ސޯމާލިޔާގެ ވެރިރަށް މޮގަދީޝޫގައި ހުކުރު ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއެއްގައި 32 މީހުން މަރުވެ، 63 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައި ކަމަށް ސޯމާލިޔާ ފުލުހުން ބުނެފިއެވެ.
ސޯމާލިޔާ ފުލުހުންގެ ތަރުޖަމާނު އަބްދިފަތާހު އަދަން ހަސަން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މި ހަމަލާގައި ބޮމެއް ގޮއްވާލުމަށްފަހު ބަޑިވެސް ޖަހާފައިވާ ކަމަށެވެ.
"ހުކުރު ދުވަހުގެ ރޭ މޫދަށް ގޮސްތިބި އާންމު ރައްޔިތުން ތަކެއް މަރާލުމަށްފަހު، ތިން ޓެރަރިސްޓުން ބީޗް ވިއު ހޮޓަލަށް ވަދެފައިވޭ،" އޭނާ ވިދާޅުވިއެވެ.
ހޮޓަލުގައި ހިނގި ހަނގުރާމައަކަށްފަހު ސެކިއުރިޓީ ބާރުތަކުން އެ ތިން މީހުން މަރާލިކަމަށާއި، ސެކިއުރިޓީގެ ދެ މީހަކަށް އަނިޔާވެ، އޭގެތެރެއިން އެކަކު ފަހުން މަރުވެފައިވާކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.
މި މާރާމާރީގެ ޒިންމާ އަލްޤައިދާއާ ގުޅުންހުރި ޓެރަރިސްޓް ޖަމާޢަތް އަލް-ޝަބާބުން ވަނީ ނަގާފައެވެ.
2007 އިން ފެށިގެން އަލް-ޝަބާބުން ދަނީ ސޯމާލިޔާ ސަރުކާރާއި އެފްރިކާ ޔޫނިއަންގެ ޓްރާންސިޝަން މިޝަންއާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. މި މިޝަނަކީ އެފްރިކާ ޔޫނިއަނުން ހުއްދަދީ، އދ. ގެ ސެކިއުރިޓީ ކައުންސިލުން ބާރުދީފައިވާ މިޝަނެކެވެ.