ގާނޫނުން ލިބިދޭން ޖެހޭ ރައްކާތެރިކަން މިއަދާއި ހަމައަށް ލިބިފައި ނެތުމަކީ އިންޝުއަރެންސް ވިޔަފާރި ކުރާ ފަރާތްތަކަށް އޮތް ބޮޑު ހުރަހެއް ކަމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ.
މިއަދު ޖަލްސާގައި، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިންޝުއަރެންސް ބިލަށް ބަހުސް ކުރައްވަމުން މެންބަރު ވިދާޅުވީ ހަރުދަނާ އިގްތިސާދެއް ބިނާ ކުރުމަށް ބޭންކިން ގާނޫނެއް ބޭނުންވާ ފަދައިން އިންޝުއަރެންސް ގާނޫނެއް ވެސް މުހިންމު ކަމަށެވެ.
ރާއްޖެއަށް އިންވެސްޓް ކުރާ ބޭރުގެ އެކިއެކި ފަރާތްތަކުން ރާއްޖޭގެ ގާނޫނު ބައްޓަން ވެފައި ހުންނަ ގޮތް ބަލަމުން ދާކަން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ މިފަދަ ގާނޫނެއް ވުޖޫދު ވެގެން ދިއުމާއެކު އިންވެސްޓަރުންނަށް ރާއްޖެއަށް އޮންނަ އިތުބާރުވެސް އިތުރުވެގެންދާނެ ކަމަށެވެ.
މީގެއިތުރުން ބިލުގައި ފާހަގަކޮށްފައިވާ ރީއިންޝުއަރެންސްގެ ނިޒާމު ހަމަޖެއްސޭނެ އުސޫލަށް އަލިއަޅުވާލައްވައި މެންބަރު ހުސްނީ ވިދާޅުވީ ރާއްޖޭގެ ކުންފުންޏަކުން ލިބެން ނެތް ހާލަތެއްގައި މެނުވީ ބޭރުން އެ އިންތިޒާމްތައް ހަމަނުޖެއްސޭނެ ކަމަށް ބަޔާންކޮށްފައި އޮތުމަކީ ރާއްޖޭގެ ކުންފުނިތަކަށް ސަރުކާރުން އިސްކަން ދޭ ކަން ހާމަވާ ކަމެއް ކަމަށެވެ.
އަދި މިއީ ރާއްޖޭ އިންޝުއަރެންސް އިންޑަސްޓްރީ ކުރިއެރުވުމަށްޓަކައި ތަފްސީލީ ގޮތެއްގައި ބަޔާންކޮށްފައިވާ އުސޫލުތަކެއް ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ބިލުގައި ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންކަން ފުރިހަމަ ނުކޮށް ކަމަށް ބުނެ ބައެއް އިދިކޮޅު މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ ސަރުކާރުން މިފަދަ ބިލެއް ހުށަހަޅަނީ އެކަންކަމާ މެދު ކުރަން ޖެހޭ ދިރާސާތައް ކުރުމަށް ފަހު، ފަންނީ ފަރާތްތަކާ އެކު މަޝްވަރާ ވެސް ކުރެވިގެން ކަމަށެވެ.
މިއީ އަޅުގަނޑުމެން މަޖިލީހުގެ ފްލޯރ ގައި މިފަދަ ބިލަކަށް ބަހުސް ކުރާއިރު ވިސްނާލާފައި މިކަންކަމާމެދު ބަހުސްކުރަން ޖެހޭނީ، ސަބަބަކީ ސަރުކާރުން ހުށަހަޅާ ބިލްތައް ފުރިހަމަ ނުކޮށް ހުށަހަޅާ ކަމުގެ ނުރަނގަޅު ތަސްވުރެއް މި އުފެދިގެން ދަނީ.ހުސްނީ މުބާރަކް
އަދި މިފަދަ ބިލުތައް ހުށަހަޅަނީ މަޖިލީހަށް ހުށަހަޅާ ގޮތަށް ފާސްކުރުމަށް ނޫން ކަމަށާއި، އިބްތިދާއީ ބަހުސާއި ކޮމިޓީ މަރުހަލާގެ ތެރެއިން އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު ފާސްކުރުމަށް ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.
މެންބަރު ހުސްނީ ވިދާޅުވީ މި ބިލަކީ ގާނޫނީ ރައްކާތެރިކަން މިހާތަނަށް ލިބިދީފައިނުވާ ކަމަކަށް އެ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބިލެއް ކަމަށެވެ.