މިނިސްޓަރު މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިވަގުތަށް ކުރަމުންދާ މަސައްކަތާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އާ ޖަނަރޭޓަރާއެކު އަންނަ މަހުގެ ތެރޭގައި ހައްލު ލިބޭނެއެވެ.
އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަންއަށް ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެއްވެސް ކަހަލަ ކުރިއެރުމެއް ގެނެވިފައި ނުވާ ކަމަށާއި މި ސަރުކާރު އައިއިރު އެތަނުގެ މެއިންޓެނެންސް ކުރެވިފައި ނުވާ ކަމަށާއި އެތަނަށް ބޭނުންވާ އިތުރު ޖަނަރޭޓަރު ނުވަތަ ސްޕެއާ ޕާޓްސް ވެސް ހޯދިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ މަސައްކަތްތައް އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ތޯރިގް ވިދާޅުވިއެވެ.
މީގެ އިތުރުން 20 ޖަނަރޭޓަރުގެ ޖުމްލަ ކެޕޭސިޓީއަކީ 26.8 މެގަ ވޯލްޓް ކަމަށާއި 5 ޖަނަރޭޓަރު ހަލާކުވެފައި ހުރުމުން މިހާރު އުފެއްދެނީ 15.5 މެގަ ވޯލްޓްގެ ކަރަންޓު ކަމަށް ވުމުން އެންމެ ގިނައިން ކަރަންޓު ބޭނުން ކުރާ ގަޑިތަކުގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.