ހުރިހާ އިންޝުއަރެންސް ކުންފުންޏަކަށް ހަމަހަމަ ފުރުސަތުތަކެއް ލިބޭގޮތަށް ގާނޫނު ބައްޓަން ކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ވިދާޅުވެއްޖެއެވެ.
މެންބަރު އިސްމާއިލް ނިޒާރު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގް ހުށަހެޅުއްވާފައިވާ އިންޝުއަރެންސްގެ ބިލަށް މިދިޔަ ހަފްތާގައި ބަހުސްކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
އޭނާ ވިދާޅުވީ މިފަދަ މުހިއްމު ބިލެއްގެ މަސައްކަތް ކުރާއިރު ވަކި އިންޝުއަރެންސް ކުންފުންޏަކަށް ވަކި ކަހަލަ ޚިދުމަތް ދިނުމުގައި މޮނޮޕޮލައިޒްކުރުމަށް ފުރުސަތު ދީގެން ނުވާނެގޮތަށް ކަންކަން ބައްޓަން ކުރަން ޖެހޭކަމަށެވެ.
އަދި ވަކި ބަޔަކަށް ވަކި ކަހަލަ ފުރުސަތުތަކެއް ލިބޭނެ ގޮތަކަށް ފުރުސަތު އޮތް ނަމަ އޭގެއިން ނާޖާއިޒް ފައިދާތަކެއް ބަޔަކަށް ނެގުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން މި ބިލަށް ދެއްކި ވާހަކަފުޅުގައި އިސްމާއިލް ވިދާޅުވީ ރާއްޖޭގައި އިންޝުއަރެންސްގެ ކަންތައްތައް އޮންނަ ގޮތުން ރޯޑް އެކްސިޑެންޓެއް ހިނގުމުން އިންޝުއަރެންސް ކުންފުނިތަކުގެ ފަރާތުން ހަރަކާތްތެރި ނުވާކަމަށާއި ނަމަވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި އެ ސީންއަށް އިންޝުއަރެންސް ކުންފުނިވެސް ދާކަމަށެވެ.
އަދި އެކަމަކީ ވަރަށް މުހިއްމުކަމެއްކަން ފާހަގަކުރައްވާ މެންބަރު އިސްމާއީލް ވިދާޅުވީ ޕޮލިސީ ހޯލްޑަރަކު އެބަޔަކަށް ލިބެން އޮތް އެއްޗެއް ކްލެއިމްކުރާއިރު ފުލުހުންގެ ފަރާތުން ލިބެން ޖެހޭ ރިޕޯޓެއް ނުވަތަ އެނޫންވެސް އެހެން ތަނަކުން ލިބެން ޖެހޭ ރިޕޯޓެއް ނުލިބުމުގެ ސަބަބުން އެ ފައިސާ ލިބުމުގައި ވަރަށް ގިނަ ލަސްތަކެއްކުރިމަތިވާކަމަށެވެ.
އެހެންވެ ބިލުގެ މަސައްކަތް ކުރާއިރު މިކަންކަމަށްވެސް ރިއާޔަތްކުރުމަށް އޭނާ އެދިވަޑައިގެންފައިވެއެވެ.