ދިރިނޫޅެވޭ ވަރަށް ބައުވެ ވީރާނާވެފައިވާ ގެއެއް ބަލައި ފާސްކޮށް ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަން އިން އެކްސްގައި ޕޯސްޓެއް ކޮށްފައިވެއެވެ. މި ޕޯސްޓުގައި ބުނެފައިވަނީ އިމިގްރޭޝަން ވޮޗް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާލޭ ސަރަހައްދުގެ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މާލެ ސަރަހައްދުން ބަލައި ފާސްކުރި ގެޔަކީ ދިރިނޫޅެވޭ ވަރަށް ބައުވެ ވީރާނާވެފައިވާ ގެއެއް ކަމަށާއި ނަމަވެސް މި ތަނަކީ ވިޔަފާރިއަށް އެކިކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ތަނެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މި އޮޕަރޭޝަނުގައި ގަވާއިދާ ޚިލާފަށް އެތަނުގައި ދިރިއުޅެމުންދިއަ 03 ބިދޭސީއެއް އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މި ރެއިޑުގައި ގިނަ އަދަދަކަށް އާންމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާތީ، މިކަން ވާނީ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައި ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކޮށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް ދަނީ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. މި އޮޕަރޭޝަންތަކުގައި 150 އަށް ވުރެ ގިނަ ބިދޭސީން އަތުލައިގަނެފައިވާއިރު މި އޮޕަރޭޝަންތަކުގައި އަތުލައިގަންނަ އެއްވެސް ބިދޭސީއަކަށް އިތުރުފުރުސަތެއް ނުދޭނެ ކަމަށާއި އަދި ކަމާބެހޭ އިދާރާތަކާއި ގުޅިގެން އެ މީހުން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިން އިމިގްރޭޝަނުން ބުނެފައި ވެއެވެ.
އިމިގްރޭޝަން ވޮޗް އަކީ ގަވާއިދާއި ހިލާފަށް މަސައްކަތްކޮށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ ފަސޭހައިން ރިޕޯޓުކުރުމަށް އިމިގްރޭޝަން އިން ތައާރަފްކުރި ޕްލެޓް ފޯމެކެވެ. މި ޕޯޓަލްއަށް ލިބުނު މައުލޫމާތާއި ގުޅިގެން މީގެ ކުރިންވެސް ތަންތަން ބަލައި ފާސްކޮށްފައިވެއެވެ.