އުރީދޫގެ ފައިވް-ޖީގެ ޙިދުމަތް މިހާރު މުޅި ރާއްޖޭގެ %60 އަށް ލިބޭނެކަމަށާއި މުޅިރާއްޖެއަށް މި ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އުރީދޫއިން މިކަން ހާމަކޮށްފައިވަނީ އެކުންފުނީގެ އަހަރީ ދުވަހާއި ގުޅުވައި ކަސްޓަމަރުންނަށް އައު ޚިދުމަތްތަކެއް ތަޢާރަފްކުރުމުގެ ގޮތުން އެކުންފުނިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.
އުރީދޫގެ 19 ވަނަ އަހަރީދުވަސް މިއަދު ފާހަގަކުރަމުން ދާއިރު، ކަސްޓަމަރުން ޑިޖިޓަލް ދިރިއުޅުން ފުރިހަމަކުރުމަށް އައު އަދި އިތުރު ޚިދުމަތްތަކެއް އެކުންފުނިން ވަނީ ތަޢާރަފްކޮށްފައެވެ. އަދި އުރީދޫން އަލަށް ތަޢާރަފް ކުރި ޚިދުމަތްތަކާއި ގުޅޭގޮތުން އެކުންފުނިން ބުނީ، އަހަރީ ދުވަސް ފާހަގަކުރަން ފެށުމާއެކު ޒަމާނީ ޓެކްނޮލޮޖީއާއި އިނޮވޭޓިވް ސޮލިއުޝަންތައް މެދުވެރިކޮށް މުޅި ރާއްޖެ ގުޅާލުމަށް ދެ އަހަރު ވަންދެން ކުރަމުން އަންނަ މަސައްކަތުގެ ކައުންޓްޑައުން ފެށިގެންދާ ކަމަށެވެ.
މި ގޮތުން މިހާރު ރާއްޖޭގެ 60 އިންސައްތައަށް އުރީދޫ ފައިވް-ޖީގެ މިހާރު ލިބޭނެ ކަމަށް އެކުންފުނިންބުނެއެވެ. އަދި 60 އިންސައްތައިން 100 އިންސައްތައަށް ޙިދުމަތް ފުޅާކުރުމުގެ މަސައްކަތް ހަލުކަމާއިއެކު ކުރަމުން އަންކަމަށާއި މިހާރު ހަލުވި ސްޕީޑާއި އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ރަނގަޅު ފައިވް-ޖީގެ ނެޓްވޯކެއް ލިބޭނެކަމަށެވެ. މި ޚިދުމަތް 22 ރަށަކާއި ފަސް ރިސޯޓަކަށް ފުޅާވެފައިވާކަން އެކުންފުނިން ފާހަގަކުރިއެވެ.
ދުނިޔެއަށް ޓެކްނޮލޮޖީ ފުޅާވެގެންދާއިރު ލިބޭ ޚިދުމަތްތައް ރާއްޖެއަށް ވެސް ގެނެސްދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އުރީދޫން ކޮށްދޭނެ ކަމަށް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ޚަމަދީ ވިދާޅުވިއެވެ.
އެގޮތުން އައު ގިނަ ޕްރޮޑަކްޓެއް އެކުންފުނިން ލޯންޗު ކޮށްފައިވެއެވެ. މީގެ ތެރޭގައި އުރީދޫގެ ފައިވް-ޖީ ކަވަރޭޖް މުޅި ރާއްޖޭއަށް ފުޅާ ކުރުމުގެ މަސައްކަތް ޙާއްސަކޮށް އެކުންފުނިން ފާހަގަކުރެއެވެ. އަދި ހުރިހާ ކަސްޓަމަރުންގެ ބައިވެރިވެވޭ ގޮތަށް ނުޖޫމް-ލޯޔަލްޓީ ޕްރޮގްރާމާއި، ޑެއީލީ ފައިބަރ ބްރޯޑްބޭންޑް ޕެކޭޖުތައް އެކުންފުނިން ވަނީ ތަޢާރަފްކޮށްފައެވެ.
މީގެ އިތުރުން އޭއައި ޕޯސްޓް ޕެއިޑް ޕެކޭޖާއެކު ބޮޑެތި އެލަވެންސްތައް ލިބޭ ޑޭޓާ ޕެކޭޖެއް އުރީދޫއިން އަހަރީ ދުވަހާއި ގުޅުވައި ވަނީ ތަޢާރަފްކޮށްފައެވެ. އެކުންފުނިން އަލަށް ތަޢާރަފް ކުރި ޕެކޭޖުތަކުގެ ތެރޭގައި މުނިފޫހިފިލުވުމަށް ޚާއްސަ ޕެކޭޖެއްވެސް ހިމެނެއެވެ. އެންޓަޓެއިނިއާ ނަމުގައި މި ޕެކޭޖު ފަރުމާކޮށްފައިވަނީ މުނިފޫހިފިލުވުމުގެ ހުރިހާ ބޭނުންތަކެއް އެއްތަނަކުން ފުއްދައިދޭ ގޮތަށެވެ.
މި ޕްރޮގްރާމްތަކަކީ ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ރޭވިފައިވާ ޕްރޮގްރާމްތަކެއްކަމަށް އެކުންފުނިން ފާހަގަކުރެއެވެ.
އުރީދޫއިން ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން,ރާއްޖެއާއި ގަތަރުގެ ޓީމުތައް ވާދަކުރާ ރޮކެޓް ލީގު މުބަރާތަކާއެކު އެކުންފުނިން ވަނީ މިފަހަރުގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައެވެ. އުރީދޫން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ޚިދުމަތްތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުން ކުރިއެރުވުމަށް ކަމަށެވެ.