މިނިސްޓްރީ ހިންގުމާ ހަވާލުވިއިރު ސިއްހީ އެކި ޚިދުމަތްތަކަށް ސްޓޭޓް ޓްރޭޑް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ދައްކަން ޖެހޭ 300 މިލިއަން ރުފިޔާ އޮތް ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ކޮންޒިއުމެބަލްސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރަން މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޚަލީލް ވިދާޅުވީ ކޮންސިއުމެބަލްސް ހުސްވުމަކީ އަބަދުވެސް ދިމާވާ މައްސަލައަކަށް ވީނަމަވެސް އެކަން ހައްލުކޮށް، މެދުނުކެނޑި ކޮންސިއުމެބަލްސް ލިބޭނެ މަގުފަހި ކުރުމަށްޓަކައި އެސްޓިއޯއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް މިނިސްޓްރީ އާ ހަވާލުވިއިރު ކުރީ ސަރުކާރުން އެސްޓީއޯއަށް ދައްކަން ޖެހޭ 300 މިލިއަނެއްހާ ރުފިޔާގެ ބެކްލޮގެއް އޮތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު އެސްޓީއޯއަށް ދައްކަންޖެހޭ ގާތްގަނޑަކަށް 300 އެއްހާ މިލިއަން ރުފިޔާ އޮތް. އެއީ ކޮންސިއުމަބަލްސް ރީއޭޖެންސްޓްސް. އަދިވެސް އެހެން ސިއްހީ ދާއިރާއާ ގުޅުންހުރި ބައެއް ޚަރަދުތަކުގެ. ނަމަވެސް މިހާރު ބޮޑުބައެއް ދައްކައިފިން.ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް
އެ ފައިސާގެ ތެރެއިން ބޮޑު އަދަދެއް މިހާރު ދައްކާފައިވާ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ އަދަދު ދެއްކުމުންވެސް ކޮންސިއުމެބަލްސް ފޯރުކޮށްދިނުމަށް އެސްޓީއޯއަށް މިހާރު ފަސޭހަ ވެގެންދާނެ ކަމަށެވެ.
މީގެއިތުރުން، މިނިސްޓަރު ވިދާޅުވީ އެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ގެނައުމުގެ މަގްސަދުގައި ޚާއްސަ ސޮފްޓްވެއާއެއް ޑިވެލޮޕް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ޚަލީލް ވިދާޅުވި ގޮތުގައި އެ ސޮފްޓްވެއާ މެދުވެރިކޮށް ހޮސްޕިޓަލުތަކާއި ސިއްހީ ޚިދުމަތް ފޯރުކޮށްދޭ އެހެނިހެން ތަންތަނުން ހުސްވާ ސާމާނުތަކާއި އިތުރަށް ބޭނުންވާ ތަކެތި ދެނެގަނެވޭނެއެވެ.