Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

އޮލިމްޕިކްސްގެ ތަރި ސިންދޫއާ ވާދަކޮށް ނަބާ ދެއްކީ އުއްމީދާއި ހިތްވަރު

ޕެރިސް އޮލިމްޕިކްސް 2024 ގެ ބެޑްމިންޓަން އިވެންޓުގައި ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް (ނަބާ) އާ ވާދަކޮށް އިންޑިއާގެ އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔާ ޕީވީ ސިންދޫ މޮޅުވެއްޖެ އެވެ.

އޮލިމްޕިކްސް ބެޑްމިންޓަން އިވެންޓުގައި ރާއްޖޭގެ ނަބާ ހިމެނޭ ގްރޫޕުގެ މެޗުތައް ފެށީ މިއަދު އެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ އެސްޓޯނިއާ އަށް ނިސްބަތްވާ ކްރިސްޓިން ކޫބާ އެވެ.

ސިންދޫ އަކީ އަންހެން ސިންގަލްސްގައި ދުނިޔޭގެ ރޭންކިންގެ 13 ވަނަ އެވެ. ނަބާ އަކީ ސިންގަލްސްގައި 111 ވަނަ އެވެ.

ސިންދޫ އަކީ އެންމެ ފަހުގެ ޓޯކިޔޯ އޮލިމްޕިކްސް 2020 ގައި އަންހެން އިވެންޓުގެ ސެމީ ފައިނަލަށް ދަތުރުކުރި ކުޅުންތެރިއެކެވެ. އަދި 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ވެސް ސިންދޫ ސިންގަލްސް އިވެންޓުން މެޑަލް ހާސިލްކުރި އެވެ. ސިންދޫ ވެފައިވަނީ ޖެހިޖެހިގެން ދެ އޮލިމްޕިކްސްގައި ބެޑްމިންޓަން އަންހެން ސިންގަލްސް އިން މެޑަލް ހާސިލްކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ސިންދޫ މެޗު ކާމިޔާބުކުރީ 21-09 އަދި 21-06 އިން މޮޅުވެގެންނެވެ.

މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ނަބާ ވަނީ ސިންދޫއާ ރަނގަޅު ވާދައެއްކޮށްފަ އެވެ. ފުރަތަމަ ހަތަރު ޕޮއިންޓާ ހަމައިން ދެ ކުޅުންތެރިން އޮތީ އެއްވަރުވެފަ އެވެ. އެކަމަކު ނަބާ އަށް ގޯސްތައް ހެދި، ސިންދޫ ދިޔައީ ތަޖުރިބާ ބޭނުންކުރަމުންނެވެ. އެ ސެޓުގެ ވަކި ހިސާބަކުން ސިންދޫ ބޮޑު ލީޑެއްނެގި އެވެ.

ނަބާ ފުރަތަމަ ސެޓުގައި ނުވަ ޕޮއިންޓް ހޯދިއިރު ސެޓުގެ ފަހުކޮޅު ކުޅުން ރަނގަޅުކުރި އެވެ.

ދެވަނަ ސެޓުގައި ސިންދޫ ފެނުނީ ފުރަތަމަ ސެޓަށް ވުރެ ވަރުގަދަކޮށެވެ. އެ ސެޓު ފަށައި ސިންދޫ ބޮޑު ލީޑެއް ނެގުމުން ނަބާ އަށް އުނދަގޫވި އެވެ. އެ ސެޓު ނިމުމާ ހަމައަށް ސިންދޫ އޮތީ ބޮޑު ލީޑެއްގަ އެވެ.

ބެޑްމިންޓަންގެ ދެވަނަ މެޗުގައި އެސްޓޯނިއާގެ ކުޅުންތެރިޔާއާ ދެކޮޅަށް ނަބާ ނުކުންނާނީ މާދަމާ އެވެ. އަނެއް ބުރަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ ކަށަވަރުކުރާ ކުޅުންތެރިޔާ އެވެ.

ރާއްޖޭން މިފަހަރުގެ އޮލިމްޕިކްސްގައި ބެޑްމިންޓަންގެ އިތުރުން ވާދަކުރަނީ ޓޭބަލް ޓެނިހާއި ސްވިމިން އަދި އެތުލެޓިކްސްގަ އެވެ.

ޓޭބަލް ޓެނިސް ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ އިއްޔެ ކުޅުނު މެޗުން ވަނީ ބަލިވެފަ އެވެ.

މާދަމާ ކުޅޭ ބެޑްމިންޓަނުގެ ދެވަނަ މެޗަށް ފަހު ރާއްޖޭގެ އެތުލީޓުން ދެން ވާދަކުރާނީ ބުރާސްފަތި ދުވަހު އޮންނަ ސްވިމިންގަ އެވެ. އެތުލެޓިކްސް އިވެންޓްތައް އޮންނާނީ ހުކުރު ދުވަހު އެވެ.

މި ލިއުމާއި ގުޅޭ