނީ 22 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ މައްޗަށެވެ.
އެ ދެމީހުންގެ ބަންދާއިމެދު ކްރިމިނަލް ކޯޓުން އިއްޔެ 15 ދުވަސް ޖަހާފައިވުމުން، އެމީހުންގެ ބަންދު ނިމޭނީ މިމަހު 21 ވަނަ ދުވަހުގައެވެ. އަދި އެމީހުން ބަންދުކޮށްފައި ބަހައްޓަން ޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގައިކަމަށް ކޮޓުން އާންމުކޮށްފައިވާ އަމުރުގައިވެއެވެ.
މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ފިޔަފާރިކުރުމުގެ ދައުވާގެ ދަށުން އެމީހުންގެ މައްޗަށް ހުށަހަހެޅިފައިވާ ހެކިތަކަށް ބަލާއިރު އެމީހުންގެ މައްޗަށް ތުހުމަތުކުރާ އަމަލު އެ ދެމީހުންވެސް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވާކަމަށް ކޯޓުން މައުލޫމާތުދީފައިވެއެވެ.
އެގޮތުން، އެމީހުން ހައްޔަރުކުރެވުނު ފްލެޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަށާއި، އެ މަސްތުވާތަކެތީގައި ލޯގޯ، ޑިޒައިން އަދި ސައިޒު އެއްގޮތްވާ އިތުރު މަސްތުވާތަކެއްޗާއި އެއާ ގުޅުންހުރި ތަކެތި އިތުރު ފްލެޓަކުންނާއި 2 ކާރުން ފެނިފައިވާކަން ސީނަށް ދިޔަ ފުލުހުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލާގައި ގިނަ އަދެއްގެ މަސްތުވާތަކެތި ފެނިފައިވާއިރު، ބަންދުކުރެވުނު 22 އަހަރުގެ މީހާ އޭނާގެ ދިފާއުގައި ބުނެފައިވަނީ، އޭނާ އެގެއަށް ވަނީ ފާހަނާ ބޭނުންކޮށްލަން ކަމަށެވެ.
ހަމައެފަދައިން، މި މައްސަލާގައި ހިމެނޭ 24 އަހަރުގެ މީހާގެ ދިފާއުން ބުނެފައިވަނީ، އޭނާ އެގެއަށް ވަދެފައިވަނީ ދަރިފުޅަށް ކިރުދަޅެއް ބަލައިކަމަށާއި އޭނާ ވަތް ވަގުތު ފުލުހުން ފަހަތުން ވަނީކަމަށެވެ. ނަމަވެސް އޭނާ ހައްޔަރުކުރެވުނީ އެތެރޭގައި ހުރި ކޮޓަރިއަކުންކަމަށް ފުލުހުން ބުނުމުން، އޭނާގެ ވާހަކަ ކޮންމެވެސް ވަރަކަށް ބަދަލުކޮށްފައިވާކަން ކޯޓަށް ފާހަގަކުރެވިފައިވާކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުން ދޫކޮށްލައިފިނަމަމުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް މެދުވެރިވެދާނެކަމަށް ފެންނާތީ އޭނާ ބަންދުކުރަން ނިންމާފައިވާކަމަށް ޤާޟީ އާދަމް މުޙައްމަދު ނެރުއްވާފައިިވާ އަމުރުގައި ބަޔާންކޮށްފައިވެއެވެ.