އެމެރިކާގައި އުފައްދާފައިވާ އެފް-16 ހަނގުރާމަ މަތީ ޖެޓް މަތިންދާބޯޓުތައް ޔުކްރެއިންއަށް، ލިބިއްޖެ ކަމަށް ޔޫކްރެއިންގެ ރައީސް ވްލަޑަމިއާ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ނަން ހާމަނުކުރާ އެއާބޭސްއެއްގައި ބޭއްވި ރަސްމިއްޔާތެއްގައި، އެފް-16ގެ ދެ މަތިންދާބޯޓުގެ ކައިރީގައި ހުންނަވައި ރައީސް ޒެލެންސްކީ ވިދާޅުވީ، "އެފް-16 ޔުކްރެއިންގައި. އަޅުގަނޑުމެން މިކަން ކޮށްފިން" ކަމަށެވެ. ނަމަވެސް އެއަށްވުރެ ގިނަ ޖެޓް މަތިންދާބޯޓު ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރިން މި މަތިންދާބޯޓުތައް ދޭން ޖެހިލުންވި ހަނގުރާމައިގެ އެހީތެރިންނަށް ޒެލެންސްކީ ޝުކުރު އަދާކުރެއްވިއެވެ.
މި މަތިންދާބޯޓުތައް ލިބުމަކީ، ސޯވިއެޓް ޒަމާނުގެ ޖެޓް މަތިންދާބޯޓުތަކަށް ބަރޯސާވެފައިވާ ޔުކްރެއިންގެ އެއަރފޯސްގެ ޤާބިލުކަން އިތުރުކުރުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
2023 ވަނަ އަހަރުގެ އޯގަސްޓް މަހު އެމެރިކާގެ ރައީސް ޖޯ ބައިޑެން، ޔޫރަޕްގެ އެހީތެރި ގައުމުތަކަށް ޔުކްރެއިންއަށް އެފް-16 މަތިންދާބޯޓު ފޮނުވުމުގެ ހުއްދަ ދެއްވުމާ ގުޅިގެން، ނޭޓޯ ގައުމުތަކުން އެފް-16ގެ 65 މަތިންދާބޯޓު ޔުކްރެއިންއަށް ފޮނުވުމަށް ވަނީ ވަޢުދުވެފައެވެ.
އެފް-16 މަތިންދާބޯޓު ތަޢާރަފުކުރެވުނީ 1978 ވަނަ އަހަރުއެވެ. ސިފައިންގެ ގިނަ ބާރުތަކުން މިހާރު ދަނީ މި ޒަމާންވީ މަތިންދާބޯޓުތައް މަޑުމަޑުން ރިޓަޔަރކޮށް، 2015 ވަނަ އަހަރު ތަޢާރަފުކުރެވުނު އެމެރިކާ އުފެއްދުމުގެ އެފް-35 މަތިންދާބޯޓުތަކުން ބަދަލުކުރަމުންނެވެ.
ޔުކްރެއިންގެ އެފް-16 މަތިންދާބޯޓުތަކާއެކު، މިހާރުވެސް އެ ގައުމުގައި ހުރި ހަނގުރާމަވެރި އެހީތެރިން ފޯރުކޮށްދީފައިވާ މަދު އަދަދެއްގެ ޕެޓްރިއެޓް އަދި ނަސާމްސް ފަދަ ބިމުން-ވައަށް ދޫކުރާ މިސައިލް ސިސްޓަމްތައްވެސް ބޭނުންކުރެވޭނެއެވެ.