އިންޝުއަރެންސް ޕޮލިސީތަކުގެ ވަކި އިންސައްތައެއް ދިވެހިރާއްޖޭގައި ހިފެހެއްޓޭގޮތަށް ގާނޫނުގައި ހިމެނުން މުހިއްމުކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.
ޠާރިޤް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން އޭނާ ހުށަހެޅުއްވި އިންޝުއަރެންސްގެ ބިލާއި ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ޠާރިޤް ވިދާޅުވީ އެމްއެމްއޭގެ މިހާރުގެ ގަވައިދުގައިވެސް އަދި އައު ބިލުގައިވެސް ރާއްޖޭގައި އިންޝުއަރެންސްކޮށްފައި ހުރި ރިސޯޓުތަކުގައި މެޖޯރިޓީ ޕަސެންޓަކީ ރާއްޖެއިން ބޭރުގެ ޕޮލިސީސްތައްކަމަށެވެ.
އިންޝުއަރެންސްގެ ޕްރިމިއަމް ދައްކަނީ ރާއްޖެއިން ބޭރުގެ ކުންފުނިތަކުންކަމަށާއި ރާއްޖޭގައި ހުރި ކުންފުނިތައް މެދުވެރިކޮށް ރާއްޖޭގައި ހުރި ހުރިހާ ޕްރޮޕަޓީތަކެއް އިންޝުއާކުރުމަށް ގާނޫނުން ބާރުދޭކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ބާރުދޭއިރުގައި މި ގާނޫނުގައި ހިމަނަން ވަރަށް ރަނގަޅު އެ ޕޮލިސީސްތަކުގެ ކޮންމެވެސް އަދަދެއްގެ ޕަސެންޓޭޖް ދިވެހިރާއްޖޭގައި ހުރި ކުންފުނިތައް މެދުވެރިކޮށް ދާއިރުގައި އޭގެ ކޮންމެވެސް ޕަސެންޓޭޖެއް 10 ޕަސެންޓަކީ ރާއްޖޭގައި ހިފެހެއްޓެން ޖެހޭ އެމީހުންގެ ބުކްސްއިން ފެންނަން ޖެހޭ އެއްޗެއްގޮތުގައި ހިމެނުން" ޓޮމް ވިދާޅުވިއެވެ.
"އެހެން ނޫނީ ވާގޮތަކީ ބޭރުގެ އިންޝުއާ ކުރާ ބޭރުގެ ޕާޓީތަކުން ރާއްޖޭގެ ޕާޓީތަކަށް ހަމައެކަނި ދޭނީ މެދުވެރިއެއްގެ ގޮތުގައި އިންނަ ކުޑަ ކުޑަ ފީ" އިތުރަށް ވިދާޅުވިއެވެ.
ޠާރިޤް ވިދާޅުވިގޮތުގައި މިވަގުތު އިންޝުއަރެންސް ނިޒާމް އޮތް ގޮތުން ޕްރިމިއަމްގެ ބޮޑު ޕަސެންޓެއް ދަނީ ރާއްޖެއިން ބޭރަށެވެ. އެހެންވެ މަދުވެގެން އޭގެ 10 އިންސައްތަ ދިވެހިރާއްޖޭގައި ހިފެހެއްޓޭގޮތަށް ހެދުމަކީ މުހިއްމުކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޠާރިޤް ވިދާޅުވީ ދުނިޔޭގެ ނެތް ފެންވަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެބަ އޮތްކަމަށާއި އެހެންވެ ޕްރީމިއަމް ގޮތުގައި ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކަށް މި 10 އިންސައްތަ ލިބޭ ނަމަ ދިވެހިރާއްޖޭގެ އިންޝުއަރެންސް ނިޒާމް ފުޅާކުރުމަށްޓަކައި ވަރަށް ބޮޑު ފުރުސަތެއް ލިބިގެންދާނެކަމަށެވެ.
އަދި ގާނޫނީ ނިޒާމްގެ ތެރެއިން ބޭރުގެ ކުންފުނިތަކާއި ދިވެހި ކުންފުނިތައް ބޭނުންކޮށްގެން އިންޝުއަރެންސް ވިޔަފާރި ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.